ބޭރުދުނިޔެ

އަމިއްލަ ޖަރީމާތައް ފޮރުވަން އެމެރިކާއިން ސަލާމަތީ މަޖިލީހުގެ ނުފޫޒު ބޭނުންކުރަނީ: އީރާން

އެމެރިކާއާއި އިސްރާއީލުން ހިންގަމުންދާ ޣައިރު ގާނޫނީ އަމަލުތައް އޮޅުވާލުމަށްޓަކައި އދ. ގެ ސަލާމަތީ މަޖިލީހުގެ ނުފޫޒު އެމެރިކާއާއި ބަހްރޭނުން ނަހަމަ ގޮތުގައި ބޭނުންކުރަމުންދާ ކަމަށް ބުނެ އީރާނުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ސައްޔިދު އައްބާސް އަރަގްޗީ، އދ. ގެ ސެކްރެޓަރީ ޖެނެރަލްއަށާއި ސަލާމަތީ މަޖިލީހުގެ ރިޔާސަތަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ހޮރްމޫޒް ކަނޑުއޮޅީގެ މަޝްރަހާ ގުޅޭގޮތުން އެމެރިކާއާއި ބަހްރޭނުން ހުށަހެޅި ގަރާރަކީ ހަގީގަތް އޮޅުވާލައި އުދުވާނީ އަމަލުތަކަށް އޮތް ގާނޫނީ ހުރަސްތައް ނައްތާލުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

އަރަގްޗީ ވިދާޅުވި ގޮތުގައި، ހޮރްމޫޒް ކަނޑުއޮޅީގައި މިހާރު އުފެދިފައިވާ ނުތަނަވަސްކަމަކީ އެމެރިކާއާއި ޒަޔަނިސްޓު އިސްރާއީލުން އީރާނާ ދެކޮޅަށް ފަށާފައިވާ ބާތިލު ހަނގުރާމައިގެ ސީދާ ނަތީޖާއެކެވެ. އަދި އެމެރިކާގެ އައްސޭރިފަށާ އެތައް ހާސް މޭލެއް ދުރުގައި އޮތް ސަރަހައްދެއްގައި ހިނގާ ކަންކަމުގެ ތެރެއަށް ވަދެ، އެމެރިކާއިން ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފުވަމުންދާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

އީރާނުގެ އުޅަނދުތަކަށް ހަމަލާދީ، ކަނޑުގެ މަގުތައް ބަންދުކޮށް އެމެރިކާއިން ހިންގަމުންދާ ޖަރީމާތައް މި ގަރާރުގައި ހިމަނާފައި ނުވާކަން ފާހަގަކުރައްވައި، އަރަގްޗީ ވިދާޅުވީ މި ހުށަހެޅުމަކީ ވަކި ފަރާތަކަށް ޖެހިފައިވާ ތައައްސަބުން ފުރިގެންވާ ހުށަހެޅުމެއް ކަމަށެވެ.

ބައިނަލްއަގުވާމީ މުޖުތަމައުން މިފަދަ އުދުވާނީ ރޭވުންތަކަށް ހުށިޔާރުވުމަށް ގޮވާލައްވަމުން، ސަލާމަތީ މަޖިލީހަކީ ބައެއް ގައުމުތަކުގެ ބާތިލު އަމަލުތައް ހުއްދަކުރާ ވަސީލަތަކަށް ވިޔަދީގެން ނުވާނެ ކަމަށްވެސް އީރާނުގެ ޚާރިޖީ ވަޒީރުގެ ސިޓީގައި ބަޔާންކުރައްވާފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close