
ޗެމްޕިއަންސް ލީގުގެ ތަށި ދިފާއުކުރުމުގެ އަޒުމުގައި މިރޭ އާސެނަލާ ދެކޮޅަށް ނުކުންނައިރު، އިދިކޮޅު ޓީމުގެ ކުޅުމާ މެދު ވިސްނުމުގެ ބަދަލުގައި ޕީއެސްޖީގެ އަމިއްލަ ކުޅުމަށް ސަމާލުކަން ދިނުން މުހިންމު ކަމަށް ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.
ބުޑަޕެސްޓްގެ ޕުސްކަސް އެރީނާގައި މިރޭ 9:00 ގައި ކުޅޭ މި ފައިނަލަކީ ޕީއެސްޖީގެ ތާރީހުގައި ތިންވަނަ ފައިނަލް ކަމަށްވާއިރު، އެންރީކޭ ބުނީ އާސެނަލަކީ ވެސް އެޓޭކިން ޓީމެއް ނަމަވެސް، އެކަން ހާސިލްކުރަން ދެ ޓީމުން އިހުތިޔާރުކުރާ މަގު ތަފާތު ކަމަށެވެ.
އާސެނަލުން 20 އަހަރަށްފަހު ފައިނަލަށް ނުކުންނައިރު، އެ ޓީމުން އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރުމަކީ ހައްގު މޮޅެއް ކަމަށް އެންރީކޭ ގަބޫލުކުރެއެވެ. ނަމަވެސް، ފައިނަލާ ހަމައަށް ކުރި ދަތުރުގައި އާސެނަލަށްވުރެ ބޮޑަށް ޕީއެސްޖީއަށް އަމިއްލަ ފެންވަރު ސާބިތުކޮށްދޭން ޖެހުނު ކަމަށް އޭނާ ފާހަގަކުރިއެވެ. މިދިޔަ ތިން ސީޒަނުގައިވެސް ޕީއެސްޖީން ވަނީ އަމިއްލަ ކުޅުމުގެ ވައްޓަފާޅިން ބޭނުންވާ ނަތީޖާ ހާސިލްކުރެވޭނެކަން ދަނޑުމަތީގައި ސާބިތުކޮށްދީފައެވެ.
ފައިނަލް މެޗުގައި ވަކި ޓީމެއް ފޭވަރިޓެއް ނޯންނާނެ ކަމަށާއި، މިއީ 90 މިނެޓު ވަންދެން ވަރުގަދަ ޓެންޝަނެއްގެ ތެރޭގައި ކުޅެންޖެހޭނެ އުނދަގޫ މެޗެއް ކަމަށް އެންރީކޭ ބުންޏެވެ. މިދިޔަ އަހަރު އިންޓަ މިލާން ބަލިކޮށް ތަށި ހޯދި ނަމަވެސް، މިރޭގެ މެޗު ވަރަށް ގާތްގާތުން ދާނެ ކަމަށް އޭނާ ލަފާކުރެއެވެ. އެންރީކޭ އިތުރަށް ބުނީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމަށް އޮތް ޝައުގުވެރިކަމަށްވުރެ ބޮޑު މޯޓިވޭޝަނެއް ފުޓްބޯޅައިގައި ދެން ނޯންނާނެ ކަމަށެވެ.



