ނިމިދިޔަ ޙައްޖު މޫސުމުގައި 39،000 ވޮލަންޓިއަރުން ބައިވެރިވި

2026 ވަނަ އަހަރުގެ ޙައްޖުގެ މޫސުމުގައި 39،000 އަށްވުރެ ގިނަ ވޮލަންޓިއަރުންގެ އެހީތެރިކަމާއެކު، ޙައްޖުގެ އޮޕަރޭޝަންތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
ސައުދީ އަރަބިއްޔާގެ ނޭޝަނަލް ސެންޓަރ ފޯ ނޮން-ޕްރޮފިޓް ސެކްޓަރ (އެން.ސީ.އެން.ޕީ) އިން އިސްނަގައިގެން ކުރިއަށްގެންދިޔަ ޚާއްޞަ ރޭވުމުގެ ދަށުން، 2026 ވަނަ އަހަރުގެ ޙައްޖު މޫސުމުގައި 39،000 އަށްވުރެ ގިނަ ވޮލަންޓިއަރުން ބައިވެރިވެ، 1.7 މިލިއަނަށްވުރެ ގިނަ ޙައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސައުދީ ޕްރެސް އެޖެންސީން ރިޕޯޓްކޮށްފިއެވެ.
އެން.ސީ.އެން.ޕީ އިން ހާމަކުރި ގޮތުގައި، މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ކަނޑައެޅި އޮޕަރޭޝަނަލް ޕްލޭންތަކާއި ޚާއްޞަ މަޝްރޫޢުތައް ވަނީ ވަރަށް ފުރިހަމައަށް ތަންފީޛުކުރެވިފައެވެ. މީގެއިތުރުން، ދުނިޔޭގެ އެންމެ ބޮޑު ދީނީ އެއްވުން އިންތިޒާމުކުރުމުގައި ސައުދީގެ ހިލޭސާބަހަށް މަސައްކަތްކުރާ ދާއިރާގެ ދައުރު ފުޅާވަމުންދާކަން އެ މަރުކަޒުން ފާހަގަކުރިއެވެ.
އެ މަރުކަޒުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މައްކާއާއި މަދީނާގެ އިތުރުން މުޤައްދަސް ބިންތަކާއި، ބޯޑަރުތަކާއި، މީޤާތްތަކާއި، އަދި ދަތުރުވެރިން މަޑުކުރާ ސަރަޙައްދުތަކުގައި ޚިދުމަތް ދިނުމަށް 39،000 އަށްވުރެ ގިނަ އަންހެން އަދި ފިރިހެން ވޮލަންޓިއަރުން ހަރަކާތްތެރިވިއެވެ.
މި ވޮލަންޓިއަރުންގެ މަސައްކަތަކީ ޙައްޖާޖީންނަށް ދޭ ޚިދުމަތްތައް ފެންވަރު ރަނގަޅުކުރުމަށާއި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމަށް ކުރިއަށްގެންދާ ފުޅާ މަޝްރޫޢެއްގެ ބައެކެވެ. މިއީ ސައުދީ ވިޯަން 2030 ގެ ލަނދުދަނޑިތަކާ އެއްގޮތްވާ ގޮތުގެ މަތިން، ހިލޭސާބަހަށް މަސައްކަތްކުރާ ދާއިރާގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ނުފޫޒު ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތެކެވެ.
ވޮލަންޓިއަރުން ޚިދުމަތަށް ނުކުތުމުގެ ކުރިން، ޙައްޖު މޫސުމުގައި ދިމާވެދާނެ ކަންކަމަށް ތައްޔާރުވުމުގެ ގޮތުން ފެންވަރުމަތީ ތަމްރީނު ޕްރޮގްރާމްތަކެއް ފުރިހަމަކޮށްފައިވާ ކަމަށް އެ މަރުކަޒުން ބުނެފައިވެއެވެ.
މި އޮޕަރޭޝަނުގެ އެންމެ މުހިންމު އެއް ބަޔަކީ ތިންވަނަ ފަހަރަށް ކުރިއަށްގެންދިޔަ “ޙައްޖު ވޮލަންޓިއަރ އޮޕަރޭޝަންސް ސެންޓަރ” އެވެ. މި ސެންޓަރަކީ ހުރިހާ ހަރަކާތްތަކެއް ވަގުތުން ވަގުތަށް ބަލައި، ވިލަރެސްކުރާ މައި މަރުކަޒެވެ. ޑިޖިޓަލް ޕްލެޓްފޯމެއް މެދުވެރިކޮށް ސަރުކާރުގެ 16 އިދާރާއަކާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތައް މި މަރުކަޒާ ގުޅުވައިލެވިފައިވުމުގެ ސަބަބުން، ޚިދުމަތް ދިނުމުގައާއި މައްސަލަތައް ޙައްލުކުރުމުގައި ބޮޑު އަވަސްކަމެއް ލިބިގެންދިޔައެވެ.
މި އޮޕަރޭޝަން ކާމިޔާބުވުމުގެ އަސްލަކީ ސައުދީ ރަސްކަމުގެ އިސްވެރިންގެ އެއްބާރުލުމާއި، ސަރުކާރުގެ އިދާރާތަކާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތައް ގުޅިގެން ކުރި ބުރަ މަސައްކަތް ކަމަށް އެން.ސީ.އެން.ޕީ އިން ފާހަގަކުރިއެވެ.
ޖެނެރަލް އޮތޯރިޓީ ފޯ ސްޓެޓިސްޓިކްސްގެ ހިސާބުތަކުން ދައްކާގޮތުގައި މިއަހަރު ޖުމްލަ 1.7 މިލިއަނަށްވުރެ ގިނަ މުސްލިމުން ޙައްޖުގެ އަޅުކަން އަދާކުރިއެވެ. މީގެ ތެރޭގައި ބޭރު ޤައުމުތަކުން އައި 1،546،655 ޙައްޖާޖީންނާއި، ސައުދީ އަރަބިއްޔާގެ އެތެރޭގެ 160،646 މީހުން ހިމެނެއެވެ.
ޙައްޖާޖީންނަށް ދޭ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށާއި ގިނަ އަދަދެއްގެ މީހުން އެއްވާ ވަގުތުތަކުގައި ކަންކަން ބެލެހެއްޓުން ހަރުދަނާކުރުމުގެ ގޮތުން، ސައުދީ ސަރުކާރުން ދަނީ ވޮލަންޓިއަރ ޕްރޮގްރާމްތަކާއި ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން އިތުރަށް ހިފަމުންނެވެ.




