ރައީސް މުޢިއްޒު މަގުފަހިކުރައްވަނީ އިންޤިލާބަކަށް: ރައީސް ނަޝީދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު ޢަމަލުކުރައްވަމުން ގެންދަވާ ގޮތުން، ޤައުމު އިންޤިލާބަކަށް ދިއުމަށް އެމަނިކުފާނު މަގުފަހިކުރައްވަމުންދާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނ. ވެލިދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ރައީސް މައުމޫނުގެ ދައުރުގައި ވެސް މިފަދަ ހިފެހެއްޓުންތައް ފެއްޓެވުމުން ޤައުމު އިންޤިލާބަކާ ދިމާލަށް ދިޔަ ކަމަށާއި، މިހާރުގެ ސަރުކާރުން ވެސް ތަކުރާރުކުރަމުންދަނީ އެފަދަ ނާތަހުޒީބު އަމަލުތަކެއް ކަމަށެވެ.
ނަޝީދު ވަނީ ރަށްރަށުގެ އަތިރިމައްޗަށް ނުކުމެ ކުރީގެ ރައީސަކާ ސަލާމްކޮށް ހާލުބަލައި ހެދުން މަނާކޮށް ބިރުދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ހުވަދޫ އަތޮޅު ފަދަ ސަރަހައްދުތަކުން ގިނަ ދުވަސްވީ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ދިއުމަކީ ރައްޔިތުންގެ މެދުގައި ނަފުރަތު އުފެދެން މެދުވެރިވާ ސަބަބެއް ކަމަށާއި، އެއީ ރައީސް މުޢިއްޒު އަމިއްލަފުޅަށް ވެރިކަން އިންޤިލާބުކޮށްލަން ފުރުސަތު ހުޅުއްވާލުން ކަމަށް ވެސް އެމަނިކުފާނު ސިފަކުރެއްވިއެވެ.
މީގެ އިތުރުން، ރައީސް މުޢިއްޒުގެ ކިބައިގައި ވަފާތެރިކަމާއި އިޚްލާޞްތެރިކަމެއް ނެތް ކަމަށް ތުހުމަތުކުރައްވައި ނަޝީދު ވަނީ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކުރައްވާފައެވެ. އެގޮތުން، ރައީސް މުޢިއްޒު ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް ވެރިކަން ލިބިވަޑައިގަތުމާއެކު އެމަނިކުފާނަށް މަގުފަހިކޮށްދެއްވި ބޭފުޅުންނަށް ބޭވަފާތެރިވެވަޑައިގެންފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރައީސްގެ މަޤްބޫލުކަން ކުއްލިއަކަށް ގެއްލެނީ މިފަދަ ސަބަބުތަކާ ހުރެ ކަމަށެވެ.

