ބޭރުދުނިޔެ

އިންޑޮނޭޝިއާގައި ކެނެބިސް ގެންގުޅުނު އޮސްޓްރޭލިއާގެ އަންހެނަކު ހައްޔަރުކޮށްފި

އިންޑޮނޭޝިއާގެ ފުލުހުން އޮސްޓްރޭލިއާގެ އަންހެނަކު ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރުކުރީ ކެނެބިސް އެކުލެވޭ 59 މިލިލީޓަރުގެ ވޭޕް ލިކުއިޑާއެކުގައެވެ. އޭނާ ބުނާގޮތުގައި އެއީ ތަދު ކަނޑުވައިދޭ ފަރުވާއެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެކެވެ. ނަމަވެސް، މި މައްސަލައިގައި އޭނާގެ މައްޗަށް ބޮޑު ޖަލު ހުކުމެއް އައުމުގެ ފުރުސަތު އެބައޮތެވެ.

އުމުރުން 53 އަހަރުގެ މި އަންހެން މީހާއަށް، އިންޑޮނޭޝިއާގެ މަސްތުވާތަކެއްޗާ ދެކޮޅަށް ހަރުކަށިކޮށް އަމަލުކުރާ ގާނޫނުގެ ދަށުން 20 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ ކަމަށް، އެ ގައުމުގެ ނާކޮޓިކްސް އޮފިސަރު އައި ނިއޯމަން ދިއާނާ މަހާރްދިކާ ބުރާސްފަތި ދުވަހު އޭއެފްޕީއަށް މައުލޫމާތު ދީފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޓޫރިސްޓުންގެ މެދުގައި މަގުބޫލު ލޮމްބޮކް އައިލެންޑުން އޭނާ ކުއްޔަށް ހިފައިގެން އުޅޭ ގޭގައި ހުއްޓާ ހައްޔަރުކުރީ މިދިޔަ މަހުގައެވެ. އޭނާ ހައްޔަރުކުރީ، ކެނެބިސް އެކުލެވޭ ދިޔާ އެއްޗެއް އޭނާއަށް ޑެލިވަރީކޮށްފައިވާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ ގުޅިގެންނެވެ.

އޭނާ ބުނާ ގޮތުގައި ކެނެބިސް ވޭޕް ބޭނުންކުރަނީ ކަކުލުގައި ރިއްސުމާއި ނަފްސާނީ ބަލިމަޑުކަމަށް (ޑިޕްރެޝަން) ލުޔެއް ހޯދުމަށެވެ. ނަމަވެސް، މަހާރްދިކާ ވިދާޅުވީ ކޮންމެ ސަބަބަކާ ހުރެ ނަމަވެސް، މިއީ ޖިނާއީ ކުށެއްގެ ގޮތުގައި ތަހުގީގު ކުރެވޭނެ ކަމަށެވެ.

“އޭނާ ޖެހޭނީ އަޅުގަނޑުމެންގެ ގައުމުގައި އަމަލުކުރާ ގާނޫނުތަކާއި ގަވާއިދުތަކަށް ބޯލަނބަން. ކެނެބިސް ފަދަ މަސްތުވާތަކެއްޗަކީ އަޅުގަނޑުމެންގެ އިހުތިސާސްގެ ތެރޭގައި ގެންގުޅުން، ބޭނުންކުރުން ނުވަތަ ވިޔަފާރިކުރުން މަނާ އެއްޗެއް،” އޭނާ ވިދާޅުވިއެވެ.

އަންހެން މީހާގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ، ގިނަވެގެން 20 އަހަރުގެ ޖަލު ހުކުމަކާއި ދެ ބިލިއަން ރުޕިއާ (111،000 ޑޮލަރު) ގެ ޖޫރިމަނާއެއް އައުމުގެ ފުރުސަތު އޮތް ކަމަށްވެސް މަހާރްދިކާ އިތުރަށް ވިދާޅުވިއެވެ.

އިންޑޮނޭޝިއާއަކީ ދުނިޔޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް އެންމެ ހަރުކަށި ގާނޫނުތައް ގެންގުޅޭ އެއް ގައުމެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދިނުން ހިމެނެއެވެ. ނަމަވެސް، ފާއިތުވި މަދު އަހަރުތަކެއްގައި މަރުގެ އަދަބު ތަންފީޒުކުރުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

އެ ގައުމުގެ ޖަލުތަކުގައި މަރުގެ އަދަބު އިއްވާފައިވާ އެތައް ބަޔަކު މިހާރުވެސް އެބަތިއްބެވެ. އެންމެ ފަހުން މަރުގެ އަދަބު ތަންފީޒުކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ. އެފަހަރު އިންޑޮނޭޝިއާގެ މީހަކާއި ނައިޖީރިއާގެ ތިން މީހެއްގެ ގަޔަށް ބަޑިޖަހައި ވަނީ މަރުގެ އަދަބު ތަންފީޒުކޮށްފައެވެ.

މީގެ އިތުރުން، މިދިޔަ މާޗް މަހު އިނގިރޭސިވިލާތުގެ ދެ ފިރިހެނަކު، ބާލީއަށް ކޮކެއިން އެތެރެކުރި މައްސަލައިގައި ކުށްވެރިވެ، ނުވަ އަހަރާއި 11 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close