އެމެރިކާ އާއި އިނގިރޭސިވިލާތުގެ ސިފައިންގެ ދެ މީހަކު މަރުވެއްޖެ

އިރާގުގައި ކުރިއަށްދިޔަ އަސްކަރީ ތަމްރީނުތަކެއްގެ ތެރޭގައި އެމެރިކާގެ ސިފައިންގެ މީހަކާއި އިނގިރޭސިވިލާތުގެ ސިފައިންގެ މީހަކު މަރުވެފައިވާ ކަމަށް އޮފިޝަލުން ހޯމަ ދުވަހު ހާމަކުރައްވައިފިއެވެ. ނަމަވެސް، މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ‘އެކްސް’ ގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ އާދީއްތަ ދުވަހު، އުތުރު އިރާގުގެ ކުރުދީ ސަރަހައްދެއް ކަމަށްވާ އިރުބިލްގައި ހުންނަ ވައިގެ މަރުކަޒެއްގައެވެ. މި ސަރަހައްދަކީ އެމެރިކާގެ އަސްކަރީ ބާރުތައް ގާއިމުވެ ތިބޭ ސަރަހައްދެކެވެ. މަރުވި ސިފައިންގެ މީހާގެ އާއިލާއަށް އެކަން އެންގުމަށްފަހު 24 ގަޑިއިރު ހަމަވަންދެން އެ މީހާގެ ވަނަވަރު ހާމަނުކުރުމަށް ވަނީ ނިންމާފައެވެ.
އިނގިރޭސިވިލާތުގެ މިނިސްޓްރީ އޮފް ޑިފެންސުން ބުނެފައިވަނީ، މަރުވި އިނގިރޭސި ސިފައިންގެ މީހާގެ އާއިލާއަށް މިހާރު އެކަން އަންގާފައިވާ ކަމަށެވެ. އަދި އިތުރު ތަފްސީލުތައް ހާމަކުރުމުގެ ކުރިން އާއިލާއަށް ކޮންމެވެސް ވަގުތުކޮޅެއް ދިނުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.
އިރާގުގައި ހަރަކާތްތެރިވާ ‘ދާއިޝް’ ޖަމާއަތާ ދެކޮޅަށް މަސައްކަތްކުރާ އެމެރިކާ ސިފައިންގެ އަދަދު މަދުކުރަމުން ދިޔަ ނަމަވެސް، ކުރުދީންނާއެކު އޮންނަ ގުޅުން ވަރުގަދަކުރުމަށްޓަކައި އެމެރިކާގެ އަސްކަރީ ބާރުތައް އެ ސަރަހައްދުގައި އަދިވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން، މިދިޔަ ޑިސެމްބަރު މަހު އެމެރިކާއިން ވަނީ އިރުބިލްގައި ބޮޑު ކޮންސިއުލޭޓެއް ހުޅުވާފައެވެ. މިއީ އެ ސަރަހައްދުގައި އެމެރިކާގެ ސިޔާސީ އަދި އިސްތިރާތީޖީ ގުޅުންތައް ދަމަހައްޓަން ބޭނުންވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ.
އިރާގުގައި ހިނގި މި ހާދިސާ މި ދިމާވީ، މޮރޮކޯގައި ކުރިއަށްދިޔަ ‘އެފްރިކަން ލަޔަން’ އަސްކަރީ ތަމްރީނުތަކަށްފަހު، ހިނގާލަން ގޮސް އުޅުމުގެ ތެރޭގައި ފަރުބަދައަކުން ވެއްޓި އެމެރިކާގެ ދެ ސިފައިން މަރުވިތާ މަހެއްހާ ދުވަސް ފަހުންނެވެ. އެ މީހުން ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މެއި މަހުގެ 2 ވަނަ ދުވަހުއެވެ.


