
ފިލްމު “ޑޮން 3” އިން ކުއްލި ގޮތަކަށް ވަކިވި މައްސަލާގައި ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނެ އެމްޕްލޯއީސް (FWICE) އިން ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންވީރު ސިންގްއާ ދެކޮޅަށް އެއްބާރުލުން ނުދިނުމުގެ ފިޔަވަޅެއް އަޅައި، އޭނާ ބޭންކޮށްފިއެވެ.
މި ނިންމުން ނިންމާފައިވަނީ “ޑޮން 3” ގެ ޑައިރެކްޓަރު ފަރުހާން އަޚްތަރު، ރަންވީރުގެ އަމަލުތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ބުނެ އެ ފެޑެރޭޝަނަށް ރަސްމީކޮށް ޝަކުވާ ހުށަހެޅިތާ ފަސް މަސް ފަހުންނެވެ.
އެ ފެޑެރޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ، މި މައްސަލާގައި ރަންވީރުގެ ބަހެއް ހޯދުމަށް ގިނަ ފުރުސަތުތަކެއް ދެވި، ތަކުރާރުކޮށް ނޯޓިސް ފޮނުވުމުންވެސް އޭނާ އެކަމަށް އިޖާބަދީފައި ނުވާ ކަމަށެވެ. އަދި ފިލްމުގެ ޝޫޓިން ފެށުމަށް އެންމެ ތިން ހަފްތާއަށް ވެފައި ވަނިކޮށް ރަންވީރު މި މަޝްރޫއުން ވަކިވުމުން، ފިލްމީ ދާއިރާގައި މަސައްކަތްކުރާ އެތައް ހާސް އާންމު މަސައްކަތްތެރިންނާއި ދުވަހު މުސާރައަށް މަސައްކަތްކުރާ ފަންނާނުންނަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް ފެޑެރޭޝަނުން ފާހަގަކުރިއެވެ.
މި ފިޔަވަޅާ ގުޅިގެން ރަންވީރު ސިންގްގެ ރަސްމީ ތަރުޖަމާނު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރަންވީރު އަބަދުވެސް ފިލްމީ ދާއިރާގެ އެންމެހައި ފަރާތްތަކަށާއި “ޑޮން” ފްރެންޗައިޒްއަށް ނުހަނު ބޮޑަށް އިހުތިރާމް ކުރާ ކަމަށެވެ. އަދި މި ދާއިރާގެ މަސައްކަތްތަކާއި ގުޅޭގޮތުން ދެކެވޭ ވާހަކަތަކާއި ކުރެވޭ ތުހުމަތުތަކަށް އާންމުކޮށް ރައްދުދީ ބަހުސްކުރުމުގެ ބަދަލުގައި، ރަންވީރު އިޚްތިޔާރުކުރީ ހިމޭންކަން ކަމަށާއި، މިފަދަ ކަންކަން ހައްލުކުރަންވާނީ ފަންނީ ހަމަހަމަކަމާއި ކަރާމާތްތެރިކަމާއެކު ކަމަށް އޭނާ ގަބޫލުކުރާ ކަމަށްވެސް ބަޔާނުގައިވެއެވެ.
މީގެ އިތުރުން ރަންވީރުގެ ޓީމުން ވަނީ މި މައްސަލައިގެ ތެރެއަށް ވަނުމުގެ އެއްވެސް އިހުތިސާސެއް ނުވަތަ ގާނޫނީ ބާރެއް FWICE އަށް ލިބިގެންނުވާ ކަމަށް ބުނެ އެ ފެޑެރޭޝަނަށް އީމެއިލްއެއްވެސް ފޮނުވާފައެވެ. ނަމަވެސް ފެޑެރޭޝަނުން ބުނެފައިވަނީ ސުޕަސްޓާރަކަށް ވިޔަސް އިންޑަސްޓްރީގެ އުސޫލުތަކަށްވުރެ މަތީގައި އެއްވެސް މީހަކަށް ނުހުރެވޭނެ ކަމަށާއި، މި މައްސަލަ ރަސްމީކޮށް ހައްލުވަންދެން ފެޑެރޭޝަންގެ އެއްވެސް މެންބަރަކު ރަންވީރާއެކު މަސައްކަތް ނުކުރުމަށް ވަނީ އަންގާފައެވެ.
