ޚަބަރު

ޑައިވަރުން ގެއްލުނު ހާދިސާއާ ގުޅިގެން ‘ޑޫކް އޮފް ޔޯކް’ ސަފާރީގެ ލައިސަންސް ހިފަހައްޓައިފި

ވ. އަތޮޅުގައި ފީނަން ގޮސް އުޅުނު ފަސް ޑައިވަރުންނަށް ދިމާވި ހިތާމަވެރި ހާދިސާއާ ގުޅިގެން، އެ މީހުން ގެންދިޔަ ‘އެމްވީ ޑޫކް އޮފް ޔޯކް’ ސަފާރީގެ އޮޕަރޭޓިން ލައިސަންސް ޓޫރިޒަމް މިނިސްޓްރީން މުއްދަތެއް ނެތް ގޮތަށް ހިފަހައްޓައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި ގެއްލުނު މީހުންގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ ހަމައެކަނި ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑެވެ. މިނިސްޓްރީން މި ފިޔަވަޅު އެޅީ ހާދިސާގެ ސީރިއަސްކަމަށް ބަލައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސަލާމަތީ މިންގަނޑުތައް ކަށަވަރު ކުރުމުގެ ގޮތުންނެވެ.

މި ހާދިސާގައި މަރުވި އިންސްޓްރަކްޓަރުގެ ހަށިގަނޑު ފެނިފައިވަނީ ކަނޑުގެ 60 މީޓަރު އަޑީގައި އޮތް ހޮހަޅައެއްގެ ތެރެއިން ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ. ރާއްޖޭގައި އާންމުކޮށް ޑައިވްކުރުމުގެ ހުއްދަ އޮންނަނީ 30 މީޓަރާ ހަމައަށް ކަމަށްވާއިރު، މި ހާދިސާ ހިނގި ސަރަހައްދުގައި ހަތަރު ފަތުރުވެރިން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުން މިހާރުވެސް ދަނީ ކުރަމުންނެވެ. ފުލުހުން ކުރިން ފަސް މީހުންވެސް މަރުވެފައިވާ ކަމަށް ބުނެފައިވީ ނަމަވެސް، ފަހުން ވަނީ އެއީ މައުލޫމާތުގެ ކުށެއްކަން ހާމަކޮށް، ފެނުނީ އެކަކު ކަމަށް ބުނެފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން އިލްތިމާސްކޮށްފައިވަނީ ރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ހުރިހާ ފަރާތްތަކަކުން ވެސް ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށެވެ. އަދި ސަލާމަތީ މިންގަނޑުތަކާ ހިލާފުވާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓްރީން ވަނީ ދީފަ އެވެ. މި ހާދިސާއާ ގުޅިގެން ސަފާރީގެ ލައިސަންސް ހިފެހެއްޓީ، އެ އުޅަނދުން ސަލާމަތީ ކަންކަމުގައި އިހުމާލުވެފައިވޭތޯ ބަލައި ތަހުގީގު ކުރުމުގެ ބޭނުމުގަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close