ޚަބަރުކުޅިވަރު

ރެއާލްގެ މައްޗަށް ކުރިހޯދައި ބާސެލޯނާ އިން ސްޕެނިޝް ލީގުގެ ރަސްކަން އިއާދަކޮށްފި

ވާދަވެރި ރެއާލް މެޑްރިޑް 2-0 އިން ބަލިކޮށް، ސްޕެނިޝް ލީގުގެ ތަށި ބާސެލޯނާ އިން ރޭ ކަށަވަރުކޮށްފިއެވެ.

މިއީ އެ ކްލަބުން މި ތަށި އުފުލާލި 29 ވަނަ ފަހަރެވެ. ބާސެލޯނާގެ ދަނޑުގައި ކުޅުނު މި މެޗުން ލިބުނު މޮޅާއެކު، ލީގުގައި ބާކީ ތިން މެޗު އޮއްވައި އެ ޓީމުން ވަނީ ތާވަލުގެ އެއްވަނައިގައި 14 ޕޮއިންޓުގެ ބޮޑު ލީޑެއް ނަގާފައެވެ. ރޭގެ ނަތީޖާއާއެކު ބާސެލޯނާއަށް 91 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ރެއާލަށް ލިބިފައިވަނީ 77 ޕޮއިންޓެވެ.

މުޅި މެޗު ކަހަލަ ގޮތަކަށް ބާސެލޯނާ އިން ކޮންޓްރޯލް ކުރިއިރު، މެޗުގެ ފުރަތަމަ ލަނޑު 9 ވަނަ މިނިޓުގައި ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ މާކަސް ރެޝްފޯޑެވެ. އޭގެ ކުޑަވަގުތުކޮޅެއް ފަހުން، 18 ވަނަ މިނިޓުގައި ޑެނީ އޮލްމޯ ދިން ބޯޅައަކުން ފެރާން ޓޮރޭޒް ވަނީ ބާސެލޯނާގެ ދެވަނަ ލަނޑު ޖަހައި ލީޑު ފުޅާކޮށްދީފައެވެ. ރެއާލްގެ ގޯލްކީޕަރު ތިބައު ކޯޓުއާ އަށް މި ދެ ހަމަލާ ހުއްޓުވުމުގައި މާ ބޮޑު ކަމެއް ނުކުރެވުނުއިރު، ރެއާލުން ލަނޑެއް ޖެހުމަށް ކުރި މަސައްކަތްތައް ކާމިޔާބުވާ ގޮތެއް ނުވިއެވެ.

އަނިޔާގެ ސަބަބުން ކީލިއަން އެމްބާޕޭ ނުލައި ކުޅުނު ރެއާލް މެޑްރިޑަށް މިއީ ޖެހިޖެހިގެން ތަށްޓެއް ނުލިބި ނިންމާލަން ޖެހުނު ދެވަނަ ސީޒަނެވެ. މެޗުގެ ދެވަނަ ހާފުގައި ޖޫޑް ބެލިންހަމް ޖެހި ލަނޑެއް އޮފްސައިޑްވުމުން ބަލައިނުގަތްއިރު، މެޗު ފެށުމުގެ ކުރިން ވަނީ ބާސެލޯނާގެ ކޯޗު ހަންސީ ފްލިކްގެ ބައްޕަ މަރުވުމާ ގުޅިގެން އޭނާގެ ހަނދާނުގައި ސުކޫތެއް ގެނެސްފައެވެ. ނަމަވެސް މެޗު ނިމުމުން ޓީމަށް ލިބުނު މި ކާމިޔާބީއާއެކު ބާސެލޯނާގެ ސަޕޯޓަރުން އަންނަނީ މަގުތަކަށް ނުކުމެ އުފާފާޅުކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close