ޚަބަރު

ނޫސްވެރިން މިނިވަންކުރަން ގޮވާލި މުޒާހަރާގެ ތެރެއިން ފުލުހަކަށް އަނިޔާވެ، 9 މީހަކު ހައްޔަރުކޮށްފި

ރޭ މާލޭގައި ކުރިއަށްދިޔަ އިހުތިޖާޖެއްގެ ތެރެއިން ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި ފުލުހަކަށް އަނިޔާވެ، ނުވަ މީހަކު ހައްޔަރުކޮށްފިއެވެ.

މި އެއްވުމަކީ “އަދަދު” ނޫހުގެ ދެ ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އާއި ލީވާން އަލީ ނާސިރު، ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއްގައި ޖަލަށްލުމާ ގުޅިގެން، އެ ދެ ބޭފުޅުން މިނިވަންކުރުމަށް ގޮވާލައި އެމްޑީޕީން އިންތިޒާމުކުރި ހަރަކާތެކެވެ.

މަޖީދީ މަގާއި ޗާންދަނީ މަގު ގުޅުނު ކަންމަތީގައި ކުރިއަށްދިޔަ މި މުޒާހަރާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވިއިރު، އެއްވުން ރޫޅާލުމަށް އެސްއޯ ފުލުހުން ޝީލްޑްތަކާއެކު ނުކުމެ ހަރަކާތްތެރިވާން ފެށީ ރޭ ދަންވަރު 12:30 ހާއިރުއެވެ. މި ހަމަނުޖެހުންތަކުގެ ތެރޭގައި ފުލުހެއްގެ ލޮލުމަތި ފަޅައިގެން ގޮސް އަނިޔާވެފައިވާއިރު، އޭނާއަށް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައެވެ.

މީގެ އިތުރުން، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، އާންމު ދަތުރުފަތުރަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ރޭ ޖުމްލަ ނުވަ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހަތް ފިރިހެނުންނާއި ދެ އަންހެނުންނެވެ. ފުލުހުން ބުނި ގޮތުގައި މި މީހުން ހައްޔަރުކުރަން ޖެހުނީ ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި، އަމުރާ ޚިލާފުވުމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close