ޚަބަރު މިސްރާބު ބަދަލުކުރުމަށް ތިން ރައީސުން ފެއްޓެވި މަސައްކަތަށް ޕީއެންއެފްގެ ފުރިހަމަ ތާއީދު

މިސްރާބު ބަދަލުކުރުމަށް ތިން ރައީސުން ފެއްޓެވި މަސައްކަތަށް ޕީއެންއެފްގެ ފުރިހަމަ ތާއީދު

މިސްރާބު ބަދަލުކުރުމަށް ތިން ރައީސުން ފެއްޓެވި މަސައްކަތަށް ޕީއެންއެފްގެ ފުރިހަމަ ތާއީދު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ސަރުކާރުން ގައުމުގެ މިސްރާބު “ޚުދުމުޚުތާރު އަނިޔާވެރި ވެރިކަމަކަށް” ބަދަލުކުރަމުންދާ ކަމަށް ތުހުމަތުކޮށް، ގައުމު އަލުން ހަމަމަގަށް އެޅުވުމަށްޓަކައި ކުރީގެ ތިން ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި ޢަބްދުالله ޔާމީން ޢަބްދުލްޤައްޔޫމްގެ އިތުރުން އިބްރާހީމް މުޙައްމަދު ޞާލިޙް ގުޅިގެން މަސައްކަތް ކުރެއްވުމަށް ނިންމެވި ނިންމެވުމަށް ފުރިހަމައަށް އެއްބާރުލުން ދިނުމަށް އިދިކޮޅު ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ގަރާރެއް ފާސްކޮށްފިއެވެ.

ޕީއެންއެފްގެ ސެނެޓަރު އަދި ގާނޫނީ ވަކީލު ޢަލީ ޝާހު ހުށަހެޅުއްވި މި ގަރާރު ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ސެނެޓަރުންގެ ސޮޔާއެކުގައެވެ. މިފަދަ ގަރާރެއް ޔާމީންގެ ޕާޓީން ފާސްކުރިއިރު، މައި އިދިކޮޅު ޕާޓީ އެމްޑީޕީގެ ގައުމީ މަޖިލީހުންވެސް ވަނީ މި ތިން ރައީސުންނަށް ފުރިހަމައަށް އެއްބާރުލުންދޭން މިދިޔަ އަންގާރަ ދުވަހު ފާސްކޮށްފައެވެ.

އަލަށް ފާސްކުރި ގަރާރުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް ވަނީ އަމާޒުކޮށްފައެވެ. އެގޮތުން، ރައްޔިތުން އިންތިޚާބުކޮށްފައިވާ މަޖިލީހުގެ މެންބަރުންގެ މައްޗަށް ނުފޫޒު ފޯރުވައި، ފަނޑިޔާރުގެއާއި ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ކަނޑުވާލުމަށް ސަރުކާރުން ރާވައިގެން މަސައްކަތް ކުރަމުންދާ ކަމަށް ގަރާރުގައި ބަޔާންކޮށްފައިވެއެވެ. އަދި ގާނޫނުއަސާސީއާއި ބައިނަލްއަގުވާމީ މުއާހަދާތަކާ ޚިލާފަށް އަމަލުކޮށް، ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ހައްގުތަކާއި ރައްކާތެރިކަން ގެއްލުވައިލައިފައިވާ ކަމަށްވެސް ތުހުމަތުކޮށްފައިވެއެވެ.

މީގެ އިތުރުން، މި ސަރުކާރު އައި ފަހުން ދައުލަތުގެ މުއައްސަސާތަކުގައި ކޮރަޕްޝަނާއި ވައްކަން އިތުރުވެ، އިސްރާފު ބޮޑުވެފައިވާއިރު، އެއިން އެއްވެސް ކަމެއް ކަމާބެހޭ އިދާރާތަކަށް ނުބެލި ގާނޫނުގެ ބާރު ކެނޑިފައިވާ ކަމަށް ޕީއެންއެފްގެ ގަރާރުގައިވެއެވެ. އަދި ގައުމުގެ އިގުތިޞާދު ހީނަރުވެ، އަމިއްލަ ވިޔަފާރިތައް ދަށަށް ގޮސް، ތަކެތީގެ އަގު އުފުލުމުގެ ސަބަބުން އާންމު ދިރިއުޅުމުގެ ހާލަތު ދަށަށް ގޮސްފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުމުގެ ގޮތުން ފުލުހުން ‘އަދަދު’ ނޫސް ރެއިޑްކޮށް، އެ ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުޙައްމަދު ޝަހްޛާނާއި ލީވާން ޢަލީ ނާޞިރު ބަންދުކޮށްފައިވާ މައްސަލައަށްވެސް ގަރާރުގައި އަލިއަޅުވައިލާފައިވެއެވެ. އަދި ނޫސްވެރިން ދޫކޮށްލަން ގޮވައިލައި ކުރި އިހުތިޖާޖުގެ ތެރެއިން ބަޔަކު ހައްޔަރުކޮށް، އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށްފައިވާތީ، ގައުމުން ޑިމޮކްރަސީގެ ހަމަތައް ފުހެވި، ސަރުކާރަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށް ބުނެފައިވެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ތިން ރައީސުން ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ސަރުކާރުން ނޫސްވެރިންނަށް އަމާޒުކޮށް ‘ގެގް އޯޑަރެއް’ ނެރެ، ދެ ނޫސްވެރިއަކު ޖަލަށްލައި، އިތުރު ދެ ބޭފުޅެއްގެ ޝަރީއަތް ހިންގަމުންދާ ކަމަށެވެ. އަދި ފާއިތުވި 20 އަހަރު ސިޔާސީ މައިދާނުގައި މަސައްކަތް ކުރެއްވި ތިން ބޭފުޅުންގެ ހައިސިއްޔަތުން ގައުމުގެ މަސްލަހަތު ހިމާޔަތްކުރުމުގެ ޒިންމާއެއް އެބައޮތް ކަމަށާއި، ރައްޔިތުންގެ ހައްގުތައް ހޯދުމަށް މަގުމައްޗަށް ނުކުމެ އެމްޑީޕީއާއެކު މަސައްކަތް ކުރައްވަނީ ގައުމީ މަސްލަހަތަށްޓަކައި ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.

ޓެގް

ތިންރައީސުން ރައީސް ސޯލިޙު ރައީސް ޔާމީން ރައީސް ނަޝީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.