އީރާނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ޓްރަމްޕަށް އޮތް ބާރުތައް ހަނިކުރަން އެމެރިކާ ސެނެޓުން ފާސްކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހަނގުރާމަ ކުރުމުގެ ބާރުތައް ހަނިކުރުމަށް އެގައުމުގެ ސެނެޓުން ފުރަތަމަ ފިޔަވަޅު އަޅައިފިއެވެ. މިއީ އީރާނާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ބާރުތައް ހަނިކުރުމަށް ކުރި ހަތް މަސައްކަތް ނާކާމިޔާބުވުމަށްފަހު، ސެނެޓުން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރެވެ.
އީރާނާ ދެކޮޅަށް އެއްވެސް ހަނގުރާމައެއް ކުރިއަށްގެންދިއުމުގެ ކުރިން ކޮންގްރެސްގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހުށަހެޅި ގަރާރު ސެނެޓުން ފާސްކުރީ 50 ވޯޓުގެ އަގުލަބިއްޔަތުންނެވެ. މި ގަރާރާ ދެކޮޅަށް ވޯޓު ދިނީ 47 ސެނެޓަރުންނެވެ.
މިކަމާ ގުޅިގެން ބައިނަލްއަގުވާމީ ގުޅުންތަކާ ބެހޭ މާހިރު ޖޯން މިއަރޝައިމާ ބުނީ، އެމެރިކާއާ ކުރިމަތިލާނެ ގޮތް އީރާނުގެ ރައްޔިތުންނަށް އެނގޭ ކަމަށެވެ. އަދި އީރާނަށް އަލުން ހަމަލާދޭން ފެށުމަކީ ޓްރަމްޕަށް އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
މިއަރޝައިމާ އިތުރަށް ބުނިގޮތުގައި، އެމެރިކާއާއި އިސްރާއީލުން 40 ދުވަސް ވަންދެން އީރާނަށް ބޮން އެޅިއިރުވެސް އެއްވެސް ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ. އޭގެ ފަހުން އީރާނު ބަންދުކޮށްލުމަށް ކުރި މަސައްކަތް ވެސް ނާކާމިޔާބުވެފައިވާތީ، މި ހަމަަނުޖެހުން ނިންމާލެވެން އޮތް ހަމައެކަނި ގޮތަކީ އީރާނާއެކު އެއްބަސްވުމަކަށް އައުން ކަމަށް އޭނާ ބުންޏެވެ.
މި ފާސްކުރި ގަރާރަކީ ފާއިތުވި އަހަރުތަކުގައި އެމެރިކާގެ ރައީސުން، ކޮންގްރެސްގެ ރަސްމީ ހުއްދައެއް ނެތް ނަމަވެސް، ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެ ބޭރު ގައުމުތަކުގައި ސިފައިން ބޭނުންކުރުމަށް ގެންގުޅުނު ބާރުތައް ހަނިކުރުމަށް ކުރަމުންދާ މަސައްކަތުގެ ބައެކެވެ. ޚާއްޞަކޮށް 2020 ވަނަ އަހަރު ޓްރަމްޕްގެ ފުރަތަމަ ދައުރުގައި، އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހާރަކޮށްލުމަށް ދިން ހަމަލާއާ ގުޅިގެން ދެގައުމުގެ މެދުގައި ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ހީވުމުން، ރައީސްގެ ހަނގުރާމަ ކުރުމުގެ ބާރުތައް ކަނޑައެޅުމަށް “ވޯ ޕަވާސް އެކްޓް” ގެ ދަށުން ގާނޫނު ހަދާ މަޖިލީހުން ކުރާ މަސައްކަތްތައް ވަނީ ކުރިއަށްވުރެ ވަރުގަދަކޮށްފައެވެ. އޭގެ ފަހުން ވެސް މެދުއިރުމަތީގައި އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނާ ދެކޮޅަށް ހިންގާފައިވާ އަސްކަރީ ހަރަކާތްތަކުގެ ސަބަބުން ސަރަހައްދީ ހަމަޖެހުން ގެއްލި، ބޮޑު ހަނގުރާމައަކަށް މަގުފަހިވަމުންދާތީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތެރޭގައި މި ކަންބޮޑުވުންތައް ވަނީ ބޮޑުވެފައެވެ.



