ބޭރުދުނިޔެ

ލުބުނާނުގެ ދެކުނަށް އިސްރާއީލުން ދިން ހަމަލާއެއްގައި ލުބުނާނު ސިފައިންގެ ބަޔަކު ޝަހީދުވެއްޖެ

ލުބުނާނުގެ ދެކުނުގައި ދަތުރުކުރަމުންދިޔަ އަސްކަރީ އުޅަނދަކަށް އިސްރާއީލުން ދިން ވަރުގަދަ ހަމަލާއެއްގައި ލުބުނާނު ސިފައިންގެ ބަޔަކު ޝަހީދުވެފައިވާ ކަމަށް އެގައުމުގެ އަސްކަރިއްޔާއިން ހޮނިހިރު ދުވަހު ހާމަކޮށްފިއެވެ. މި ހަމަލާ ދީފައިވަނީ އެމެރިކާގައި ކުރެވުނު މަޝްވަރާތަކަށްފަހު، ދެގައުމުގެ ދެމެދުގައި ޝަރުތުތަކަކާއެކު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އިއުލާނުކުރިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ.

ލުބުނާނު އަސްކަރިއްޔާއިން އެކްސްގައި އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، “ޚަރްދަލީ-ނަބަޠިއްޔާ” މަގުން ދަތުރުކުރި އަސްކަރީ އުޅަނދަކަށް އަމާޒުކޮށް އިސްރާއީލުން ދިން ލާއިންސާނީ ހަމަލާގައި އޮފިސަރަކާއެކު ސިފައިންގެ ބަޔަކު ޝަހީދުވެފައިވާ ކަމަށެވެ.

އިސްރާއީލާއި އީރާނުގެ ތާއީދު އޮންނަ ހިޒްބުﷲ ޖަމާއަތާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމަށް އޭޕްރިލް 17 ގައި އެއްބަސްވުމަކަށް އާދެވުނު ނަމަވެސް، އެ އެއްބަސްވުމަށް އަމަލުކުރެވެމުން ނުދާކަން ފާހަގަކުރެވެއެވެ. ހިޒްބުﷲ އާއި އިސްރާއީލުން ދަނީ އެއްބަޔަކު އަނެއްބަޔަކަށް އެއްބަސްވުމާ ޚިލާފުވާކަމުގެ ތުހުމަތު އަޅުވަމުންނެވެ. އަދި ދެފަރާތުންވެސް ހަމަލާތައް ދެމުންދަނީ އަނެއް ފަރާތުން އެއްބަސްވުމާ ޚިލާފުވުމުން ދޭ ރައްދެއްގެ ގޮތުގައެވެ.

މި ހަފުތާގައި ވޮޝިންޓަންގައި ލުބުނާނާއި އިސްރާއީލުގެ މަންދޫބުން ވަނީ ޝަރުތުތަކަކާއެކު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އިތުރު އެއްބަސްވުމެއް އިއުލާނުކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ހިޒްބުﷲ އިން ހަމަލާތައް ހުއްޓާލައި، އިސްރާއީލުގެ ބޯޑަރު ސަރަހައްދުން ފަހަތަށް ޖެހެންޖެހެއެވެ. އަދި އެ ސަރަހައްދުގައި އަލަށް ކަނޑައަޅާ ވަކި ސަރަހައްދުތަކެއްގެ ފުރިހަމަ ކޮންޓްރޯލް ލުބުނާނުގެ ރަސްމީ އަސްކަރިއްޔާއިން ބަލަހައްޓަން ޖެހެއެވެ.

ނަމަވެސް، ހިޒްބުﷲ އިން ވަނީ މި އެއްބަސްވުމަށް އިންކާރުކޮށްފައެވެ. އެ ޖަމާއަތުން ބުނަމުންދަނީ ލުބުނާނުގެ ބިމުން އިސްރާއީލު ސިފައިން ފުރިހަމައަށް ފޭބުމަކީ މަޝްވަރާގެ އަސާސް ކަމަށެވެ.

ހޮނިހިރު ދުވަހު އިސްރާއީލުން ވަނީ ލުބުނާނުގެ ދެކުނާއި އިރުމަތީގެ ފަސް އަވަށެއްގެ ރައްޔިތުން ޒަހްރާނީ ކޯރުގެ އުތުރަށް ހިޖުރަކުރުމަށް އަންގައި، އަމުރުތައް އާކޮށްފައެވެ. އިސްރާއީލު އަސްކަރިއްޔާގެ ތަރުޖަމާނު އަވިޗޭ އަދްރައީ ވިދާޅުވީ، ހިޒްބުﷲ އިން ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވަމުންދާތީ، އެ ޖަމާއަތާ ދެކޮޅަށް ބާރުގެ ބޭނުންކުރަން އިސްރާއީލަށް މަޖުބޫރުވެފައިވާ ކަމަށެވެ.

މިދިޔަ މާރިޗު މަހުގެ 2 ވަނަ ދުވަހު ހިޒްބުﷲ އިން އިސްރާއީލަށް ހަމަލާދޭން ފެށުމާއެކު، ލުބުނާނު ވަނީ މެދުއިރުމަތީގެ ފުޅާ ހަނގުރާމައިގެ ތެރެއަށް ވަދެފައެވެ. އެ ހަމަލާތަކަކީ ފެބްރުއަރީ 28 ގައި އީރާނުގެ އެންމެ މަތީ ލީޑަރު އަވަހާރަކޮށްލުމުގެ ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާތަކެކެވެ. އޭގެ ރައްދުގައި އިސްރާއީލުން ދަނީ ލުބުނާނަށް ވައިގެ މަގުންނާއި އެއްގަމު މަގުން ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

އީރާނުން ބާރުއަޅަމުންދަނީ އެމެރިކާއާއެކު ކުރެވޭ އެއްވެސް މަޝްވަރާއެއްގައި ލުބުނާނުގެ މައްސަލަ ހިމެނުމަށެވެ. ނަމަވެސް، ލުބުނާނުގެ ރައީސް ޖޯސެފް އައޫން ސީ.އެން.އެން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ލުބުނާނުގެ ދާޚިލީ ކަންކަމާ އީރާނުން ބެހުން ހުއްޓާލަންޖެހޭ ކަމަށެވެ.

“މިއީ ތިޔަބޭފުޅުންގެ ގައުމެއް ނޫން، މިއީ އަޅުގަނޑުމެންގެ ގައުމު. އަޅުގަނޑުމެންގެ ގައުމުގެ ކަންކަމާ ބެހުމަކީ ތިޔަބޭފުޅުންގެ މަސައްކަތެއް ނޫން،” ރައީސް އައޫން ވިދާޅުވިއެވެ. އަދި އީރާނުން އެމެރިކާއާއެކު ކުރާ މަޝްވަރާތަކުގައި ލުބުނާނަކީ “ބާރްގޭނިންގ ޗިޕް” އެއްގެ ގޮތުގައި ބޭނުންކުރަމުންދާ ކަމަށާއި، އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ވާހަކަދެއްކުމާއި ސިޔާސީ މަޝްވަރާގެ މަގު ނޫން އެހެން ގޮތެއް މައްސަލަ ހައްލުކުރުމަށް ނެތްކަން ހިޒްބުﷲ އިން ދެނެގަންނަންޖެހޭ ކަމަށާއި، ލުބުނާނުގެ ގިނަ ރައްޔިތުން މިހާރު ތިބީ ހަނގުރާމައިގެ ސަބަބުން ވަރަށް ބޮޑަށް ވަރުބަލިވެފައި ކަމަށްވެސް ރައީސް އައޫން ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close