އީރާނަށް ދޭ ހަމަލާއަކުން ގަލްފުގެ ދިއްލުންތައް ނިވިދާނެ ކަމުގެ އިންޒާރު ސީއައިއޭގެ ކުރީގެ އެނަލިސްޓް ދީފި

އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް އާ އަސްކަރީ ހަމަލާއެއް ދީފިނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ކޮށް ގަލްފުގެ ދިއްލުންތައް ނިވިގެން ހިނގައިދާނެ ކަމަށް އެމެރިކާގެ ސީއައިއޭގެ ކުރީގެ އެނަލިސްޓް ލެރީ ޖޯންސަން ބުނެފިއެވެ.
ޖޯންސަން ހާމަކުރި ގޮތުގައި ޑޮނަލްޑް ޓްރަމްޕް މި މައްސަލައިގައި ދޫދޭން ބޭނުންނުވާތީ، އީރާނާއެކު އާ ހަނގުރާމައެއް ފެށުމުގެ ފުރުސަތު މިހާރު އޮތީ އިންތިހާއަށް ބޮޑުވެފައެވެ.
މިފަދަ ހަމަލާއެއް ކުރިއަށް ގެންދިއުމުގައި އެމެރިކާއަށް އޮތް އެންމެ ބޮޑު ސުވާލަކީ ސައޫދީ އަރަބިއްޔާ، ޤަޠަރު އަދި ކުވެއިތުން އެމެރިކާގެ އަސްކަރީ ބޭނުންތަކަށް އެ ގައުމުތަކުގެ ވައިގެ ސަރަހައްދާއި ބާކީ ހުރި މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ ދޭނެތޯ ނުވަތަ ނޫންތޯ ކަމަށް އޭނާ ފާހަގަކުރިއެވެ.
އޭނާ ބުނި ގޮތުގައި ގަލްފުގެ ގައުމުތަކުގެ އެހީތެރިކަމާ ނުލައި އީރާނަށް ދެވަނަ ހަމަލާއެއް ދިނުމަކީ އެމެރިކާއަށް ވަރަށް ބޮޑު ނުރައްކަލަކާ ކުރިމަތިލާންޖެހޭނެ، ބޮޑު ގޮންޖެހުމެކެވެ.
ޓްރަމްޕް އިންޒާރުދީފައިވާ ގޮތަށް އީރާނުގެ ހަކަތަ އުފައްދާ ވަސީލަތްތަކަށް ހަމަލާދިނުމަކީ ވަރަށް ނުބައި ޚިޔާލެއް ކަމަށް ޖޯންސަން ސިފަކުރިއެވެ.
އިސްރާއީލަކީ ކުޑަ ގައުމަކަށް ވުމުން އެ ގައުމުގެ ކަރަންޓުގެ ނިޒާމު ހަލާކުކޮށްލުމަކީ ވަރަށް ފަސޭހަ ކަމެއް ކަމަށް ބުނެ އޭނާ ވަނީ، ހަމަލާގެ ރައްދުގައި ސައޫދީ އަރަބިއްޔާ، ޤަޠަރު، ކުވެއިތު، ބަހުރޭން އަދި ޔޫއޭއީގެ ހަކަތައިގެ ނިޒާމުތައް ވެސް ސުންނާފަތިވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ދީފައެވެ.





