ޚަބަރު

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރަން ހަރުދަނާ ފިޔަވަޅުތަކެއް ދަނީ އަޅަމުން: ރައީސް

ރާއްޖެއަށް އެތެރެކުރާ އަދި ބޭނުންކުރާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ސަރުކާރުން “ދެގޮތެއްނުވެ” މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހާ ގުޅިގެން ރައީސް ފާހަގަކުރެއްވި ގޮތުގައި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނު ތަންފީޛުކުރުމާއި، ތަކެތި ޓެސްޓުކޮށް މޮނީޓަރ ކުރެވޭނެ އިންތިޒާމުތައް ހަރުދަނާކުރުމަކީ ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ސަރުކާރުން ގެންގުޅޭ މުހިއްމު ސިޔާސަތެކެވެ.

މި މުނާސަބަތުގައި ރައީސް ވަނީ ޣައްޒާއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކާބޯތަކެތިން މަޙުރޫމްވެ، ތަޣައްޔަރުވެފައިވާ ފެން ބޭނުންކުރަން ޖެހިފައިވާ މީހުންގެ ކަންބޮޑުވުންތަކަށް އަލިއަޅުވާލައްވާފައެވެ. މިފަދަ އިންސާނީ ކާރިސާތަކަށް ޙައްލެއް ހޯދުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢު ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވަމުން، އެމަނިކުފާނު ވިދާޅުވީ ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތަކަކީ އެންމެން ގުޅިގެން ކުރާ މަސައްކަތުން ހުއްޓުވިދާނެ ކަންކަން ކަމަށެވެ.

ކޮންމެ އަހަރެއްގެ ޖޫން 7 ވަނަ ދުވަހު ފާހަގަކުރާ މި ދުވަހުގެ މިއަހަރުގެ ޝިޢާރަކީ “ބަރޑަން ޓު ސޮލިއުޝަންސް – ސޭފް ފުޑް އެވްރީވެއަރ” އެވެ. ތަޣައްޔަރުވެފައިވާ ކާބޯތަކެތީގެ ސަބަބުން ދުނިޔޭގައި އަހަރަކު 1.52 މިލިއަން މީހުން މަރުވާކަމުގެ ހިތާމަވެރި ތަފާސްހިސާބުތައް ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ ހަރުދަނާ މިންގަނޑުތަކާއެކު މަސައްކަތްކޮށްގެން ހުރިހާ އެންމެނަށް ރައްކާތެރި މުސްތަޤުބަލެއް ކަށަވަރުކޮށްދެވޭނެ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close