ޚަބަރު

ބޭންކް ދަރަނި ނުދައްކައިގެން ކޯޓު އަމުރެއްގެ ދަށުން މީހަކު ހޯދަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދައްކަންޖެހޭ ކްރެޑިޓް ކާޑުގެ ބޮޑު ދަރަންޏެއް ކޯޓުން އެންގި ގޮތަށް އަދާނުކޮށް ފިލައިގެން އުޅޭ މީހަކު، ބަންދުގައި ބަހައްޓައިގެން ސިވިލް ކޯޓަށް ހާޒިރުކުރުމަށްޓަކައި އޭނާ ހޯދުމުގެ ބޮޑު އޮޕަރޭޝަނެއް ދިވެހި ފުލުހުން ފަށައިފިއެވެ.

އާދިއްތަ ދުވަހު ފުލުހުންގެ އިދާރާއިން ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، ކޯޓަށް ހާޒިރުނުވެގެން ހޯދަމުންދަނީ ތ. ތިމަރަފުށީ، އިރުދޭމާގެ، އުމުރުން 44 އަހަރުގެ އިސްމާޢީލް މޫސާ ކަމަށެވެ. ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވަނީ، ކުރިއަށް އޮތް ޖޫން 8 ގެ ނިޔަލަށް އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓުގެ ރަސްމީ ގަޑިއަށް ހާޒިރުކޮށްދިނުމަށެވެ.

މި މައްސަލައަކީ އިސްމާޢީލް މޫސާ ބޭނުންކޮށްފައިވާ އެމެރިކަން އެކްސްޕްރެސް ކްރެޑިޓް ކާޑަކަށް ފައިސާ ނުދެއްކުމުން އުފެދިފައިވާ މައްސަލައެކެވެ. ކޯޓުން ކުރިން ކޮށްފައިވާ ޙުކުމުގައި، އޮކްޓޫބަރު 2021 އާ ހަމައަށް އިންޓްރެސްޓާއި ޖޫރިމަނާ ހިމެނޭހެން އޭނާ ބޭންކަށް 24،376.68 ރުފިޔާ ދައްކަންޖެހޭ ކަމަށް ކަނޑައަޅައި، އެ ފައިސާ މަހުން މަހަށް ބަހާލައިގެން ހަ މަސް ދުވަހުގެ ތެރޭގައި ދައްކައި ޚަލާޞްކުރުމަށް އަމުރުކޮށްފައިވެއެވެ.

ނަމަވެސް، އެ ޙުކުމާ އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ ބީއެމްއެލް އިން ވަނީ އަލުން އެ މައްސަލަ ކޯޓަށް ހުށަހަޅާފައެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ބޭއްވި އަޑުއެހުމުގައި ބޭންކުން ހާމަކުރި ގޮތުގައި، ދަރަނި ނުދައްކައި ގިނަދުވަސްވުމުގެ ސަބަބުން އެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެ، 84،283.26 ރުފިޔާއަށް އަރާފައެވެ. އެ ފަހަރުވެސް ފައިސާ ދެއްކުމަށް ބޭންކުން 12 މަސްދުވަހުގެ ފުރުޞަތެއް ދިނުމަށް އެއްބަސްވުމުން، ކޯޓުން ވަނީ އެގޮތަށް ދަރަނި އަދާކުރުމަށް އަލުން ޙުކުމްކޮށްފައެވެ.

އޭގެ ފަހުންވެސް ކޯޓަށް ހާޒިރުނުވުމުގެ ސަބަބުން މިހާރު އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާއިރު، އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، ފުލުހުންގެ ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅައި އެ މަޢުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close