ބޭރުދުނިޔެ ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އާއި ގަތަރުގެ މަންދޫބުން ތެހެރާނަށް ވަޑައިގެންފި

ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އާއި ގަތަރުގެ މަންދޫބުން ތެހެރާނަށް ވަޑައިގެންފި

ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އާއި ގަތަރުގެ މަންދޫބުން ތެހެރާނަށް ވަޑައިގެންފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް ހައްލުކުރުމަށާއި ސަރަހައްދީ ސުލްހަ ގާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް، ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރު ހުކުރު ދުވަހު އީރާނަށް ވަޑައިގެންފިއެވެ. މިއީ ތެހެރާނާއި ވޮޝިންޓަނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ނައްތާލުމަށް އިސްލާމްއާބާދުން ފަށާފައިވާ ހާރިޖީ މަސައްކަތްތައް އިތުރަށް ވަރުގަދަކުރަމުންދާ ދަނޑިވަޅެއްގައި ކުރައްވާ ދަތުރުފުޅެކެވެ.

މި ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާއާއި އިޒްރޭލުން ގުޅިގެން އީރާނަށް ދިން ހަމަލާތަކަށްފަހު ފެށުނު ހަނގުރާމައިގައި، ޕާކިސްތާނުން ދަނީ މެދުވެރިއެއްގެ ދައުރު ވަރަށް ހަރަކާތްތެރިކަމާއެކު އަދާކުރަމުންނެވެ. މިގޮތުން، މި ހަމަނުޖެހުން މުޅި ސަރަހައްދަށް ފެތުރިގެން ދިޔަ ނުދިނުމަށްޓަކައި އިސްލާމްއާބާދުން ދަނީ ތެހެރާނާއި ވޮޝިންޓަނާ އެކު ގާތުން މަސައްކަތް ކުރަމުންނެވެ.

ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ ތެހެރާނަށް ވަޑައިގެން، އީރާނުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އީރާނުގެ ރަސްމީ ނޫސް އެޖެންސީ “އިރްނާ” އިން ވަނީ ރިޕޯޓުކޮށްފައެވެ. އަރަބް ނިއުސް ޕާކިސްތާނަށް މައުލޫމާތު ދެއްވި ސަލާމަތީ ބާރުތަކުގެ މަސްދަރަކުން ވެސް ވަނީ ފީލްޑް މާޝަލް އީރާނަށް ވަޑައިގެންނެވިކަން ކަށަވަރުކޮށްދީފައެވެ.

ފާއިތުވި މަސްތަކުގައި ސަރަހައްދީ ހަމަޖެހުމަށްޓަކައި ކުރެވޭ ހާރިޖީ މަސައްކަތްތަކުގައި ޕާކިސްތާނުގެ އަސްކަރީ އިސްވެރިން ވަނީ ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައެވެ. މި ދަތުރުފުޅުގައި ޕާކިސްތާނުގެ ދާހިލީ ވަޒީރު މުހުސިން ނަގްވީ ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. ނަގްވީ ވަނީ މި ހަފުތާގެ ތެރޭގައި ދެ ފަހަރެއްގެ މަތިން އީރާނުގެ ވެރިންނާ ބައްދަލުކުރައްވާފައެވެ.

ހަމައެއާއެކު، ހަނގުރާމަ ހުއްޓާލުމަށާއި ހައްލުނުވެ ހުރި މައްސަލަތަކަށް މަގުފަހިކުރުމަށްޓަކައި، އެމެރިކާއާ ގުޅިގެން މަސައްކަތްކުރާ ގަތަރުގެ މަޝްވަރާ ޓީމެއް ވެސް ހުކުރު ދުވަހު ތެހެރާނަށް ގޮސްފައިވާ ކަމަށް ރޮއިޓާސް އިން ރިޕޯޓުކޮށްފައިވެއެވެ.

ޣައްޒާ ހަނގުރާމައިގައާއި ބައިނަލްއަގުވާމީ އެހެނިހެން މައްސަލަތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރަމުން އަންނަ ދޯހާ އިން، އީރާނު ހަނގުރާމައިގައި މެދުވެރިއަކަށް ވުމަށް މީގެ ކުރިން އޮތީ ފަސްޖެހިފައެވެ. އެއީ މި ފަހަރުގެ ހަމަނުޖެހުންތަކުގެ ތެރޭގައި އީރާނުގެ މިސައިލާއި ޑްރޯން ހަމަލާތައް ގަތަރަށް އަމާޒުވުމާ ގުޅިގެންނެވެ.

އީރާނު މަޝްވަރާތަކުގައި ‘ކުޑަ ކުރިއެރުމެއް’ ލިބިފައިވާ ކަމަށް އެމެރިކާއިން ބުނުން

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ހުކުރު ދުވަހު ވިދާޅުވީ، އެއްބަސްވުމަކަށް އާދެވޭނެތޯ ނުވަތަ އަލުން ހަނގުރާމަ ފެށޭނެތޯ އޮތް ނުތަނަވަސްކަމުގެ ތެރެއިން، އީރާނާއެކު ކުރެވޭ މަޝްވަރާތަކުގައި “ކުޑަ ކުރިއެރުމެއް” ލިބިފައިވާ ކަމަށެވެ.

ރޫބިއޯ މިހެން ވިދާޅުވެފައި މިވަނީ، އީރާނާއެކު “ސީރިއަސް މަޝްވަރާތަކެއް” ކުރިއަށްދާތީ، އެ ގައުމަށް އަސްކަރީ ހަމަލާ ދިނުން މަޑުޖައްސާލާފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައެވެ. އޭޕްރީލް މަހުގެ މެދުތެރޭގައި ގާއިމުކުރި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން، އީރާނުން އާ އެއްބަސްވުމަކަށް ނާންނަނަމަ ނިމުމަކަށް އަތުވެދާނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވަމުން ގެންދަވާތާ ހަފުތާތަކެއް ވެއްޖެއެވެ.

ސްވިޑަންގެ ހެލްސިންބޯގްގައި ބޭއްވުމަށް ހަމަޖެހިފައިވާ ނޭޓޯގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ކުރިން ރޫބިއޯ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މި ކުރިއެރުމަކީ މާ ބޮޑު ކަމެއްގެ ގޮތުގައި ސިފަކުރަން ބޭނުންފުޅު ނުވި ނަމަވެސް، “ފެންނަން ހުރި ބަދަލުތަކަކީ އުންމީދީ ކަމެއް” ކަމަށެވެ. އަދި މަޝްވަރާތައް އަދިވެސް މެދުކެނޑުމެއްނެތި ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ. ފާއިތުވި ހަފުތާތަކުގައި ކުރިއެރުންތައް ލިބެމުންދާ ކަމަށް ތަކުރާރުކޮށް ދައުވާކުރި ނަމަވެސް، ދާއިމީ އެއްބަސްވުމަކާ ހަމައަށް އަދިވެސް ދެވިފައެއް ނުވެއެވެ.

ޓެގް

ޕާކިސްތާން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.