އއ. ރަސްދޫގައި ދިވެއްސަކަށް ދިން ރަހުމްކުޑަ ހަމަލާއަކާ ގުޅިގެން ލިބުނު ޒަހަމްތައް ފެނުމުން، އެ ސޮކުގައި ހާލު ދެރަވި އޭނާގެ އުމުރުން ދުވަސްވީ މަންމަ، މާލޭގައި ފަރުވާދެމުން ދަނިކޮށް މިއަދު ވަނީ ނިޔާވެފައެވެ.
މި ހިތާމަވެރި ހާދިސާގައި ނިޔާވެފައިވަނީ ރަސްދޫއަށް ނިސްބަތްވާ ޒާހިދާ އިދުރީސް ކިޔާ އަންހެނެކެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ މިދިޔަ ހުކުރު ދުވަހުގެ ރޭ، ރަސްދޫގައި ގެސްޓްހައުސްއެއް ހިންގާ ޗައިނާގެ ރައްޔިތަކާއި އެތަނުގައި މަސައްކަތްކުރާ ދިވެހި ފިރިހެނަކާ ދެމެދު ފައިސާގެ މުއާމަލާތަކާ ގުޅިގެން ހިނގި ދެބަސްވުމެއްގެ ތެރެއިންނެވެ. އެ ހަމަނުޖެހުމުގައި ޗައިނާ މީހާ ވަނީ ދަގަނޑުބުރިއަކުން ދިވެހި މީހާގެ ބޮލުގައި ޖަހައި ބޮޑެތި ޒަހަމްތަކެއް ދީފައެވެ.
ޒާހިދާގެ ހާލު ދެރަވީ، އެހެން ބަލި މީހަކަށް ގޮވާލަން ހޮސްޕިޓަލަށް ދިޔަ ވަގުތު، ބޮލަށް ލިބިފައިވާ އަނިޔާތަކާއެކު ހޭނެތިފައި އޮތް އޭނާގެ ދަރިފުޅު ކުއްލިއަކަށް ފެނުމާ ގުޅިގެންނެވެ. އެ މަންޒަރު ބަލަން ކެތްނުކުރެވިގެން ޒާހިދާ ވަގުތުން ހޭނެތިގެން ވެއްޓުނު އިރު، އޭނާއަށް ޖެހުނީ ހާޓްއެޓޭކެއް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ މައުލޫމާތު ލިބެއެވެ.
ހާލަތު ސީރިއަސްވުމުގެ ސަބަބުން ދަރިފުޅާއި މަންމަ ވެސް އިތުރު ފަރުވާއަށް މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް، ޒާހިދާ ނިޔާވީ ހޭނުލައި އޮއްވައެވެ. އަނިޔާ ލިބުނު ދަރިފުޅުގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށްވެއެވެ.
މި މައްސަލައާ ގުޅިގެން ހަމަލާދިން ޗައިނާ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށްފަހު ފަހުން ދޫކޮށްލުމުން، ރަސްދޫގެ ރައްޔިތުން ވަނީ އެކަމާ ނުރުހުން ފާޅުކޮށް އޭނާ ހިންގާ ގެސްޓްހައުސް ކުރިމަތީގައި އަޑުއުފުލާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...