ޚަބަރު ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން އެމްޑީޕީން ހުށަހަޅައިފި

ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން އެމްޑީޕީން ހުށަހަޅައިފި

ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން އެމްޑީޕީން ހުށަހަޅައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ލޯކަލް ކައުންސިލްތަކުގެ ރައީސުންނާއި މެންބަރުންގެ މުސާރައިގެ އޮނިގަނޑަށް ހެޔޮ ބަދަލެއް ގެނައުމަކީ ކައުންސިލަރުންގެ ބާރުވެރިކަން އިތުރުވެ، ރައްޔިތުންނަށް ދޭ ޚިދުމަތްތައް ހަރުދަނާވެގެންދާނެ ކަމެއް ކަމަށް ބަޔާންކުރައްވައި، އެ މުސާރަތައް މުރާޖަޢާކޮށްދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މި މަހުގެ 11 ވަނަ ދުވަހު ފޮނުއްވި ސިޓީއެއްގައި މެންބަރު އެދިވަޑައިގެންފައިވަނީ، މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަކަށް މި މައްސަލަ ފޮނުއްވައިގެން ދިރާސާކޮށްދެއްވުމަށެވެ.

މެންބަރު މުހައްމަދު އިބްރާހީމް ހުށަހެޅުއްވި އައު މުސާރައިގެ އޮނިގަނޑުގައިވާ ގޮތުން، ކައުންސިލްތަކުގެ ރައީސުންނަށް މަހަކު 45,000 ރުފިޔާ، ނައިބު ރައީސުންނަށް 35,000 ރުފިޔާ، އަދި ކައުންސިލް މެންބަރުންނަށް 25,000 ރުފިޔާ ދިނުމަށް ވަނީ ބަޔާންކުރައްވާފައެވެ.

މި ބަދަލުތައް ގެންނަންޖެހޭ މައިގަނޑު ސަބަބެއްގެ ގޮތުގައި މެންބަރު ފާހަގަކުރެއްވީ، ރައްޔިތުންގެ ސީދާ ވޯޓުން އިންތިޚާބުކޮށްފައި ތިބޭ ސިޔާސީ ވެރިންގެ މުސާރަ، އެ އިދާރާތަކުގައި މަސައްކަތްކުރާ ބައެއް އިދާރީ މުވައްޒަފުންނަށްވުރެ ކުޑަކޮށް އޮތުމެވެ. އެގޮތުން ކައުންސިލްގެ އެންމެ އިސްވެރިޔާއަށްވުރެ ސެކްރެޓަރީ ޖެނެރަލްގެ މުސާރަ ބޮޑުވުމާއި، ނައިބު ރައީސަށްވުރެ ކައުންސިލް އެގްޒެކެޓިވްއެއްގެ މުސާރަ ބޮޑުވުމުގެ ސަބަބުން އިދާރީ ހިންގުމުގައި ދަތިތަކެއް ކުރިމަތިވާކަން ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.

އިންތިޚާބީ އޮފިޝަލުންގެ މުސާރަ އާންމު މުވައްޒަފުންނަށްވުރެ ކުޑަކޮށް އޮތުމަކީ އެ ބޭފުޅުންނަކީ ދަށް ފަންތީގެ ބައެއްގެ ގޮތުގައި ފެނިގެންދާނެ ކަމެއް ކަމަށާއި، މީގެ ސަބަބުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކަންކަން ތަންފީޒުކުރުމުގައި އިދާރީ މުވައްޒަފުންގެ މެދުގައި އޮންނަންޖެހޭ ބާރުވެރިކަމަށް ހުރަސްއެޅޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މެންބަރު މިފަދަ ހުށަހެޅުއްވުމެއް މަޖިލީހަށް ހުށަހަޅުއްވާފައި މިވަނީ، ސިޓީތަކާއި ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުންނަކީ ފުލްޓައިމްކޮށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ހަމަޖައްސައި، އެ ބޭފުޅުންގެ މުސާރަ ބޮޑުކުރަން ނޭޝަނަލް ޕޭ ކޮމިޝަނުން މިހާރު ނިންމާފައިވާ ދަނޑިވަޅެއްގައެވެ. އެ ނިންމުމާއެކު ސިޓީތަކުގެ އަންހެނުންގެ ކޮމިޓީގެ ރައީސުންގެ މުސާރަ 41,500 ރުފިޔާއަށް އަދި ރަށްރަށުގެ ކޮމިޓީތަކުގެ ރައީސުންގެ މުސާރަ 21,000 ރުފިޔާއަށް ބޮޑުވެގެންދާނެއެވެ.

ޓެގް

ކައުންސިލަރުން މަޖިލިސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.