ޗައިނާއިން ރަޝިޔާގެ ސިފައިންނަށް ތަމްރީނު ދީފައިވޭ – ސިއްރު ލިޔެކިޔުން

ޖަރުމަނުގެ “ޑީ ވެލްޓް” ނޫހުން ސިއްރު ލިޔެކިޔުންތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ޗައިނާގެ އަސްކަރިއްޔާއިން ރަޝިއާގެ ސަތޭކަޔަށްވުރެ ގިނަ ސިފައިންނަށް ޔޫކްރެއިން ހަނގުރާމައަށް ތަމްރީނު ދީފައިވާ ކަމަށް ޔޫރަޕްގެ ޖާސޫސީ އިދާރާތަކުން ގަބޫލުކުރެއެވެ.
ބުދަ ދުވަހު އެ ނޫހުން ޝާއިއުކުރި ރިޕޯޓުގައި ބުނެފައިވާ ގޮތުން، ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީ (ޕީ.އެލް.އޭ) އިން ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު އެ ގައުމުގެ ހަ އަސްކަރީ މަރުކަޒެއްގައި ރަޝިއާގެ ސިފައިންނަށް ސިއްރު ތަމްރީނުތަކެއް ދީފައެވެ.
މި ތަމްރީނުތަކުގައި މައިގަނޑު ގޮތެއްގައި ދަސްކޮށްދީފައިވަނީ ޑްރޯން ބޭނުންކުރުމާއި އިލެކްޓްރޯނިކް ހަނގުރާމައިގެ އުކުޅުތަކެވެ. މި ތަމްރީނުތައް ފުރިހަމަކުރުމަށްފަހު، ރަޝިއާގެ ގިނަ ސިފައިން ވަނީ ވަގުތުން ޔޫކްރެއިންގެ ކުރީގެ ސަފުތަކަށް ފޮނުވާފައެވެ. މީގެ ތެރޭގައި ރަޝިއާގެ އެންމެ ފުންނާބުއުސް ޑްރޯން ޔުނިޓެއް ކަމަށްވާ “ރުބިކޯން” ގެ ސިފައިންވެސް ހިމެނެއެވެ.
އޭ.އެފް.ޕީ ނިއުސް އެޖެންސީން ބުނެފައިވާ ގޮތުގައި، މި ރިޕޯޓުގެ ސައްހަކަން މިނިވަން މުސްތަގިއްލު މަސްދަރަކުން އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ.
ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގައި ވަކި ފަރާތަކަށް ނުޖެހޭނެ ކަމަށް ޗައިނާއިން ބުނަމުންދިޔަ ނަމަވެސް، “ޑީ ވެލްޓް” ގެ މި ރިޕޯޓާއެކު، ބެއިޖިންގް އިން ރަޝިއާއަށް ފޯރުކޮށްދޭ އެހީތެރިކަން ހާމަކޮށްފައިވާ މިންވަރަށްވުރެ ބޮޑު ކަމަށް ކުރެވޭ ތުހުމަތުތަކަށް ބާރު ލިބިގެންދެއެވެ.
މީގެ އިތުރުން، ޗައިނާގެ ސިފައިންވެސް ރަޝިއާގައި ސިއްރު ތަމްރީނުތަކެއް ހާސިލުކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޔޫރަޕްގެ ޖާސޫސީ މަސްދަރުތަކާ ހަވާލާދީ އެ ނޫހުން ބުނެފައިވަނީ، ޗައިނާގެ ގާތްގަނޑަކަށް 600 ސިފައިން މިދިޔަ އަހަރު ރަޝިއާގެ އަސްކަރީ މަރުކަޒުތަކުގައި ބަހައްޓައިގެން، ޓޭންކު ހަނގުރާމައާއި، ބަޑިޖެހުމުގެ އުކުޅުތަކާއި، ވައިގެ ދިފާއީ ނިޒާމުތަކާ ގުޅޭ ތަމްރީނުތައް ހޯދާފައިވާ ކަމަށެވެ.
ހަމައެއާއެކު، ޔޫކްރެއިންގައި ބޭނުންކުރާ ޔޫރަޕާއި އެމެރިކާގެ ޒަމާނީ ހަތިޔާރުތަކާ ބެހޭ ގިނަ މައުލޫމާތުތަކެއް ރަޝިއާއާއި ޗައިނާއާ ދެމެދު ބަދަލުކުރަމުންދާ ކަމަށްވެސް ޖާސޫސީ އިދާރާތަކުން ގަބޫލުކުރެއެވެ. މީގެ ތެރޭގައި ހަނގުރާމައިގެ މައިދާނުން ރަޝިއާ ސިފައިން އަތުލައިގަންނަ ހުޅަނގުގެ އަސްކަރީ ސާމާނުގެ މައުލޫމާތުވެސް ހިމެނެއެވެ.


