ޚަބަރު އޭޝިއާ މީޑިއާ ސަމިޓަށް ސާކްގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެ ވަޑައިގެންފި

އޭޝިއާ މީޑިއާ ސަމިޓަށް ސާކްގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެ ވަޑައިގެންފި

އޭޝިއާ މީޑިއާ ސަމިޓަށް ސާކްގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެ ވަޑައިގެންފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އޭޝިއާ ޕެސިފިކް އިންސްޓިޓިއުޓް ފޮރ ބްރޯޑްކާސްޓިންގ ޑިވެލޮޕްމަންޓް (އޭއައިބީޑީ) އިން އިންތިޒާމްކޮށްގެން ރާއްޖޭގައި ބާއްވާ ބައިނަލްއަޤްވާމީ މީޑިއާ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ސާކްގެ ސެކްރެޓަރީ ޖެނެރަލް ގޯލަމް ސަރުވާރު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ މި ސަމިޓް އިންތިޒާމްކުރާ ފަރާތް ކަމަށްވާ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބާއި، ޗެއަރޕަރސަން އައިމިނަތު ނަމްޒާއެވެ.

މިމަހުގެ 11 އިން 14 އަށް ވިލާ ނޯޓިކާ ރިސޯޓުގައި ކުރިއަށްގެންދާ މި ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ އިތުރުން ޓިމޯ ލެސްޓްގެ ސްޓޭޓް ސެކްރެޓަރީ ފޮރ ސޯޝަލް ކޮމިއުނިކޭޝަންސް އެކްސްޕެޑިޓޯ ލޯރޯ ޑިއާސް ޒިމެނެސް ވެސް ވަނީ މިއަދު ރާއްޖެ ވަޑައިގެންފައެވެ. މި ސަމިޓަކީ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކުގެ މީޑިއާ ދާއިރާގެ އެންމެ އިސްވެރިން އެއްތަނަކުން ބައްދަލުވާނެ ބޮޑު ހަރަކާތެކެވެ.

“މޯލްޑިވްސް 2.0 ފްރޮމް ޓްރެޑިޝަން ޓު ޓެކް” މި ޝިއާރުގެ ދަށުން ބާއްވާ މިއަހަރުގެ ސަމިޓުގައި ސަރަޙައްދީ އެކި ޤައުމުތަކުން 200 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާނެއެވެ. ސަމިޓް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 12 ވަނަ ދުވަހު ކަމަށްވީ ނަމަވެސް، މާދަމާ އިން ފެށިގެން ސަމިޓުގެ ޕްރީ-ވޯކްޝޮޕްތައް ކުރިއަށްދާނެއެވެ.

ޕްރީ-ސަމިޓްގެ ދަށުން ކުރިއަށްގެންދާ ފަސް ވޯކްޝޮޕެއްގައި، މީޑިއާގެ ދާއިރާއަށް މިހާރު ކުރިމަތިވަމުންދާ މުހިންމު ގޮންޖެހުންތަކާއި ކުރިއެރުންތަކަށް އަލިއަޅުވާލާނެއެވެ. އޭގެ ތެރޭގައި ނިއުސް ޕްރޮޑަކްޝަންގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރުމާއި، ޑިޖިޓަލް މީޑިއާގެ އިތުބާރު ހިފެހެއްޓުމުގެ އިތުރުން މޫސުމީ ބަދަލުތަކަށް އަހުލުވެރިވުމުގައި މީޑިއާގެ ދައުރާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވޭނެއެވެ.

ސަމިޓްގެ ޕްލިނަރީ ސެޝަންތައް މިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު، މި ބައްދަލުވުން ނިންމާލުމުގެ ގޮތުން 14 ވަނަ ދުވަހު ކުޑަގިރީގައި ޚާއްޞަ ހަރަކާތެއް ކުރިއަށްދާނެއެވެ. އެއީ ތިމާވެށި ރައްކާތެރިކުރުމުގެ މެސެޖާ އެކު ކުރިއަށްގެންދާ މުރަކަ އިންދުމުގެ ހަރަކާތެކެވެ.

މި ސަމިޓަކީ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ބްރޯޑްކާސްޓިންގ ދާއިރާ ހަރުދަނާކޮށް، ޒިންމާދާރު ނޫސްވެރިކަމެއް ކުރިއެރުވުމަށްޓަކައި ޤައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް ލިބޭ މުހިންމު ފުރުޞަތެކެވެ. ސަމިޓްގެ އެންމެ ފަހުގެ އިންތިޒާމްތައް ޕީއެސްއެމުން މިހާރު ދަނީ ނިންމަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.