އިޒްރޭލަށް ކުރިމަތިވާ ނުރައްކާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ މިނިވަންކަން އޮންނަންޖެހޭނެ – ނަތަންޔާހޫ

އިޒްރޭލަށް ކުރިމަތިވާ ނުރައްކާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ މިނިވަންކަން އެގައުމަށް އޮންނަންޖެހޭނެ ކަމަށް ނަތަންޔާހޫ ޓްރަމްޕް ގާތު ވިދާޅުވި ކަމަށް އިޒްރޭލުގެ މަސްދަރަކުން ހާމަކޮށްފިއެވެ.
އެމެރިކާ އާއި އީރާނާ ދެމެދު އެކުލަވާލުމަށް މަސައްކަތްކުރަމުންދާ އެއްބަސްވުމަކާ ގުޅޭގޮތުން ހޮނިހިރު ދުވަހު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި، ލުބުނާނުން ކުރިމަތިވާ ނުރައްކާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ފުރިހަމަ އިޚްތިޔާރު އިޒްރޭލަށް އޮންނަންވާނެ ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަރިހުގައި ވިދާޅުވެއްޖެ ކަމަށް އިޒްރޭލުގެ މަސްދަރަކުން ބުނެފިއެވެ.
ރައީސް ޓްރަމްޕް ވިދާޅުވި ގޮތުގައި، އެމެރިކާ އާއި އީރާނުން މިހާރު ވަނީ ސުލްހައިގެ އެއްބަސްވުމެއްގެ ދެލިކޮޕީއަކާ ގުޅޭގޮތުން ބޮޑުތަނުން މަޝްވަރާކޮށް ނިންމާފައެވެ. މި އެއްބަސްވުމުގެ ސަބަބުން، މިދިޔަ ފެބްރުއަރީ މަހު އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން ބަންދުވެފައިވާ، ކަނޑުގެ ދަތުރުފަތުރުގެ މުހިންމު ސަރަހައްދެއް ކަމަށްވާ “ސްޓްރެއިޓް އޮފް ހޯމޫޒް” އަލުން ހުޅުވިގެންދާނެއެވެ.
ނަން ހާމަނުކުރުމަށް އެދި ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދިން އިޒްރޭލުގެ ސިޔާސީ މަސްދަރަކުން އާދީއްތަ ދުވަހު ބުނި ގޮތުގައި، ރޭގެ ފޯނު ކޯލުގައި ނަތަންޔާހޫ ވަނީ ލުބުނާނު ހިމެނޭހެން ހުރިހާ ދާއިރާއަކުން ވެސް އިޒްރޭލަށް ކުރިމަތިވާ ނުރައްކާތަކާ ދެކޮޅަށް މިނިވަންކަމާއެކު ފިޔަވަޅު އެޅުމުގެ ބާރު އިޒްރޭލަށް އޮންނަންޖެހޭނެ ކަމަށް ބާރުއަޅުއްވާފައެވެ. އަދި ރައީސް ޓްރަމްޕް އެކަމަށް ތާއީދުކުރައްވައި، އެ އުސޫލު ދަމަހައްޓަވާނެ ކަމަށް ވިދާޅުވި ކަމަށް ވެސް އެ މަސްދަރުން ބުންޏެވެ.
ޕާކިސްތާނު މެދުވެރިވެގެން ކުރިއަށްގެންދާ މި މަޝްވަރާތަކުގެ ސަބަބުން، ތިން މަސް ދުވަހަށް ދެމިގެންގޮސްފައިވާ މި ހަނގުރާމައަށް ހައްލެއް ލިބިދާނެ ކަމުގެ އުންމީދު ވަނީ ބޮޑުވެފައެވެ.
އީރާނުގެ ފާސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން އެމެރިކާ އާއި އެގައުމުގެ ބައިވެރިން އީރާނަށް ނުވަތަ އީރާނަށް ތާއީދުކުރާ ފަރާތްތަކަށް ހަމަލާ ނުދޭނެ ކަމަށާއި، އޭގެ ބަދަލުގައި އީރާނުން ވެސް އިސްވެ އެއްވެސް ހަމަލާއެއް ނުފޮނުވާނެ ކަމުގެ ޔަގީންކަން ދޭންޖެހެއެވެ.
ނަމަވެސް، އިޒްރޭލުގެ ސިޔާސީ އިސް ބޭފުޅެއް ކަމަށްވާ ބެނީ ގާންޓްޒް ވިދާޅުވީ، އީރާނާއެކު ވެވޭ އެއްބަސްވުމެއްގެ ބައެއްގެ ގޮތުގައި ލުބުނާނުގައި ހަނގުރާމަ ހުއްޓާލުމަކީ އިޒްރޭލުން ހަދާނެ ބޮޑު “ސްޓްރެޓީޖިކް” ގޯހެކެވެ.

