ޙައްޖު ދުވަހުގެ ބަރަކާތް ދިވެހި ރައްޔިތުންނަށް މިންވަރުކުރެއްވުން އެދި ރައީސްގެ ދެކަނބަލުން ދުޢާ ކުރައްވައިފި

ބަރަކާތްތެރި ޙައްޖު ދުވަހުގެ މާތްކަމާއި ސަވާބު ކޮންމެ ދިވެހި ރައްޔިތަކަށްމެ މިންވަރުކޮށްދެއްވުމަށް އެދިވަޑައިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ދިވެހި އުންމަތަށް ޚާއްޞަ ދުޢާއަކާއެކު ހެޔޮއެދުންތައް ފޮނުއްވައިފިއެވެ. 1447 ވަނަ އަހަރުގެ ޙައްޖު ދުވަހާ ދިމާކޮށް ރައީސްގެ ދެމަފިރިން ވަނީ ރައްޔިތުންނަށް ބާއްޖަވެރިކަމަށް އެދިވަޑައިގެން މެސެޖުތަކެއް ހިއްސާކުރައްވާފައެވެ.
މިގޮތުން ރައީސުލްޖުމްހޫރިއްޔާ އެކްސް (X) ގައި ކުރެއްވި ޕޯސްޓެއްގައި، ޙައްޖު ދުވަހަކީ الله ގެ ރަޙްމަތާއި، ބަރަކާތާއި، ފުއްސެވުމާއި ރުއްސެވުން އޮހޮރޭ މާތް ދުވަހެއްކަން ފާހަގަކުރެއްވިއެވެ. ތަލްބިޔާގެ މާތް ބަސްތަކުން މެސެޖު ފައްޓަވަމުން އެމަނިކުފާނު ދުޢާކުރެއްވީ، މި ބަރަކާތްތެރި ދުވަހުގެ ހެޔޮ ދަރުމައާއި ޘަވާބު އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުންނަށް ދެއްވުމަށެވެ.
ހަމައެއާއެކު، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވެސް ވަނީ މި ދުވަހުގެ މުނާސަބަތުގައި މެސެޖެއް ޝާއިޢުކުރައްވާފައެވެ. އެކަމަނާގެ މެސެޖުގައި، މިއަހަރު ޙައްޖުގެ އަޅުކަން އަދާކުރަމުންދާ އެންމެހައި ދިވެހި ޙައްޖާޖީންނަށް މަބްރޫރު ޙައްޖަކަށް އެދިވަޑައިގެންފައިވެއެވެ. އަދި މުޅި އިސްލާމީ އުންމަތަށާއި ދިވެހި އަޚުންނާއި އުޚުތުންނަށް މި ބަރަކާތްތެރި ދުވަހުގެ އަޖުރާއި ރަޙްމަތް އެންމެ ފުރިހަމަ ގޮތުގައި ލެއްވުން އެދި އެކަމަނާ ދުޢާކުރެއްވިއެވެ.

