ރާއްޖެއިން އިނގިރޭސިވިލާތަށް އެތެރެކުރާ ކަނޑުމަހުގެ ބާވަތްތަކުން ނަގާ ޓެރިފް މިއަދުން ފެށިގެން ކަނޑާލުމަށް އިނގިރޭސި ސަރުކާރުން ނިންމައިފިއެވެ.
މިއީ ރާއްޖޭގެ އެކި ސަރުކާރުތަކުން މިދިޔަ 12 އަހަރު ކުރަމުންދިޔަ މަސައްކަތަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ސިފަކުރައްވާފައެވެ.
މިކަމާއި ގުޅިގެން ސޯސަލްމީޑިއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ މި ނިންމުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ބާޒާރުގައި ދިވެހި މަހަށް އޮތް ފުރުސަތުތައް ފުޅާވެ، މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށެވެ. ދޮށީގެ މަސްވެރިކަމުން ބާނާ ދިވެހި މަހުގެ ބާވަތްތަކަކީ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި އުސޫލުން ހޯދާ އުފެއްދުންތަކަކަށް ވާތީ، މިއީ ބޭރުގެ ކަސްޓަމަރުންނަށްވެސް ލިބޭނެ ބޮޑު ހިތްހަމަޖެހުމެކެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، މި ތާރީޚީ ކުރިއެރުމުން ހާމަވަނީ ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ބަދަހި ގުޅުމެވެ. މި ބަދަލާއެކު ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެކަން ފާހަގަކުރައްވައި، މިކަމުގައި އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް އެމަނިކުފާނު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...