ބޭރުދުނިޔެ

އީރާނުގެ ރައްޔިތުންގެ ޙައްޤުތަކާ މެދު އިހުމާލުވާން ދޫނުދޭނަން: ގާލިބާފް

އީރާނުގެ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގާލިބާފް ވިދާޅުވީ، އީރާނުގެ ރައްޔިތުންގެ ޙައްޤުތަކާ މެދު އެއްވެސް ފަރާތަކާއެކު އެއްވެސް ކަހަލަ ދޫދިނުމެއް ނުވަތަ އެއްބަސްވުމެއް ނުހައްދަވާނެ ކަމަށެވެ. ގާލިބާފް މިހެން ވިދާޅުވީ ތެހެރާންގައި ޕާކިސްތާނުގެ އާމީ ޗީފް ޖެނެރަލް އާސިމް މުނީރާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ މަޝްވަރާތަކުގެ އެންމެ ފަހުގެ ހާލަތާ ބެހޭގޮތުން ވާހަކަދައްކަވާފައެވެ.

މި ބައްދަލުވުމުގައި ގާލިބާފް ވަނީ ޕާކިސްތާނުން އެކި ދަނޑިވަޅުތަކުގައި، ޚާއްޞަކޮށް ފަހުގެ ހަނގުރާމައިގައާއި އޭގެ ފަހުން ކުރެވުނު މަޝްވަރާތަކުގައި އީރާނަށް ދިން އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިއީ އިސްލާމީ ގައުމުތަކުގެ މެދުގައި އޮންނަންޖެހޭ ރަނގަޅު ގުޅުމުގެ ނަމޫނާއެއް ކަމަށް ވިދާޅުވިއެވެ.

ޕާކިސްތާނުން އެމެރިކާ ސަރުކާރާއެކު ކުރަމުންދާ މަޝްވަރާތަކަށް އިޝާރާތް ކުރައްވައި ގާލިބާފް ވިދާޅުވީ، ދުވަހަކުވެސް ތެދުވެރިކަމެއް ނެތް އަދި އިތުބާރު ކުރެވެން ނެތް ފަރާތަކާއެކު އީރާނުގެ ހައްގުތަކަށް އުނިކަން އަންނާނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ. އަދި އީރާނުން ހަނގުރާމައިގެ މައިދާނުގައި ކެރުމާއި ބާރާއެކު ގައުމުގެ އަބުރު ދިފާއުކުރި ފަދައިން، ޑިޕްލޮމަސީގެ މައިދާނުގައިވެސް ވިސްނުންތެރިކަމާއެކު ގައުމީ މަސްލަހަތު ހިމާޔަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.

އަސްކަރީ ބޭފުޅުންނަށް ސުލްހައިގެ އަގު އެހެން މީހުންނަށްވުރެ ބޮޑަށް އެނގޭނެ ކަމަށާއި، ނަމަވެސް އީރާނުގެ އަބުރާއި ހައްގުތައް ފާސްކޮށްލަން އަސްކަރިއްޔާއިން ފުރުސަތު ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ކުރިން މަޝްވަރާތައް ހިނގަމުންދަނިކޮށް އެމެރިކާއިން ހަނގުރާމަ ފެށި ކަމަށާއި، އަދި ހަނގުރާމަ ހުއްޓާލާފައި އޮތް ވަގުތު އެމެރިކާއިން ކަނޑުގެ މަގުން ބަންދުކޮށް އެއްބަސްވުންތަކާ ޚިލާފުވި ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ގާލިބާފް ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ، ހަނގުރާމަ ހުއްޓާލާފައި އޮތް މުއްދަތުގައި އީރާނުގެ ސިފައިން ވަނީ ވަރަށް ވަރުގަދައަށް ތައްޔާރުވެފައި ކަމަށެވެ. އަދި ޓްރަމްޕް ދެވަނަ ފަހަރަށް ހަނގުރާމަ ފަދަ މޮޔަ ކަމެއް ފަށައިފިނަމަ، އެމެރިކާއަށް ލިބޭ ހިތާމައާއި ގެއްލުން ހަނގުރާމައިގެ ފުރަތަމަ ދުވަހަށްވުރެ މާ ބޮޑުވާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close