ޚަބަރު

ކުރީގެ ތިން ރައީސުން ތިއްބެވީ ސަރުކާރަށް ދޫދޭގޮތަކަށް ނޫން

ރައީސް މުއިއްޒުގެ ސަރުކާރުން ގައުމު ހަމަމަގަށް އަޅުވައި، ރަނގަޅުކުރަންޖެހޭ ކަންކަން އިސްލާހު ނުކުރަނީސް މިރޭ ފެއްޓެވި މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް ކުރީގެ ތިން ރައީސުން ކަމަށްވާ އިބްރާހީމް މުހައްމަދު ސޯލިހާއި، އަބްދުﷲ ޔާމީން އަދި މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ތިން ބޭފުޅުން ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މި ސަރުކާރުން ގާނޫނުއަސާސީއާ ހިލާފަށް ރައްޔިތުންގެ ހައްގުތަކަށް އަރައިގަނެ، މުއައްސަސާތަކުގެ މިނިވަންކަން ގެއްލުވާލާފައިވާ ކަމަށް ތުހުމަތުކުރެއްވި އެވެ.

ކުރީގެ ރައީސުން ވަނީ މިހާރުން މިހާރަށް ޖަލަށްލާފައިވާ ދެ ނޫސްވެރިން މިނިވަންކުރުމަށާއި، ނޫސްވެރިކަމަށް ހުރަސްއެޅުމަށް ކުރާ ޝަރީއަތްތައް ހުއްޓާލުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ. ރައީސް ޔާމީން ވިދާޅުވީ ސަރުކާރުން މިހާރު ފެންނަނީ ހުދުމުހުތާރު ސިފަތަކެއް ކަމަށާއި، ރައްޔިތުންނަށް ދިމާވެފައިވާ އިގްތިސާދީ ދަތިތަކާއި ޑޮލަރުގެ މައްސަލައަށް ހައްލެއް ނުލިބޭ ކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ބޭނުންވެއްޖެ ނަމަ އަމަލީ ގޮތުން މަގުމައްޗަށް ނުކުމެ އިހުތިޖާޖު ކުރަންވެސް ތައްޔާރަށް ތިއްބެވި ކަމަށް އެ ބޭފުޅުން ހާމަކުރެއްވި އެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދު ފާހަގަކުރެއްވި ގޮތުގައި، އެ ބޭފުޅުންގެ މެދުގައި ހިޔާލުތަފާތުވުންތަކެއް ހުރި ނަމަވެސް، މިވަގުތު ގައުމީ މަސްލަހަތު އިސްކޮށް ޑިމޮކްރެސީގެ ހަމަތައް ހިމާޔަތްކުރުން މާ މުހިންމެވެ. ސަރުކާރުގެ އިސްރާފު ބޮޑުވުމާއި، މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވުން ފަދަ ކަންކަން ހުއްޓުވުމަށް އެކުގައި މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން އެ ބޭފުޅުން ދެއްވި އެވެ. ތިން ރައީސުން ވިދާޅުވީ ސަރުކާރުން މި ގޮވާލުންތަކަށް އިޖާބަދީ އިސްލާހީ ފިޔަވަޅުތައް އަޅަންދެން މި އިއްތިހާދުގެ މަސައްކަތް ދެމިއޮންނާނެ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close