ބޭރުދުނިޔެ

ލުބުނާނުން އިސްރާއީލަށް ފޮނުވާލި ހަމަލާތަކެއް ހުއްޓުވިން – އިސްރާއީލް

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނު ކުރެއްވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، ލުބުނާނުން ފޮނުވާލި ދެ ހަމަލާއެއް އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުން ހުއްޓުވާފައިވާ ކަމަށް އެގައުމުގެ އަސްކަރިއްޔާއިން އަންގާރަ ދުވަހުގެ ފަތިހު ބުނެފިއެވެ.

އިސްރާއީލް އަސްކަރިއްޔާއިން ޓެލެގްރާމް މެދުވެރިކޮށް ހާމަކުރި ގޮތުގައި، އިސްރާއީލުގެ އުތުރުގެ ސަރަހައްދުތަކުގައި ފަތިހު 01:35 ހާއިރު ނުރައްކަލުގެ ސައިރަން އެޅުމާއެކު، ލުބުނާނުން އެގައުމުގެ ސަރަހައްދަށް ވަން ދެ ހަމަލާއެއް ވައިގެ ސިފައިން ވަނީ ކާމިޔާބީއާއެކު ހުއްޓުވާފައެވެ.

މީގެ އިތުރުން، ލުބުނާނުގެ ބޯޑަރާ ކައިރިން އިސްރާއީލުގެ ސަރަހައްދަށް ޝައްކުކުރެވޭ އެއްޗެއް ވެއްޓިފައިވާ ކަމަށާއި، ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިނުވާ ކަމަށްވެސް އަސްކަރިއްޔާއިން ބުނެފައިވެއެވެ.

މި ހަމަލާތައް ދީފައި މިވަނީ، އިސްރާއީލާއި ހިޒްބުﷲ އާ ދެމެދު އޮތް ނުތަނަވަސްކަން ކުޑަކުރުމަށް އެއްބަސްވެވިފައިވާ ކަމަށް ރައީސް ޓްރަމްޕް އިއުލާނު ކުރެއްވި ފަހުންނެވެ.

އިރާނުގެ އެންމެ މަތީ ވެރިޔާ އަވަހާރަކޮށްލުމާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން، މާޗް މަހުގެ 2 ވަނަ ދުވަހު ހިޒްބުﷲ އިން އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް ދޭން ފެށުމާއެކު، ލުބުނާނު ވަނީ މެދުއިރުމަތީގެ މި ހަމަނުޖެހުމުގެ ތެރެއަށް ވަދެފައެވެ. އޭޕްރިލް 17 އިން ފެށިގެން ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، ތަކުރާރުކޮށް ދަނީ އެ އެއްބަސްވުމާ ހިލާފުވަމުންނެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު ބޭއްވި “ވަރަށް ކާމިޔާބު” ފޯނު ކޯލަކަށްފަހު، ޓްރަމްޕްގެ ‘ޓްރުތް ސޯޝަލް’ ނެޓްވޯކްގައި ވިދާޅުވީ ބެއިރޫތަށް އެއްވެސް ސިފައިންގެ ބަޔަކު ނުދާނެ ކަމަށާއި، ދަތުރުމަތީގައި ތިބި ސިފައިންވެސް އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.

“ހަމައެފަދައިން، މަތީ ފަންތީގެ މަންދޫބުން މެދުވެރިކޮށް ހިޒްބުﷲ އާއެކުވެސް ވަރަށް ރަނގަޅު މަޝްވަރާތަކެއް ކުރެވުނު. ހުރިހާ ހަމަލާތަކެއް ހުއްޓާލުމަށް އެފަރާތުން އެއްބަސްވި. އިސްރާއީލުން އެމީހުންނަށް ހަމަލާއެއް ނުދޭނެ، އަދި އެމީހުންވެސް އިސްރާއީލަށް ހަމަލާއެއް ނުދޭނެ،” ޓްރަމްޕް އިތުރަށް ވިދާޅުވިއެވެ.

ނަމަވެސް، ނަތަންޔާހޫ ފަހުން ވިދާޅުވީ ހިޒްބުﷲ އިން އިސްރާއީލުގެ ރަށްތަކަށާއި ރައްޔިތުންނަށް ހަމަލާދިނުން ނުހުއްޓާނަމަ، ބެއިރޫތުގައި ހުރި ޓެރަރިސްޓް އަމާޒުތަކަށް އިސްރާއީލުން ހަމަލާދޭނެ ކަމަށް ޓްރަމްޕް އަރިހު ވިދާޅުވި ކަމަށެވެ.

މިކަމާ ގުޅިގެން ޓްރަމްޕް ވަނީ ހަނގުރާމަ ހުއްޓާލުމަށް ބާރުއަޅުއްވައި، އިސްރާއީލާއި ހިޒްބުﷲ އާ ދެމެދު އޮތް ހަމަނުޖެހުން “ދާއިމަށް” ނިމުމަކަށް އަންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close