ޚަބަރު

ގާނޫނާ ތަކުރާރުކޮށް ހިލާފުވި ކަމަށް ބުނެ ޕީއެންއެފް އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތަކުގައި ސިޔާސީ ޕާޓީތަކުގެ ގާނޫނާ ތަކުރާރުކޮށް ހިލާފުވެފައިވާތީ، އެ ޕާޓީ އެއްލައްކަ ރުފިޔާއިން އިލެކްޝަންސް ކޮމިޝަނުން (އީސީ) ޖޫރިމަނާކޮށްފިއެވެ.

މިކަން ހާމަކޮށް އިލެކްޝަންސް ކޮމިޝަނުން ރައީސް ޔާމީނަށް އެޑްރެސްކޮށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ޕީއެންއެފް އިން ސިޔާސީ ޕާޓީގެ ގާނޫނުގެ 45 ވަނަ މާއްދާއާ ތަކުރާރުކޮށް ހިލާފުވަމުންދާތީ، އެ ގާނޫނުގެ 49 ވަނަ މާއްދާގެ ދަށުން 100,000 ރުފިޔާގެ ޖޫރިމަނާއެއް ކަނޑައަޅާފައިވާ ކަމަށެވެ.

އީސީން ވަނީ ޕީއެންއެފްގެ ހަރަކާތްތަކުގައި ގާނޫނާ ހިލާފު އަމަލުތައް ނުހިންގުމަށް ނަސޭހަތްތެރިވެ، މިފަދަ ކަންކަން ތަކުރާރުވާނަމަ އެ އަމަލެއް ހިންގާ ފަރުދުންނާ މެދުވެސް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި މި މައްސަލައިގައި މަޝްވަރާ ކުރުމަށް ކޮމިޝަނުން ދިން ދައުވަތަށް އެ ޕާޓީން އިންކާރުކޮށްފައިވާ ކަމަށްވެސް އީސީން ބުނެއެވެ.

ކޮމިޝަނުން އިތުރަށް ފާހަގަކުރި ގޮތުގައި، ސިޔާސީ ހަރަކާތްތައް ހިންގުމުގެ މިނިވަންކަން އޮތީ ގާނޫނުއަސާސީއާއި، ސިޔާސީ ޕާޓީގެ ގާނޫނުގެ އިތުރުން ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނުގެ ހުދޫދުގެ ތެރޭގައެވެ.

މި ފިޔަވަޅު އަޅާފައި މިވަނީ، ސަރުކާރުގެ ނުފޫޒު ބޮޑުވެގެން ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު މި މަހުގެ އެއްވަނަ ދުވަހު އިސްތިއުފާ ދެއްވާފައިވަނިކޮށެވެ.

ޕީއެންއެފް އިން ސޯފާއެއް ބޭނުންކޮށްގެން މާލޭގެ މަގުތަކުގައި މި މުޒާހަރާތައް ފަށާފައިވަނީ “އަދަދު” ނޫހުން ގެނެސްދިން ޑޮކިއުމަންޓްރީއަކާ ގުޅިގެންނެވެ. މި ހަރަކާތްތައް ވަގުތުން ބްރޯޑްކާސްޓް ކުރާތީ، އެކަން ހުއްޓާލުމަށް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ޗެނަލް 13 އަށްވެސް މީގެ ކުރިން އަންގާފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close