ޚަބަރު

ނަޝީދުގެ ފާޑުކިޔުންތަކަށް މުހުތާޒްގެ ރައްދު: ދުންފަތް ބޭނުންކުރުން ދިފާޢުކުރުމަކީ ޅަޖީލަށް ދެވޭ އަނިޔާއެއް

ދުންފަތާއި ވޭޕްގެ ނުރައްކަލުން ދިވެހި ޅަޖީލު ސަލާމަތްކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ފާޑުވިދާޅުވެ، އެއީ “އޯކޭ” ކަމެއްގެ ގޮތުގައި ދެއްކުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ މަސައްކަތްޕުޅަކީ ސިޔާސީ މަންފާއަކަށްޓަކައި ރައްޔިތުންނަށް ދޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށް ވިދާޅުވެ، ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަދި ސިންގަޕޫރަށް ކަނޑައަޅާފައި ހުންނަވާ ޑެޕިއުޓީ ހައިކޮމިޝަނަރު މުހުތާޒު މުހުސިން ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

މުހުތާޒް މިފަދައިން ރައްދު ދެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ ޒާތީ ދިރިއުޅުމުގެ ތެރެއަށް ވަންނަމުންދާ ކަމަށް ވިދާޅުވެ އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަމުން އަންނަ ރައީސް ނަޝީދު ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ. ނަޝީދުގެ ޕޯސްޓުގައި ސިނގިރޭޓުގެ އަގުބޮޑުކުރުމާއި، ވޭޕް މަނާކުރުމާއި، ޝީޝާ މަނާކުރަން އުޅުމުގެ އިތުރުން ސްމާޓްފޯން ބޭނުންކުރުން މަދުކުރަން ވަކާލާތުކުރުން ހިމަނުއްވައި ސަރުކާރުގެ ސިޔާސަތުތަކަށް ވަނީ ފާޑުވިދާޅުވެފައެވެ.

އެ ވާހަކަތަކަށް ރައްދު ދެއްވަމުން މުހުތާޒް ވިދާޅުވީ، ސަރުކާރުން ދުންފަތުގެ ޑިއުޓީ ބޮޑުކޮށް ވޭޕް މަނާކުރަން ނިންމީ ސިޔާސީ ހެޑްލައިން ހަދާކަށް ނޫން ކަމަށެވެ. މިއީ ސިއްހީ މާހިރުންނާއި ބެލެނިވެރިންގެ ބޮޑު އެދުމެއްގެ މަތިން، ގައުމުގެ ޅަދަރިން ނުރައްކާތެރި ވަބާއަކުން ސަލާމަތްކުރުމަށްޓަކައި އެޅި ހަރުދަނާ ފިޔަވަޅެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

މީގެ އިތުރުން، 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތްކުރައްވައި މުހުތާޒް ވިދާޅުވީ، އެކަމުގެ އަސްލު މަގްސަދަކީ އެ ކުދިންގެ ނަފްސާނީ އަދި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށެވެ.

މިފަދަ އިޖުތިމާއީ އަދި ސިއްހީ މައްސަލަތަކަކީ ޒާތީ ދިރިއުޅުމަށް ވަނުން ކަމަށް ބުނެ، ސިޔާސީ މަންފާއަށްޓަކައި ވަކާލާތުކުރާ ފަރާތްތަކުން ގަސްތުގައި ހުރަސްއަޅަނީ ރައްޔިތުންގެ ދުޅަހެޔޮކަމަށް ކަމަށާއި، އެފަދަ ފަރާތްތަކުގެ ނިޔަތާމެދު ރައްޔިތުން ވިސްނަންޖެހޭނެ ކަމަށް ވެސް މުހުތާޒް ވިދާޅުވިއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިއީ ސިޔާސީ ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި، މިއީ ދިވެހި ދަރިންގެ މުސްތަގުބަލާ ގުޅިފައިވާ ގައުމީ މައްސަލައެކެވެ.

ރައީސް ޑރ. މުއިއްޒުގެ ޒައާމަތުގައި ދުންފަތުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ. އެގޮތުން 2024 ވަނަ އަހަރުގެ ފަހުކޮޅު ދުންފަތާ ބެހޭ ގާނޫނު އިސްލާހުކޮށް، އެ އަހަރުގެ ޑިސެންބަރު 14 އިން ފެށިގެން ރާއްޖޭގައި ވޭޕް އެތެރެކުރުމާއި، ވިއްކުމާއި ބޭނުންކުރުން ވަނީ މަނާކޮށްފައެވެ.

ގާނޫނަށް ގެނެވުނު މި ބަދަލުތަކުގެ ތެރެއިން، 2007 ޖަނަވަރީ 1 އިން ފެށިގެން އުފަންވި އެންމެނަށް ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމާއި ބޭނުންކުރުން އެއްކޮށް މަނާކުރުމަށް ނިންމި ނިންމުމާއެކު، ދުންފަތުން ސަލާމަތްވެފައިވާ ޖީލެއް ބިނާކުރުމުގެ ސިޔާސަތު ތަންފީޒުކުރާ ދުނިޔޭގެ ފުރަތަމަ ގައުމުގެ ޝަރަފުވެރި ޖާގަ ރާއްޖެއިން ވަނީ ކަށަވަރުކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close