ސިނަމާގައި ނުދައްކާ މަންޒަރުތަކާއެކު “ދުރަންދަރު 2” ގެ އަންކަޓް ވާޝަން މިއަދު ނެޓްފްލިކްސްއަށް

ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ “ދުރަންދަރު: ދަ ރިވެންޖު” ގެ ސެންސަރު ނުކުރާ ނުވަތަ “އަންކަޓް” ވާޝަން، ސިނަމާތަކުގައި ނުދައްކާ މަންޒަރުތަކާއެކު މިއަދު ސްޓްރީމް ކުރަން ފަށައިފިއެވެ.
މި ފިލްމު އިންޑިއާ ފިޔަވައި ދުނިޔޭގެ އެހެން ހުރިހާ ގައުމެއްގެ ބެލުންތެރިންނަށް ނެޓްފްލިކްސް މެދުވެރިކޮށް ބަލާލެވޭ އިރު، އިންޑިއާގައި މި ފިލްމު ރިލީޒްކޮށްފައިވަނީ ޖިއޯ ހޮޓްސްޓާ އިންނެވެ.
ސްޓްރީމިން ޕްލެޓްފޯމްތަކަށް ހާއްސަކޮށް “ދުރަންދަރު: ދަ ރިވެންޖު (ރޯ އެންޑް އަންދޭކާ)” ގެ ނަމުގައި ނެރުނު މި ވާޝަނަކީ ސިނަމާ ވާޝަނަށް ވުރެ ތިން މިނެޓު ދިގު، އިތުރު މަންޒަރުތަކެއް ހިމެނޭ ވާޝަނެކެވެ.
ސިނަމާތަކުގައި 3 ގަޑިއިރާއި 49 މިނެޓަށް ދެއްކި މި ފިލްމުގެ ސްޓްރީމިން ވާޝަންގައި 3 ގަޑިއިރާއި 52 މިނެޓު ހުންނަ އިރު، މީގައި ކުރިން އުނިކޮށްފައިވާ ބައެއް ވަރުގަދަ ޑައިލޮގްތަކާއި އަނިޔާވެރި މަންޒަރުތައް ހިމެނޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އަދިތުޔަ ދާރު ޑައިރެކްޓްކޮށްފައިވާ މި ފިލްމު ރާއްޖެ ގަޑިން މިއަދު މެންދުރުފަހު 1:00 ގައި ސްޓްރީމް ކުރަން ފަށާފައިވާ އިރު، މިއީ މާ ބިރުވެރި އަދި އަސަރުގަދަ ވާޝަނެއްގެ ގޮތުގައި ވަނީ އިޝްތިހާރުކޮށްފައެވެ.
ބޮޑު ތަރުހީބެއް ލިބެމުންދާ މި ފިލްމު މިހާތަނަށް މުޅި ދުނިޔެއިން 1,800 ކްރޯޑް ރުޕީސް (212 މިލިއަން ޑޮލަރު) އަށް ވުރެ ބޮޑު އާމްދަނީއެއް ހޯދާފައިވާ އިރު، މީގެ ލީޑް ރޯލުން ފެންނަނީ ރަންވީރު ސިންގް އެވެ.
މި ފިލްމުގެ މުހިންމު އެހެން ރޯލުތަކުން ސާރާ އަރުޖުން، އަކްޝޭ ކަންނާ، އަރުޖުން ރާމްޕާލް، ސަންޖޭ ދަތު އަދި އާރް މާދަވަން ފަދަ މަޝްހޫރު ތަރިން ފެނިގެންދެއެވެ.


