ނަތަންޔާހޫ އަކީ “މޮޔައެއް” ކަމަށް ބުނިކަން ޓްރަމްޕް ކަށަވަރުކޮށްދީފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނުގެ އެންމެ މަތީ ލީޑަރު މުޖުތަބާ ޚާމަނާއީއާ ބައްދަލުކުރަން ބޭނުންފުޅުވާކަމަށް ބުދަ ދުވަހު ޝާއިޢުކުރި އިންޓަވިއުއެއްގައި ވިދާޅުވެއްޖެއެވެ.
ނިއުޔޯކް ޕޯސްޓްގެ “ޕޮޑް ފޯސް ވަން” އަށް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ، “އަޅުގަނޑު އޭނާއާ ބައްދަލުކުރަން ބޭނުންވޭ. ކަންތައްތައް ހިނގާ ގޮތަކުން، ކޮންމެވެސް ހިސާބަކުން އަޅުގަނޑުމެން ބައްދަލުކުރާނެ ކަމަށް ބެލެވޭ،” ކަމަށެވެ.
މީގެއިތުރުން، އީރާނުން ނިއުކްލިއަރ ހަތިޔާރު ނުއުފެއްދުމަށް އެއްބަސްވެފައިވާ ކަމަށާއި، އެމެރިކާއާއެކު ކުރިއަށްދާ މަޝްވަރާތަކުގައި އީރާނުގެ އާޔަތުﷲ ބައިވެރިވެވަޑައިގަންނަވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. “އެމީހުން މިހާރު ވެސް އެވަނީ ނިއުކްލިއަރ ހަތިޔާރު ނުއުފެއްދުމަށް އެއްބަސްވެފައި،” އޭނާ ވިދާޅުވިއެވެ.
ލުބުނާނުގެ މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ދެމެދު ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކުރެވުނުކަމަށް ޓްރަމްޕް އިޢުތިރާފުވެވަޑައިގަތެވެ. ލުބުނާނާ ދެކޮޅަށް އިސްރާއީލުން ކުރަމުންދާ ހަނގުރާމައާމެދު ހިތްހަމަނުޖެހޭކަން ފާހަގަކުރައްވަމުން ޓްރަމްޕް ވިދާޅުވީ، “އަޅުގަނޑު އެހެން ބުނިން. ރުޅިއައީއެކޭ ނުބުނާނަން، އެކަމަކު އޭނާ މެދުކެނޑުމެއްނެތި ލުބުނާނާ ހަނގުރާމަކުރާތީ އަޅުގަނޑު ހުރީ ކޮންމެވެސް ވަރަކަށް ކަންބޮޑުވެފައި،” ކަމަށެވެ.
އެހެންނަމަވެސް، އޭނާއާއި ނަތަންޔާހޫއާ ދެމެދު އޮތީ ވަރަށް ގާތް ގުޅުމެއްކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ.
އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ އެކްސިއޯސް ރިޕޯޓްގައިވާ ގޮތުން، މިދިޔަ ހޯމަ ދުވަހު ފޯނުން ގުޅުއްވައި ޓްރަމްޕް ނަތަންޔާހޫއަށް ވިދާޅުވީ: “ކަލޭ ތިޔައީ ހަމަ އަސްލަށްވެސް މޮޔައެއް. އަހަރެން ނެތްނަމަ ކަލޭ އޮންނާނީ ޖަލުގައި. އަހަރެން މި ހުންނަނީ ކަލޭ ސަލާމަތްކުރަން. މިހާރު އެންމެންވެސް ކަލޭދެކެ ފޫހިވޭ. މިކަމުގެ ސަބަބުން އެންމެން މިހާރު އިސްރާއީލުދެކެ ނަފްރަތުކުރޭ.”
މި އިންޓަވިއުގައި ޓްރަމްޕް އިތުރަށް ވިދާޅުވީ، “އަޅުގަނޑު ބުނިން، ބީބީ، އަޅުގަނޑުމެން މިކަން ހުއްޓާލަން އެބަޖެހެއޭ. މިކަން ހުއްޓާލަން އެބަޖެހެއޭ.” އޭނާ މިހެން ވިދާޅުވީ އިސްރާއީލުން ކުރިއަށްގެންދާ އަސްކަރީ ހަމަލާތަކަށް އިޝާރާތްކުރައްވައެވެ.


