ސާބާ ކޮލިފަޔާސްގައި ބަންގްލަދޭޝް ބަލިކޮށް ރާއްޖޭގެ ޒުވާން ބާސްކެޓްބޯޅަ ޓީމުން ލޯ މެޑަލް ހޯދައިފި

ސްރީ ލަންކާގެ ކޮލަމްބޯގައި ކުރިއަށްދިޔަ ސާބާ 18 އަހަރުން ދަށުގެ ކޮލިފަޔާސްގައި ވާދަކުރި ރާއްޖޭގެ ޒުވާން ފިރިހެން ބާސްކެޓްބޯޅަ ޓީމުން ބަންގްލަދޭޝްގެ މައްޗަށް ކުރިހޯދައި، މުބާރާތުގެ ތިންވަނަ ސާބިތުކޮށްދީ ލޯ މެޑަލް ކާމިޔާބުކޮށްފިއެވެ.
ސުގަތަދާސާ އިންޑޯ ސްޓޭޑިއަމްގައި އިއްޔެ ކުޅުނު މި ފޯރިގަދަ މެޗުން ރާއްޖެ މޮޅުވީ ވާދަވެރި ކުޅުމަކަށްފަހު 62-59 ޕޮއިންޓުގެ ހަނި ތަފާތަކުންނެވެ. މިއީ މުބާރާތުގެ ލީގު ބުރުގައި ބަންގްލަދޭޝް އަތުން 88-48 އިން ބަލިވެފައި އޮތް ރާއްޖޭގެ ޓީމުން ހިތްވަރާއެކު ނުކުމެ ހޯދި ފާހަގަކޮށްލެވޭ ބަދަލުހިފުމެކެވެ.
މެޗުގެ ފުރަތަމަ ކުއާޓަރުން ފެށިގެން ރާއްޖޭގެ ޓީމުން ވަނީ ވިސްނުންތެރި ކުޅުމަކާއެކު 20-12 އިން ލީޑު ނަގައި، މެޗުގެ ކޮންޓްރޯލް ހޯދާފައެވެ. ބަންގްލަދޭޝްގެ ފަރާތުން ފަހު ވަގުތާ ހަމައަށްވެސް ބޮޑު ޗެލެންޖެއް ކުރިމަތިވި ނަމަވެސް، ރާއްޖޭގެ ކުޅުންތެރިން ވަނީ ހަތަރުވަނަ ކުއާޓަރުގައިވެސް ހަމަޖެހިލައިގެން ކުޅެ، ލީޑު ދަމަހައްޓާފައެވެ. މި މެޗުގައި ރާއްޖޭގެ އިސްމާއިލް ޒުއިޒް މުހައްމަދު ޒިލާލް ވަނީ 19 ޕޮއިންޓް އެއްކޮށް، ޓީމުގެ މޮޅުވުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.
ހަތަރު ގައުމު ވާދަކުރި މި މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި 78-56 ޕޮއިންޓުން ލަންކާ ބަލިކުރި އިންޑިއާއެވެ. ރާއްޖޭގެ ޒުވާން ޓީމު ވަނީ ލީގު ބުރުގައި ވަރުގަދަ އިންޑިއާ އަތުން 130-60 އިން އަދި ލަންކާ އަތުން 132-42 އިން ބަލިވެފައެވެ.
މި މުބާރާތުގެ އަންހެން ޑިވިޝަނުގައި ރާއްޖޭގެ އިތުރުން ވާދަކުރީ އިންޑިއާ އާއި ސްރީ ލަންކާއެވެ. ރާއްޖޭގެ އަންހެން ޓީމު ކުޅުނު ދެ މެޗުންވެސް ވަނީ ބަލިވެފައެވެ. އެއީ ލަންކާ އަތުން 74-44 އިން އަދި އިންޑިއާ އަތުން 110-24 އިންނެވެ. މި ބައިގެ ޗެމްޕިއަންކަންވެސް އިންޑިއާ ހޯދީ ފައިނަލުގައި ލަންކާގެ މައްޗަށް 87-57 އިން ކުރިހޯދައިގެންނެވެ.

