އެހެން މީހުންގެ ފާފަ ނުފުއްސަވާނެ ކަމަށް ޤަބޫލުކުރުން: މިއީ ﷲ ގެ ރަޙުމަތަށް ކުރެވޭ އިންކާރެއް

އިންސާނުންނަކީ ފުރިހަމަ ބައެއް ނޫނެވެ. ކޮންމެ އިންސާނަކަށްވެސް ކުށް ކުރެވުމަކީ އިންސާނީ ތަބީޢަތުގައި ހިމެނޭ ކަމެކެވެ. އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކަށް ބަލާއިރު، އިންސާނާ އުފައްދަވާފައިވަނީ ފާފަ ކުރެވޭނެ ފަދަ ބަލިކަށި ސިފަތަކަކާއެކުގައެވެ. ނަމަވެސް މުހިންމީ އެ ކުރެވޭ ފާފައެއްގެ މަތީގައި ދެމިހުރުމުގެ ބަދަލުގައި، އެކަމުން ދުރުހެލިވެ ﷲ ގެ ހަޟްރަތަށް އެނބުރި ރުޖޫޢަވުމެވެ.
ކައު އިތުރު ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވެއެވެ. “كُلُّ بَنِي آدَمَ خَطَّاءٌ وَخَيْرُ الْخَطَّائِينَ التَّوَّابُونَ” މާނައީ “ކޮންމެ އާދަމުގެ ދަރިއަކީވެސް ކުށްކުރެވޭނެ މީހެކެވެ. އަދި ކުށްކުރާ މީހުންގެ ތެރެއިން އެންމެ ހެޔޮކަން ބޮޑު މީހަކީ ތައުބާވާ މީހާއެވެ.” (ރިވާކުރެއްވީ: ތިރްމިޛީ އަދި އިބްނު މާޖާ) މި ޙަދީޘްފުޅުން އެނގިގެންދަނީ އިންސާނަކަށް ކުށެއް ކުރެވުމަކީ އޭނާގެ ދިރިއުޅުން ނިމުނީ ނޫން ކަމާއި، އެންމެ މާތް މީހަކީ ތައުބާވެ އިޞްލާޙުވާ މީހާ ކަމެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާއީ ފާފަފުއްސަވާ، ރަޙުމާންވަންތަ ރަޙީމްވަންތަ އިލާހެވެ. އިންސާނާ މަރުވުމުގެ ކުރިން، އިޚްލާޞްތެރިކަމާއެކު ތައުބާވެއްޖެނަމަ، ނުފުހެވޭނެ އެއްވެސް ފާފައެއް ނުވެއެވެ. އެ ކުރެވުނު ފާފައަކީ ކިތަންމެ ކުޑަ ފާފައެއް ކަމުގައިވީ ނަމަވެސް، ނުވަތަ މުޅި ދުނިޔެ ފުރޭހާ ގިނަ ބޮޑު ފާފައެއް ކަމުގައިވީ ނަމަވެސް، ﷲ ގެ ރަޙުމަތްފުޅު އެއަށްވުރެ މާ ތަނަވަހެވެ. މީހަކު ތައުބާވުމުން އެކަލާނގެ އެމީހެއްގެ ފާފަ ފުއްސަވައިދެއްވައެވެ.
ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ އަޅުންގެ އެންމެހައި ފާފަތައްފުއްސަވައި އެމީހުންގެ ތައުބާ ޤަބޫލުކުރައްވާ ކަމުގެ އެތައްބައިވަރު ދަލީލުތައް، ކީރިތި ޤުރުއާނާއި ނަބިއްޔާ صلى الله عليه وسلم ގެ ސުންނަތުގައި ވާރިދުވެގެން އައިސްފައިވެއެވެ. އެހެންކަމުން ﷲ ގެ އަޅާއާއި އެ އަޅާގެ ތައުބާ އާއި ދެމެދައް ވަނުމުގެ ހުއްދަ އެކަކަށްވެސް ލިބިގެނެއްނުވެއެވެ. އެއީ އޭނަގެ ފާފަތައް ކިތައްމެ ގިނަވެ، އަދި ބޮޑު ކަމުގައި ވިޔަސްމެވެ. އެހެނީ އެކަލާނގެ އަށް އިޚްލާސްތެރިކަމާއެކު ތައުބާވެއްޖެ ކޮންމެ އަޅެއްގެ ތައުބާ އެކަލާނގެ ޤަބޫލުކުރައްވައެވެ. އައްޒުމަރު ސޫރަތުގެ 53 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވަނީ: ﴿قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّـهِ ۚ إِنَّ اللَّـهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ﴾ މާނައަކީ: “ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ފާފައިން އިސްރާފުކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، ﷲ އީ އެންމެހާ ފާފަތައް ފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން އެކަލާނގެއީ ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.”(1)
އަދި އެންމެ ބޮޑެތި ފާފަތަކާއި ބެހޭގޮތުން، އަލްފުރްޤާން ސޫރަތުގައި މާތް ﷲ ވަޙީކުރައްވާފައިވަނީ: وَالَّذِينَ لَا يَدْعُونَ مَعَ اللَّـهِ إِلَـٰهًا آخَرَ وَلَا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللَّـهُ إِلَّا بِالْحَقِّ وَلَا يَزْنُونَ ۚ وَمَن يَفْعَلْ ذَٰلِكَ يَلْقَ أَثَامًا ﴿٦٨﴾ يُضَاعَفْ لَهُ الْعَذَابُ يَوْمَ الْقِيَامَةِ وَيَخْلُدْ فِيهِ مُهَانًا ﴿٦٩﴾ إِلَّا مَن تَابَ وَآمَنَ وَعَمِلَ عَمَلًا صَالِحًا فَأُولَـٰئِكَ يُبَدِّلُ اللَّـهُ سَيِّئَاتِهِمْ حَسَنَاتٍ ۗ وَكَانَ اللَّـهُ غَفُورًا رَّحِيمًا ﴿٧٠﴾ މާނައީ: “އެއުރެންނީ ﷲ އާއެކު އެހެން އިލާހަކަށް ގޮވައި ނަހަދާމީހުންނެވެ. އަދި ﷲ، ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް، ޙައްޤު ގޮތުންނޫނީ، ނުމަރާ މީހުންނެވެ. އަދި ޒިނޭނުކުރާ މީހުންނެވެ. އެއިން ކަމެއްކޮށްފިމީހާ (އެކަމުގެ) ޢުޤޫބާތާ ބައްދަލުކުރާނެތެވެ. އެމީހަކަށް ޤިޔާމަތް ދުވަހުން ޢަޒާބު ގިނަގުނަކުރައްވާހުށްޓެވެ. އަދި އިހާނެތިކަން ލިބިގެންވާ ޙާލު އެ ޢަޒާބުގެ ތެރޭގައި، އެމީހަކު ދެމިހުންނާނެތެވެ. ތައުބާވެ، އީމާންވެ، ގިނަގިނައިން ޞާލިޙު ޢަމަލު ކުޅަމީހަކު މެނުވީއެވެ. ފަހެ، އެއުރެންނާމެދު (ދަންނާށެވެ!) ﷲ، އެއުރެންގެ ނުބައިކަންތައް، ހެޔޮކަންތަކަށް ބަދަލުކުރައްވާނެތެވެ. ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ކަލަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.”(2)
މިއާޔަތުން ވަރަށް ސާފުކޮށް އިނގޭ ﷲ ސުބުޙާނަހޫ ވަތަޢާލާ އެންމެހައި ފާފަތައްފުއްސަވާނެކަން، އެއީ އެންމެ ބޮޑުފާފަ ކަމުގައިވާ ޝިރްކުކުރުން ކަމުގައިވީ ނަމަވެސްމެވެ. އަދި އޭގެ އިތުރުން ތައުބާވުމުން، ކުރިގައި ކުރެވުނު ފާފަތައް ހެޔޮކަންތަކަށް ބަދަލުކުރައްވައެވެ.(3)
މިހެންކަމުން، މީހަކަށް ކުރެވޭ ފާފައެއްގެ ސަބަބުން އެމީހަކީ ދުވަހަކުވެސް ފާފަ ނުފުހެވޭނެ މީހެއް ކަމަށް ޤަބޫލުކުރުމާއި، އެއީ އެންމެ ނުބައި މީހާ ކަމަށް ނިންމައިގެން ހުރުމަކީ ނުރައްކާތެރި ކަމެކެވެ. އެފަދަ ވިސްނުމަކީ ﷲ ތަޢާލާގެ “އަލްޣަފޫރު” (ފާފަފުއްސަވާ އިލާހު) އަދި “އައްރަޙީމް” (ރަޙުމްކުރައްވާ އިލާހު) ފަދަ މަތިވެރި ޞިފަފުޅުތަކަށް ކުރެވޭ އިންކާރެކެވެ. އެކަލާނގެ ފާފަ ފުއްސަވަން އިރާދަކުރައްވާ އަޅަކަށް، އެކަލާނގެ ރަޙުމަތުގެ ދޮރު ބަންދުކުރުމުގެ ބާރު އެއްވެސް އިންސާނަކަށް ލިބިގެން ނުވެއެވެ.
އަޅުގަނޑުމެންގެ ލޮލަށް ފެންނާނީ މީހަކު ފާޅުގައި ކުރާ ފާފައެވެ. ނަމަވެސް، އެމީހާ އެކަމާ ދެރަވެ، ރޭގަނޑުގެ ހިމޭން ވަގުތުތަކުގައި ﷲ ގެ ހަޟްރަތުގައި ރޮއި އާދޭސްކޮށް، ފާފަފުއްސެވުމަށް އެދި ދެންނެވި ދެންނެވުމެއް އަޅުގަނޑުމެންނަކަށް ނޭނގޭނެއެވެ. އެހެން މީހުންގެ މައްޗަށް ގޮތް ނިންމުމުގެ ބަދަލުގައި، އަޅުގަނޑުމެންގެ އަމިއްލަ ނަފްސު އިޞްލާޙުކޮށް، ﷲ ގެ ތަނަވަސް ރަޙުމަތްފުޅަށް އުންމީދު ކުރުމަކީ މުއުމިނެއްގެ ސިފައެކެވެ. އެހެން މީހުންގެ ތައުބާ ޤަބޫލުނުކުރެވޭނެ ކަމަށް ބުނުމަކީ، ﷲ ގެ ކިބައިން މީހަކަށް ލިބެން އޮތް ރަޙުމަތަކަށް ހުރަސް އެޅުމަށް ކުރެވޭ މަސައްކަތެކެވެ.
(1)(2)(3) އަހަރެންގެ ތައުބާ ޤަބޫލުކުރައްވާނެތޯ؟ / ޢިލްމް.އެމްވީ / ޢިލްމް އެޑިޓޯރިއަލް.