ނާޒިމް ވަކިކުރުމުގައި ޕީއެންސީ އޮތީ ސާބިތުކަމާއެކު، އިދިކޮޅުގެ ވާހަކަތަކުގައި ހަގީގަތެއް ނެތް: ޝުޖާއު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށްގެންދާނެ ކަމަށާއި، އެކަމުގައި ޕީއެންސީގެ މެންބަރުން ތިއްބެވީ އެއްގަލަކަށް އަރައިގެން ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
އއ. ތޮއްޑޫން ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝުޖާއު ވިދާޅުވީ، މަގާމެއްގައި ހުންނަ މީހެއްގެ އިތުބާރު ގެއްލުމުން އޭނާ ވަކިކުރުމަކީ ޕާޓީގެ އުސޫލުތަކުގެ ތެރެއިން ކުރަންޖެހޭ ކަމެއް ކަމަށެވެ.
ކުރީގެ ރައީސް ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ރައްދު ދެއްވަމުން ޝުޖާއު ވިދާޅުވީ، ނާޒިމްއާއެކު ޕީއެންސީގެ 23 މެންބަރަކު ތިއްބެވި ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި ރައީސް ޑރ. މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އުޅޭ ކަމަށް ބުނެ އެމްޑީޕީން ފަތުރާ ވާހަކަތަކުގެ ތެރެއަށް ވަންނަން ނުޖެހޭނެ ކަމަށާއި، ނާޒިމް ވެސް ޕާޓީ ދޫކޮށް ވަޑައިނުގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލީހުގެ މަސްލަހަތު ގެއްލުވާލަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައި ނާޒިމް ވަކިކުރުމުގެ ގަރާރުގައި 73 މެންބަރުން ވަނީ ސޮއިކުރައްވާފައެވެ. މި މައްސަލައިގައި މި ހަފްތާގެ ތެރޭގައި މަޖިލީހުގެ ޖަލްސާގައި ބަހުސްކޮށް، ގޮތެއް ނިންމުމަށް ވަނީ ތާވަލުކުރެވިފައެވެ.



