ޚަބަރު

ޙައްޖަކީ ހަމައެކަނި ދަތުރެއް ނޫން؛ އެއީ މުޅި އުމުރަށް ދެވޭ އަމަލީ ތަމްރީނެއް!: ހުކުރު ޚުތުބާ

މާތް ﷲ ގެ ވަޖުހުފުޅު އަދައިގެން، އުރެދުމެއް ނެތި ޙައްޖުގެ މަތިވެރި އަޅުކަން ފުރިހަމަކޮށްފި މީހަކީ، އޭނާގެ މައިމީހާގެ ބަނޑުން އުފަންވި ދުވަހެކޭ އެއްފަދައިން ފާފަތަކުން ސާފުޠާހިރުވެގެންވާ މީހެއްކަމުގެ އުފާވެރި ޚަބަރު މިއަދުގެ ހުކުރު ޚުޠުބާގައި ދީފިއެވެ.

“ޙައްޖުގެ އަޅުކަމުން ލިބޭ ފިލާވަޅުތައް” މި މައުޟޫޢަށް މިއަދު އިއްވި ޚުޠުބާގައި ބަޔާންކުރި ގޮތުގައި، ޙައްޖަކީ އިންސާނާގެ ދުނިޔަވީ ދަތުރުގެ ކުޑަކުޑަ ނަމޫނާއެކެވެ. އިޙުރާމް ބަންނަ ހިނދުން ފެށިގެން މަނާސިކުތައް ނިމެންދެން ޙައްޖުވެރިޔާ ކުރާ ދަތުރަކީ، މުޅި އުމުރަށް އަމާޒުކޮށްދޭ ވަރުގަދަ ތަމްރީނެއްކަން ޚުޠުބާގައި ފާހަގަކުރިއެވެ. މާތް ﷲ ގެ އަމުރުފުޅުތަކަށް “ލައްބައިކަ” ކިޔައި އިޖާބަދިނުމަކީ، ނަފުސު މައިތިރިކޮށް، ޙަރާމްކުރެއްވި ކަންތައްތަކާ ދުރުހެލިވުމަށް ލިބޭ ވަރުގަދަ ފިލާވަޅެކެވެ.

ޚުޠުބާގައި އިތުރަށް ބަޔާންކުރި ގޮތުގައި، ޙައްޖަކީ ޖާނާއި މުދަލުން ހޭދަކޮށްގެން ކުރާ ބުރަ އަޅުކަމެކެވެ. ދަތުރުގެ ތުރާލާއި ބައިބޯކަމުގެ ތެރޭގައި ވެސް ކެތްތެރިކަން އިސްކޮށް، ދޫ ރައްކާތެރިކުރާ މީހާއަށް އޮތް ޖަޒާއަކީ ސުވަރުގެއެވެ. މި މަތިވެރި ދަތުރުގެ ތަރުތީބުތަކަށް އަލިއަޅުވާލަމުން، އަރަފާތް ބިމުގައި މަޑުކުރުމާއި، މުޒްދަލިފާގައި ރޭކުރުމާއި، ހިލައުކުމާއި ތަވާފު ފަދަ މަނާސިކުތައް ފުރިހަމަކުރުމުގެ މުހިންމުކަން ވެސް ޚުޠުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

ޙައްޖުގެ އަޅުކަމަށްފަހު އެނބުރި އައިސް، ރަޙިމުގެ ގުޅުން ދެމެހެއްޓުމާއި މުޖުތަމައުގެ އެއްބައިވަންތަކަމަށް މަސައްކަތްކުރުމަކީ ޙައްޖު މަބްރޫރެއްގެ ނިޝާނެއްކަމަށް ޚުޠުބާގައި ބުންޏެވެ. އަދި ކުރިއަށް އޮތް އަޟުޙާ ޢީދުގެ އުފާ ފާޅުކުރާއިރު، ހިތްތަކުގައިވާ ހަސަދަވެރިކަމާއި ރުޅިވެރިކަން އެއްފަރާތްކޮށް، އިސްލާމީ ރިވެތި އުސޫލުތަކުގެ ތެރެއިން އެކަކު އަނެކަކަށް ލޯތްބާއި ހިތްހެޔޮކަން ފާޅުކުރުމަށް ރާއްޖޭގެ ހުރިހާ މުސްލިމުންނަށް މިއަދުގެ ޚުޠުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close