ބޭރުދުނިޔެ

ޣައްޒާގެ ރައްޔިތުންނަށް ކޭ.އެސް ރިލީފްގެ ފަރާތުން 24،500 ކެއުން ފޯރުކޮށްދީފި

ސައުދީ އަރަބިއްޔާގެ އެހީދޭ ޖަމްއިއްޔާ، ކިންގް ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރު (ކޭ.އެސް ރިލީފް) އިން، އިއްޔެ (އާދީއްތަ ދުވަހު) ގައްޒާގެ މެދުތެރެއާއި ދެކުނުގެ ސަރަހައްދުތަކުގައި ދިރިއުޅޭ ފަލަސްތީނުގެ އާއިލާތަކަށް 24،500 ހޫނު ކެއުން ބަހައިފިއެވެ. މިއީ ސައުދީން ކުރިއަށްގެންދާ އިންސާނީ އެހީގެ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ހަރަކާތެކެވެ.

ކޭ.އެސް ރިލީފްގެ ފަރާތުން ފެބްރުއަރީ މަހުގެ ފަހުކޮޅު ގައްޒާގެ މެދުތެރޭގައި މަރުކަޒީ ބަދިގެއެއް ގާއިމުކޮށްފައިވެއެވެ. އިސްރާއީލުން އެ ސަރަހައްދަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ދަތި ހާލުގައި އުޅެމުންދާ ފަލަސްތީނުގެ އެތައް ހާސް ރައްޔިތުންނަށް، އެ ބަދިގެ ގާއިމުކުރި ފަހުން މެދުނުކެނޑި ކެއުން ފޯރުކޮށްދެމުންދެއެވެ.

މި ހަރަކާތަކީ ސައުދީ ސެންޓަރު ފޯ ކަލްޗާ އެންޑް ހެރިޓޭޖާ ގުޅިގެން، “ސައުދީ ޕޮޕިއުލާ ކެމްޕޭން ފޯ ދަ ރިލީފް އޮފް ދަ ފަލަސްތީނިއަން ޕީޕަލް” ގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ. ސައުދީ ޕްރެސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގެ 40 މީހަކަށް ވަޒީފާގެ ފުރުސަތު ވެސް ވަނީ ފަހިވެފައެވެ.

ގައްޒާގެ އާބާދީގެ ގާތްގަނޑަކަށް 90 އިންސައްތަ މީހުން ދިރިއުޅެމުންދަނީ ފަގީރުކަމުގެ ރޭހުން ދަށުގައެވެ. އެމީހުންނަށް ކާބޯތަކެއްޗާއި، ސާފު ބޯފެނާއި، ބޭސްފަރުވާއާއި އަދި ތުއްތު ކުދިންނަށް ބޭނުންވާ ޒަރޫރީ ތަކެތި ލިބުމުގައި ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހަށްފަހު، އެއްގަމާއި، ކަނޑާއި އަދި ވައިގެ މަގުން ގައްޒާއަށް އެހީ ފޯރުކޮށްދިނުމުގައި ސައުދީ އަރަބިއްޔާއަކީ އެންމެ އިސް ސަފުގައި ހަރަކާތްތެރިވި ގައުމެކެވެ. އެގޮތުން އުރުދުންއާއި މިސްރުގެ ބޯޑަރުތައް މެދުވެރިކޮށް 80 އަށްވުރެ ގިނަ މަތިންދާބޯޓާއި ގިނަ އަދަދެއްގެ މުދާ އުފުލާ އުޅަނދުފަހަރުގައި ސައުދީން ވަނީ އެހީ ފޮނުވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close