ކުރަފި ޕާޓީގެ އެކައުންޓް ބްލޮކްކުރި މައްސަލާގައި ފިޔަވަޅެއް އަޅައިދެވެން ނެތް ކަމަށް ދިއްލީ ހައިކޯޓުން ބުނެފި

އިންޓަނެޓްގައި މަގުބޫލުކަން ހޯދާފައިވާ ސަޓަޔަރިކަލް (މަޖާޒީ) ގްރޫޕެއް ކަމަށްވާ “ކޮކްރޯޗް ޖަންތާ ޕާޓީ” (ސީޖޭޕީ) ގެ ރަސްމީ އެކްސް އެކައުންޓް ބްލޮކްކުރި މައްސަލާގައި، އެ އެކައުންޓް ވަގުތުން އަންބްލޮކް ކޮށްދިނުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ދިއްލީ ހައިކޯޓުން ނިންމައިފިއެވެ.
މި މައްސަލައަކީ އޭގެ ނަތީޖާ ދުރަށް ފޯރާނެ ފަދަ ފުޅާ ދާއިރާއެއްގެ ކަންތައްތަކެއް އެކުލެވޭ މައްސަލައެއް ކަމަށް ކޯޓުން ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލަ ދިއްލީ ހައިކޯޓަށް ހުށަހެޅީ ކޮކްރޯޗް ޖަންތާ ޕާޓީގެ ބާނީ އަބީޖީތު ދިޕްކޭ އެވެ. އޭނާ ހުށަހެޅި ޕެޓިޝަނާ ގުޅިގެން ހައިކޯޓުގެ ފަނޑިޔާރު ޕުރުޝައިންދުރަ ކުމާރު ކޯރަވް ވަނީ އިންޑިއާގެ މަރުކަޒީ ސަރުކާރަށާއި އެކްސް ކުންފުންޏަށް ނޯޓިސް ފޮނުވުމަށް އަމުރުކޮށްފައެވެ. ނަމަވެސް، ސަރުކާރުގެ ބަހެއް ހޯދުމެއް ނެތި ވަގުތުން ވަގުތަށް އެކައުންޓް އަންބްލޮކް ކުރުމުގެ ވަގުތީ އަމުރެއް ނެރެދޭން ފަނޑިޔާރު ދެކޮޅު ހެއްދެވިއެވެ.
ކޯޓުން ބުނި ގޮތުގައި ޕެޓިޝަން ހުށަހެޅި ފަރާތުގެ ވާހަކަތަކުގައި ބުރަދަނެއް ހުރި ނަމަވެސް، މިކަމުގައި ދެ ފަރާތުގެ އަޑުއެހުމަށްފަހު މުޅި މައްސަލައަށް ޖުމްލަ ގޮތެއްގައި ބަލަންޖެހެއެވެ. އަދި އެކައުންޓް ބްލޮކްކުރަން ސަރުކާރުން ނެރުނު އަމުރު އެކްސް އިން ކޯޓަށް ހުށަހަޅަންޖެހޭނެތޯ ނުވަތަ ނޫންތޯ ކޯޓުން ނިންމާނީ ސަރުކާރުން މި މައްސަލާގައި ޖަވާބުދާރީވުމުންނެވެ. ކޯޓުން ވަނީ ކުރިއަށް އޮތް ހަތަރު ހަފުތާގެ ތެރޭގައި ސަރުކާރުގެ ޖަވާބު ހުށަހެޅުމަށް އަންގައި، ދެން އޮންނަ އަޑުއެހުމެއް ޖުލައި މަހުގެ 6 ވަނަ ދުވަހަށް ތާވަލުކޮށްފައެވެ.
މީގެ އިތުރުން ކޯޓުން ބުނީ، ގާނޫނުގައިވާ ގޮތުގެ މަތިން ކޮންމެ ދެ މަހަކުން އެއްފަހަރު ރިވިއު ކޮމިޓީން މިފަދަ ނިންމުންތައް މުރާޖައާ ކުރަންޖެހޭނެ ކަމަށެވެ. އެހެންކަމުން މި މައްސަލަވެސް ރިވިއު ކޮމިޓީން ބަލައި، އެ ކޮމިޓީގެ ނިންމުން ކޯޓަށް ހުށަހެޅުމަށް ވަނީ އަމުރުކޮށްފައެވެ. އަދި ޕެޓިޝަން ހުށަހެޅި ދިޕްކޭ މިވަގުތު އިންޑިއާއިން ބޭރުގައި ހުރުމުން، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އޭނާއަށް ކޮމިޓީގެ ކުރިމަތީގައި ވާހަކަދެއްކުމުގެ ފުރުސަތު ދިނުމަށްވެސް ކޯޓުން އެދުނެވެ.
ކޮކްރޯޗް ޖަންތާ ޕާޓީގެ އެކްސް ހޭންޑްލް ބްލޮކްކުރަން ސަރުކާރުން އެކްސް ކުންފުންޏަށް އެންގީ އިންޑިއާގެ އިންޓެލިޖެންސް ބިއުރޯ (އައިބީ) އިން ދިން މައުލޫމާތުތަކަކަށް ބިނާކޮށް “ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް” ކަމަށް ބުނެއެވެ. ސަރުކާރުގެ މިނިސްޓްރީ އޮފް އިލެކްޓްރޯނިކްސް އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ އިން މި އެކައުންޓް ސަސްޕެންޑް ކުރަން އެދުނީ އިންފޮމޭޝަން ޓެކްނޮލޮޖީ އެކްޓުގެ 69 (އޭ) ކަނޑައެޅިފައިވާ މާއްދާގެ ދަށުންނެވެ. ނަމަވެސް ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަމެއް ކޮށްފައިނުވާނެ ކަމަށް ބުނެ ދިޕްކޭ ވަނީ ސަރުކާރުގެ އެ ނިންމުމަށް އިއުތިރާޒުކޮށްފައެވެ.
“ކޮކްރޯޗް ޖަންތާ ޕާޓީ” އަކީ ދާދި ފަހުން އިންޓަނެޓްގައި އުފެދި، ޒުވާނުންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ސަޓަޔަރިކަލް (މަޖާޒީ އުފެއްދުންތައް ގެނެސްދޭ) ހަރަކާތެކެވެ. މި ހަރަކާތުގެ އެކްސް އެކައުންޓްގައި ލައްކައަކަށްވުރެ ގިނަ ފޮލޯވަރުން ތިބިއިރު، އިންސްޓަގްރާމްގައި 22 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބެއެވެ. މި ހަރަކާތް އުފެދެން މެދުވެރިވީ، ވަޒީފާއެއް ނެތް ބައެއް ވަކީލުން ސޯޝަލް މީޑިއާ އާއި އާރުޓީއައި އެކްޓިވިޒަމްގެ ތެރެއަށް ވަދެ މުޖުތަމައުގައި “ޕަރަސައިޓުން” ނުވަތަ ފަންޏެއް ފަދައިން އުޅޭ ކަމަށް ބުނެ އިންޑިއާގެ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ސޫރިޔާ ކާންތު އިސްވެ ހުންނަވައި މޭ 15 ގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.



