ރިޔާސީ ނާކާމިޔާބީގެ ޒިންމާ އިބޫއަށް؛ އެމްޑީޕީ މެންބަރުންގެ ކިބައިން ނަޝީދު މާފަށް އެދިވަޑައިގެންފި

މިދިޔަ 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާ ދިމާކޮށް އެމްޑީޕީ ދޫކޮށްލެއްވުމަށްފަހު ވަޑައިގެންނެވި މައްސަލައިގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ އާންމު މެންބަރުންގެ ކިބައިން ރަސްމީކޮށް މާފަށް އެދިވަޑައިގެންފިއެވެ. ނަމަވެސް އެ އިންތިހާބުން އެމްޑީޕީ ބަލިވީ އެމަނިކުފާނު ޕާޓީން ވަކިވެވަޑައިގަތުމުން ނޫން ކަމަށާއި، އެއީ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ގާބިލުކަން ނެތުމުން ދިމާވި ކަމެއް ކަމަށް ވިދާޅުވެ، ނަޝީދު ވަނީ ބަލީގެ ޒިންމާ އިބޫގެ އިސްތަށިފުޅުގައި އަޅުއްވާފައެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގެ ކެމްޕެއިނަށް ރ. ދުވާފަރަށް ކުރެއްވި ދަތުރުފުޅުގައި އާންމު މެންބަރުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، ޕާޓީ ދޫކޮށްލަން ޖެހުނީ މަޖިލީހުގެ ރައީސްކަމުގައި އިންނެވިއިރު އެމަނިކުފާނާ އެންމެ އަރިސް މެންބަރުންނަށް ފިޔަވަޅު އަޅަން އޭރުގެ ސަރުކާރުން މަސައްކަތް ކުރުމުންނެވެ. އޭގެ ތެރޭގައި އީވާ އަބްދުﷲ އާއި، ހަސަން ލަތީފް އަދި އަލީ އާޒިމް ފަދަ ބޭފުޅުން ހިމެނޭކަން ފާހަގަކުރައްވަމުން، އެ ހާލަތުގައި ޕާޓީގައި ހުންނަވަން ލަދުގަތީ ކަމަށް ނަޝީދު ބުންޏެވެ. އަދި އަމިއްލަ ހަޔާތާއި ގިނަ ގުރުބާނީތަކެއް ވީ ޕާޓީ ދޫކޮށް ދާންޖެހުމުން އެންމެ ބޮޑު ދެރައެއް ލިބުނީވެސް އަމިއްލަފުޅަށް ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން، 2019 ވަނަ އަހަރުގެ މަޖިލިސް އިންތިހާބަށްފަހު ރައީސް ސޯލިހު އެމަނިކުފާނާ އޮތް ގުޅުން ކަނޑާލެއްވި ކަމަށާއި، ކޮވިޑްގެ ދުވަސްވަރާއި އެމަނިކުފާނު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ތަހުގީގު ކުރިއަށްދިޔަ ގޮތުންވެސް ގިނަ ކަންބޮޑުވުންތަކެއް ހުރިކަން ނަޝީދު ހާމަކުރެއްވިއެވެ. އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި އޭރު އެމްޑީޕީގައި މަޑުކުރެއްވި ނަމަ، 2023 ގެ އިންތިހާބުގައި އެ ޕާޓީ މިއަށްވުރެ މާ ބޮޑަށް ބަލިވީހެވެ.
ރައީސް ސޯލިހުގެ ވެރިކަން ނިމުމާއެކު ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައިވީ ނަމަވެސް، ދެ ބޭފުޅުންގެ ދެމެދުގައި އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް އަދިވެސް ކުޑައެއް ނުވެއެވެ. ކުރިއަށް އޮތް ޗެއާޕާސަން އިންތިހާބުގައިވެސް ރައީސް ސޯލިހު ތާއީދުކުރައްވަނީ ނަޝީދާ ވާދަކުރައްވާ މީކާއިލް އަހުމަދު ނަސީމަށެވެ.


