ޚަބަރު ވ. އަތޮޅު ހޮހޮޅައިގެ ހާދިސާގައި މަރުވި އިޓަލީގެ ދެމައިންގެ އޮޓޮޕްސީ ރިޕޯޓް ލިބިއްޖެ

ވ. އަތޮޅު ހޮހޮޅައިގެ ހާދިސާގައި މަރުވި އިޓަލީގެ ދެމައިންގެ އޮޓޮޕްސީ ރިޕޯޓް ލިބިއްޖެ

ވ. އަތޮޅު ހޮހޮޅައިގެ ހާދިސާގައި މަރުވި އިޓަލީގެ ދެމައިންގެ އޮޓޮޕްސީ ރިޕޯޓް ލިބިއްޖެ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ވ. އަތޮޅު ދެކުނު ކަނޑުގެ އަޑީގައި ހުރި ހޮހޮޅައަކަށް ޑައިވިނަށް ފައިބައިގެން އުޅެނިކޮށް ތާށިވެގެން މަރުވި އިޓަލީގެ ފަސް ޑައިވަރުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު، އެ މީހުން މަރުވީ ނޭވާ ހާސްވެގެން ނުވަތަ އޮކްސިޖަން ހުސްވެގެން ކަމަށް ބުނާ ވަގުތީ އޮޓޮޕްސީ ރިޕޯޓް އިޓަލީގެ ތަހުގީގީ އިދާރާތަކަށް ލިބިއްޖެއެވެ.

އިޓަލީގެ ރޯމްގެ ޕްރޮސެކިއުޓަރުންގެ އޮފީހުގެ އިރުޝާދުގެ މަތިން ފޮރެންސިކް ޑޮކްޓަރުން ހެދި މި ތަހުލީގުން ވަގުތީ ނަތީޖާ ލިބިފައިވަނީ މި ހާދިސާގައި މަރުވި އުމުރުން 51 އަހަރުގެ ޔުނިވަސިޓީ ޕްރޮފެސަރެއް ކަމަށްވާ މޮނިކާ މޮންޓެފަލްކޯން އާއި އޭނާގެ އަންހެން ދަރިފުޅު، އުމުރުން 20 އަހަރުގެ ޖޯޖިއާ ސۆމާކަލްގެއެވެ.

އިޓަލީގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދެމައިންގެ މަރުގެ އަސްލު ސަބަބަކީ އޮކްސިޖަން ފުޅިން ވައި ހުސްވުމުގެ ސަބަބުން ދިމާވި އެނޮކްސިއާ ނުވަތަ ގެނބުން ކަމަށް ބެލެވޭއިރު، މަރުގެ ފުރިހަމަ ތަފްސީލުތައް ހިމެނޭ ފައިނަލް ރިޕޯޓް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ލިބޭނެ ކަމަށް ލަފާކުރެވެއެވެ.

މި ހާދިސާ ހިނގާފައިވަނީ މި މަހުގެ 14 ވަނަ ދުވަހު ކަމަށްވާއިރު، ހޮހޮޅައިގެ ތެރޭގައި ތާށިވެގެން މަރުވި ފަސް މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ހަމަ އެދުވަހު ވަނީ ފެނިފައެވެ. އަދި ބާކީ ތިބި ހަތަރު މީހުންގެ ހަށިގަނޑު ފިންލޭންޑްގެ ތަޖުރިބާކާރު ޓީމެއްގެ އެހީތެރިކަމާއެކު ނަގައި، މިދިޔަ ހޮނިހިރު ދުވަހު ވަނީ އިޓަލީއަށް ފޮނުވާލާފައެވެ. މިހާރު އެ ހަށިގަނޑުތައް ވަޅުލުމުގެ ހުއްދަ އާއިލާތަކަށް ދީފައިވާ ކަމަށްވެސް މީޑިއާތަކުން ބުނެއެވެ.

މި މައްސަލަ ރޯމްގެ ޕްރޮސެކިއުޓަރުންގެ އޮފީހުން މިހާރު ތަހުގީގު ކުރަމުންދަނީ އިހުމާލުގެ މަރެއްގެ ގޮތުގައެވެ. އެހެންކަމުން، ތަހުގީގަށް ބޭނުންވާ އެއްބާރުލުން ހޯދުމަށް ރޯމްގެ ކަމާބެހޭ ފަރާތްތަކުން ވަނީ ދިވެހި ސަރުކާރަށް ސިޓީއެއް ފޮނުވާފައެވެ.

އިޓަލީން ފޮނުވި ސިޓީގައި އެދިފައިވަނީ ރާއްޖޭގެ އިދާރާތަކުން މިހާތަނަށް ހޯދާފައިވާ ހުރިހާ ލިޔެކިޔުންތަކާއި، ޑައިވަރުން ބޭނުންކުރި ޓެކްނިކަލް އާލާތްތަކުގެ އިތުރުން ހޮހޮޅައިގެ ތެރެއިން ފެނުނު ގޯޕްރޯ ކެމެރާގެ ފުޓޭޖުތައް އެ ގައުމުގެ ތަހުގީގު ޓީމާ ހިއްސާކޮށްދިނުމަށެވެ.

ޓެގް

ގެއްލުނު ޑައިވަރުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.