ދީން

ނަމާދުގައި ހުރެ ކިނބިހި އެޅިއްޖެނަމަ “الحمد لله” ކިޔަން ޖެހޭނެތަ؟

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ނަމާދުގައި ހުރެ ކިނބިހި އެޅިއްޖެނަމަ، އެއީ ފަރުޟު ނަމާދެއް ކަމުގައި ވިޔަސް ނުވަތަ ސުންނަތް ނަމާދެއް ކަމުގައި ވިޔަސް، މާތްﷲ އަށް ޙަމްދުކޮށް “الحمد لله” ކިޔުމަކީ އޮތް ކަމެކެވެ. މިއީ ޞަޙާބީންނާއި ތާބިޢީ ބޭކަލުންގެ ތެރެއިން ގިނަ ޢިލްމުވެރިންގެ ބަސްފުޅެވެ. އިމާމް މާލިކް، އިމާމް ޝާފިޢީ އަދި އިމާމް އަޙްމަދު ރަޙިމަހުމުﷲ ވެސް މިގޮތަށް ބުރަވެވަޑައިގަންނަވައެވެ. ނަމަވެސް، އެ ބަސް ބުނަންވާނީ ސިއްރުންތޯ ނުވަތަ ބާރަށްތޯ މިކަމުގައި ޢިލްމުވެރިންގެ މެދުގައި ޚިލާފުތަކެއް ހުއްޓެވެ. މިކަމުގައި އެންމެ ރަނގަޅު ގޮތަކީ އަދި އިމާމް އަޙްމަދުގެ ބަސްފުޅަކީ ވެސް، އެހެން މީހުންނަށް އުނދަގޫ ނުވާނެހެން، ހަމައެކަނި އަމިއްލަ ނަފްސަށް އިވޭވަރަށް ކުޑަކޮށް އަޑު ބާރުކޮށްލުމެވެ.

މިކަމުގެ ދަލީލަކީ އަބޫ ހުރައިރާ (ރަޟިޔަﷲ ޢަންހު) ރިވާކުރެއްވި ޢާންމު ޙަދީޘް ބަސްފުޅެވެ. ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘް ކުރެއްވިއެވެ: “ތިޔަބައިމީހުންގެ ތެރެއިން މީހަކު ކިނބިހި އަޅައިފިނަމަ، ‘الحمد لله’ ކިޔާށެވެ.” (ބުޚާރީ).

ހަމައެއާއެކު، ރިފާޢާ އިބްނު ރާފިޢު (ރަޟިޔަﷲ ޢަންހު) ރިވާކުރެއްވި ޙަދީޘުން ވެސް މިކަމަށް ބާރުލިބެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ތިމަންކަލޭގެފާނު ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ގެ ފަސްޕަހަތްޕުޅުގައި ނަމާދުކުރައްވަނިކޮށް ކިނބިހި އެޅިއްޖެއެވެ. ދެން ތިމަންކަލޭގެފާނު ވިދާޅުވީމެވެ: “الحمد لله حمداً كثيراً طيباً مباركاً فيه، كما يحب ربنا ويرضى” (މާނައީ: ގިނަވެގެންވާ، ހެޔޮވެގެންވާ، ބަރަކާތްތެރިވެގެންވާ ޙަމްދަކުން މާތްﷲ އަށް ޙަމްދުކުރަމެވެ. އެއީ އަޅަމެންގެ ވެރި ރަސްކަލާނގެ ލޯބިވެވޮޑިގަންނަވާ އަދި ރުހިވޮޑިގަންނަވާ ފަދައިންނެވެ.)

ނަމާދު ނިމުމުން ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ސުވާލުކުރެއްވިއެވެ: “ނަމާދު ތެރޭގައި ވާހަކަދެއްކީ ކާކު ހެއްޔެވެ؟” އެއްވެސް މީހަކު ޖަވާބެއް ނުދިނެވެ. ދެވަނަ ފަހަރަށް އަދި ތިންވަނަ ފަހަރަށް އެ ސުވާލު ތަކުރާރުކުރެއްވުމުން ރިފާޢާ އިބްނު ރާފިޢު ދެންނެވިއެވެ: “އޭ ﷲ ގެ ރަސޫލާއެވެ! އެއީ ތިމަންކަލޭގެފާނެވެ.” ރަސޫލާ ސުވާލުކުރެއްވިއެވެ: “ކަލޭގެފާނު ވިދާޅުވީ ކީކޭ ހެއްޔެވެ؟” ދެން އެކަލޭގެފާނު ކިޔުއްވި ޒިކުރު ވިދާޅުވެދެއްވުމުން ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ޙަދީޘް ކުރެއްވިއެވެ: “ތިމަންކަލޭގެފާނުގެ ފުރާނަފުޅު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދީ ވިދާޅުވަމެވެ. އެ ޒިކުރު އުފުއްލަވައިގެން މައްޗަށް ދިއުމަށްޓަކައި ތިރީހަށްވުރެ ގިނަ މަލާއިކަތުން ވާދަކުރެއްވިއެވެ.” (ތިރުމިޛީ، އަބޫ ދާއޫދު އަދި ނަސާއީ). ތިރުމިޛީ ވިދާޅުވާ ގޮތުގައި މިއީ ޙަސަން ޙަދީޘެކެވެ. އަދި އަލް-ޙާފިޡު “ތަހުޛީބު” ގައި ތިރުމިޛީއާ ޙަވާލާދީ މިއީ ޞަޙީޙް ޙަދީޘެއް ކަމަށް ބަޔާންކުރައްވާފައިވެއެވެ.

ބުޚާރީގެ ރިވާޔަތުގައި މި ޒިކުރު ކިޔާފައިވަނީ ރުކޫޢުން ތެދުވި ވަގުތު ކަމަށް އޮތް ނަމަވެސް، އެއީ އެ ވަގުތު ކިނބިހި އެޅުމުން ކިޔުނު އެއްޗަކަށް ވުން އެކަށީގެންވެއެވެ. ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އެކަމަށް އިންކާރު ނުކުރައްވައި ބަލައިގަތުމުން އެނގެނީ، ނަމާދުގައި ހުރެ ކިނބިހި އެޅުމުން ﷲ އަށް ޙަމްދުކުރުމަކީ އޮތް ކަމެއް ކަމެވެ. ނަމަވެސް، ނަމާދުގައި ހުރި މީހަކު ކިނބިހި އަޅައި “الحمد لله” ކިޔަސް، އެ އަޑު އިވޭ މީހާ “يرحمك الله” (ޔަރުޙަމުކަﷲ) ކިޔައިގެން ނުވާނެއެވެ. ސަބަބަކީ އެއީ އިންސާނުންގެ މެދުގައި ދެކެވޭ ވާހަކައިގެ ތެރެއިންވާ ކަމަކަށް ވާތީއެވެ. ނަމާދުގައި ހުރެ “يرحمك الله” ބުނި މީހަކަށް ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އިންކާރު ކުރައްވައި ޙަދީޘް ކުރެއްވިއެވެ: “ހަމަކަށަވަރުން މި ނަމާދަކީ އިންސާނުންގެ ވާހަކަދެއްކުމުގެ ތެރެއިން އެއްވެސް ކަމެއް އޭގައި ހިމެނުން ހުއްދަވެގެންވާ ކަމެއް ނޫނެވެ. އޭގައި ވަނީ ތަސްބީޙަ ކިޔުމާއި، ތަކުބީރު ކިޔުމާއި، ޤުރުއާން ކިޔެވުމެވެ.” (މުސްލިމް، އަބޫ ދާއޫދު އަދި ނަސާއީ).

ކަންކަމުގައި ކާމިޔާބު ދެއްވާ ފަރާތަކީ ﷲ އެވެ. އަދި އަޅަމެންގެ ނަބިއްޔާ މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އަށާއި، އެކަލޭގެފާނުގެ އާލު އަޞްޙާބުންނަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ.

ރިފަރެންސް: އިސްލާމް ކިއުއޭ 106435

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close