ޚަބަރު

“އައިޝާ” ޑޮކިއުމެންޓްރީގެ މައްސަލައިގައި “އަދަދު” ނޫހުގެ ސީއީއޯ އާއި އެޑިޓަރުގެ މައްޗަށް ދައުވާ އުފުލައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ތުހުމަތުތަކެއްކޮށް “އަދަދު” ނޫހުން ނެރުނު “އައިޝާ” ޑޮކިއުމެންޓްރީއާ ގުޅިގެން، އެ ނޫހުގެ ސީއީއޯ ހުސެއިން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ގަޒުފްކުރުމުގެ ކުށުގެ ދައުވާ ކްރިމިނަލް ކޯޓުން އުފުލައިފިއެވެ.

މި މައްސަލައިގައި ފުލުހުން ވަނީ މިދިޔަ މަހުގެ ފަހުކޮޅު އެ ދެ ބޭފުޅުން ހާޒިރުކޮށް ސުވާލުކުރުމުގެ އިތުރުން، ކޯޓު އަމުރެއްގެ ދަށުން އެ ނޫހުގެ އޮފީސް ވެސް ބަލައި ފާސްކޮށްފައެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ވަނީ އެ ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވެސް އާންމު ނުކުރުމަށާއި، މުޖުތަމައުގެ ތެރޭގައި އެ ވީޑިއޯ ދައުރު ނުކުރުމަށް އަންގާފައެވެ. އަދި މައްސަލައިގެ ހަސްމަކާ ނުވަތަ ކުށުގެ ޝިކާރައަށްވީ ފަރާތާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށް އަމުރުކޮށް، އެފަދަ ކަމެއް ކުރުމަކީ ކޯޓުގެ ހުރުމަތް ކެނޑުން ކަމުގައި ބެލެވޭނެ ކަމަށް ވެސް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މި ޝަރީއަތަކީ މުޖުތަމައުގެ އަހްލާގީ އުސޫލުތައް ހިފެހެއްޓުމަށާއި އަބުރު ރައްކާތެރިކުރުމުގެ ގޮތުން ސިއްރުކޮށްގެން ކުރިއަށް ގެންދާ މައްސަލައެއް ކަމަށް ކޯޓުން ބުނެއެވެ. ފުލުހުންގެ ތަހުގީގަށް ހާޒިރުކުރުމުން ފިޔާޒާއި ހަސަން ހަނު ހުރުމުގެ ހައްގު ބޭނުންކޮށްފައިވާއިރު، ކޯޓުން މި ފިޔަވަޅުތައް އަޅާފައިވަނީ ކުށް ސާބިތުވުމުގެ ކުރިން މީހެއްގެ އަބުރަށް އުނިކަން އައުން ހުއްޓުވުމަށާއި ދައުވާ ލިބޭ ފަރާތާއި ޝިކާރައަކަށްވީ ފަރާތުގެ މަސްލަހަތު ހިމާޔަތްކުރުމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close