“މައްކާ ރޫޓް” އިނީޝިއޭޓިވްގެ ސަބަބުން ޙައްޖުވެރިންގެ ދަތުރުފަތުރު ފަސޭހަވެގެން ހިނގައްޖެ

ދެ ހަރަމްފުޅާއި ޙައްޖުވެރިންނަށް ޚިދުމަތް ކުރުމަކީ ސައޫދީ އަރަބިއްޔާއިން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަންތަކެވެ.
ކުޅަދާނަވެގެންވާ ކޮންމެ މުސްލިމެއްގެ މައްޗަށް ފަރުޟު ކުރައްވާފައިވާ ޙައްޖުގެ އަޅުކަން އަދާކުރުމަށް، ކުރީ ޒަމާނުގައި ހަފުތާތަކާއި މަސްތަކެއް ހޭދަވެއެވެ. ނަމަވެސް، މިއަދުގެ ޑިޖިޓަލް ޒަމާނުގައި، ސައޫދީ ސަރުކާރުގެ “މައްކާ ރޫޓް” އިނީޝިއޭޓިވްގެ އެހީތެރިކަމާއެކު، މިލިއަނުން ތިބި ޙައްޖުވެރިންނަށް މި ދަތުރު ވަނީ ވަރަށް ބޮޑަށް ލުއިފަސޭހަވެފައެވެ.
މި މަޝްރޫޢުގެ ދަށުން ދަތުރުކުރާ ޙައްޖުވެރިން، ސައޫދީ އަރަބިއްޔާއަށް އެތެރެވުމަށް ބޭނުންވާ އިމިގްރޭޝަންގެ ހުރިހާ މަރުޙަލާތަކެއް އެމީހަކު ފުރާ ޤައުމަކުން ފުރިހަމަކުރެއެވެ. މީގެ ސަބަބުން ސައޫދީ އަރަބިއްޔާއަށް ފޭބުމަށްފަހު އިމިގްރޭޝަން ކައުންޓަރުތަކުގައި ހޭދަވަނީ މަދު މިނެޓުކޮޅެކެވެ.
މިއީ ސައޫދީ ވިޜަން 2030 ގެ ދަށުން، ޙައްޖުވެރިންގެ ތަޖުރިބާ މުއްސަނދިކުރުމަށް ހިންގާ “ޕިލްގްރިމް އެކްސްޕީރިއަންސް ޕްރޮގްރާމް” ގެ ތެރެއިން ތަޢާރަފުކުރި އިންގިލާބީ ބަދަލެކެވެ. 2018 ވަނަ އަހަރު އިޢުލާނުކޮށް، 2019 ވަނަ އަހަރު އަމަލީގޮތުން ފެށި މި ޚިދުމަތުގެ ސަބަބުން، ޙައްޖުވެރިންނަށް އެމީހުންގެ މުޤައްދަސް އަޅުކަމަށް ފުރިހަމައަށް ސަމާލުކަން ދިނުމުގެ ފުރުޞަތު ލިބި، މުޅި ޙައްޖު ދަތުރުގެ ފެންވަރު ވަނީ މަތިވެފައެވެ.
މި ޚިދުމަތް ބޭނުންކުރި ގިނަ ޙައްޖުވެރިން ވަނީ އިންތިޒާމުތަކުގެ ފުރިހަމަކަމަށް ތަޢުރީފުކޮށްފައެވެ. އެފަރާތްތަކުން ފާހަގަކުރި ގޮތުގައި، މި އިންތިޒާމުތަކުގެ ސަބަބުން ނަފްސާނީ ހަމަޖެހުމާއި އަމާންކަން އިޙްސާސް ކުރެވި، އެއްވެސް ތަކުލީފަކާ ނުލައި ޙައްޖުގެ މަނާސިކުތައް ފެށުމަށް މަގުފަހިވެގެން ދިޔައެވެ.
ބަންގްލަދޭޝްގެ ޙައްޖުވެރިއެއް ކަމަށްވާ ނަޖުމުލް ޙަސަން “ޢަރަބް ނިއުސް” އަށް މަޢުލޫމާތު ދެމުން ބުނީ، “މި އަވަސް އަދި ހަރުދަނާ ޚިދުމަތުގެ ސަބަބުން، ހިތްހަމަޖެހުމާއެކު އަޅުކަމުގައި މަޝްޣޫލުވުމުގެ ފުރުޞަތު ލިބިގެންދާ” ކަމަށެވެ. އޭނާ އިތުރަށް ބުނި ގޮތުގައި، ކުރިން ސައޫދީއަށް ފޭބުމަށްފަހު އިމިގްރޭޝަން ކިއުތަކުގައި ވަރަށް ގިނަ ވަގުތު ހޭދަވެއެވެ. ނަމަވެސް މިހާރު ޚާއްޞަ ލޯންޖުތަކެއް މެދުވެރިކޮށް މިކަން ވަނީ ވަރަށް ބޮޑަށް ފަސޭހަވެފައެވެ.
މި މަޝްރޫޢަކީ ސައޫދީ މިނިސްޓްރީ އޮފް އިންޓީރިއާގެ އިސްނެގުމުގެ މަތިން، ޚާރިޖީ ވުޒާރާއާއި، ޙައްޖު އެންޑް ޢުމްރާ މިނިސްޓްރީއާއި، ޞިއްޙީ އަދި މީޑިއާ ވުޒާރާތަކާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މީގެ އިތުރުން ސައޫދީ ޑޭޓާ އެންޑް އާޓިފިޝަލް އިންޓެލިޖެންސް އޮތޯރިޓީ (SDAIA) އާއި، ޒަކާތް، ޓެކްސް އެންޑް ކަސްޓަމްސް އޮތޯރިޓީގެ އެހީތެރިކަންވެސް މިކަމުގައި ލިބެއެވެ.
މިނިސްޓްރީ އޮފް އިންޓީރިއާއިން ވަނީ މި ޚިދުމަތް 10 ޤައުމެއްގެ 17 އެއާޕޯޓަކަށް ފުޅާކޮށްފައެވެ. މިއަހަރު މި ޚިދުމަތުގައި އަލަށް ބައިވެރިވި ސެނެގާލް އަދި ބުރުނާއީގެ އިތުރުން، މޮރޮކޯ، އިންޑޮނޭޝިއާ، މެލޭޝިއާ، ޕާކިސްތާން، ބަންގްލަދޭޝް، ތުރުކީ، އައިވަރީ ކޯސްޓް އަދި ދިވެހިރާއްޖެ މި ޕްރޮގްރާމްގައި ހިމެނެއެވެ.
އިންޑޮނޭޝިއާގެ ޙައްޖުވެރިއެއް ކަމަށްވާ ޙައްޖާ ޚައިރިއްޔާ ބުނި ގޮތުގައި، މި އިނީޝިއޭޓިވްގެ ސަބަބުން އިންޑޮނޭޝިއާގައި ޙައްޖުގެ އިންތިޒާމުތައް ވަނީ އިންގިލާބީ ގޮތަކަށް ރަނގަޅުވެފައެވެ. ސައޫދީއަށް ފޭބުމާއެކު ލަސްކުރުމެއް ނެތި އެމީހުން ތިބޭ ހޮޓަލަށް ގެންދާ ކަމަށާއި، ފޮށިތަންމަތިތައްވެސް ސީދާ ހޮޓަލާ ހަމައަށް ފޯރުކޮށްދޭ ކަމަށް އޭނާ ފާހަގަކުރިއެވެ.
ދުނިޔޭގެ އެންމެ ބޮޑު މުސްލިމް އާބާދީ އޮންނަ އިންޑޮނޭޝިއާއަކީ އެންމެ ގިނަ ޙައްޖުވެރިން ސައޫދީއަށް ފޮނުވާ ޤައުމެވެ. މިއަހަރު އެ ޤައުމުން 221,000 ޙައްޖުވެރިން ދިއުމަށް ވަނީ ހަމަޖެހިފައެވެ.
ތުރުކީން އަންނަ ޙައްޖުވެރިންނަށްވެސް އިސްތަންބޫލްގެ ޚާއްޞަ ޓާމިނަލެއްގައި މި ޚިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ. މި މަސައްކަތުގައި ތުރުކީ ބަހާއި، ޢަރަބި ބަހާއި، އިނގިރޭސި ބަހަށް އަހުލުވެރި މުވައްޒަފުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ބަންގްލަދޭޝްގެ ޙައްޖުވެރިޔާ މުޙައްމަދު މުޙްސިން ބުނި ގޮތުގައި، އަމިއްލަ ޤައުމުގައި ހުރެގެން ހުރިހާ އިޖުރާއާތުތަކެއް ފުރިހަމަކުރެވުމަކީ ވަގުތު ސަލާމަތްވެ، ދަތުރުގެ ވަރުބަލިކަން ކުޑަވެގެންދާ ކަމެކެވެ.
މި މަޝްރޫޢު ފެށީއްސުރެ މިހާތަނަށް 1,254,994 ޙައްޖުވެރިންނަށް މި ޚިދުމަތް ދީފައިވާ ކަމަށް ސައޫދީ ދާޚިލީ ވުޒާރާއިން މަޢުލޫމާތު ދެއެވެ. މީގެ އިތުރުން، “ތަވައްކަލްނާ” އެޕް މެދުވެރިކޮށް ޑިޖިޓަލްކޮށް ޙައްޖު ހުއްދަ ދެއްކޭނެ އިންތިޒާމުވެސް މިހާރު ވަނީ ހަމަޖައްސާފައެވެ. މިއީ ޓެކްނޮލޮޖީގެ އެހީގައި ޙައްޖުވެރިންގެ ދަތުރު ވީހާވެސް އޮމާންކޮށް ކުރިއަށް ގެންދިއުމަށް ސައޫދީ ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތެކެވެ.



