ޚަބަރުކުޅިވަރު

ދެވަނަ ލެގުގައި އެތުލެޓިކޯ ބަލިކޮށް 20 އަހަރަށް ފަހު އާސެނަލް ޗެމްޕިއަންސް ލީގުގެ ފައިނަލަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި އެތުލެޓިކޯ މެޑްރިޑް 1-0 އިން ބަލިކޮށް، 2-1 ގެ އެގްރިގޭޓް ނަތީޖާއަކުން އާސެނަލް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މިއީ 2006 ވަނަ އަހަރުގެ ފަހުން އެ ޓީމު މި މުބާރާތުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މިދިޔަ ހަފުތާގައި އެތުލެޓިކޯގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އާސެނަލަށް ކުރިހޯދައިދިން ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 45 ވަނަ މިނިޓުގައި ޖަހައިދިނީ ބުކާޔޯ ސަކާއެވެ. މިއީ ލެއަންޑްރޯ ޓްރޮސާޑް ފޮނުވާލި ހަމަލާއެއް ކީޕަރު ޔެން އޮބްލަކް އަތުގައި ޖެހިފައި ނުކުތް ވަގުތު ސަކާ ގޯލަށް ބޯޅަ ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ. ދެވަނަ ހާފުގައި އެތުލެޓިކޯގެ ޖޫލިއާނޯ ސިމިއޯނީ އާއި އަލެކްސަންޑަ ސޯލޯތަށް ލިބުނު ފުރުސަތުތައް އާސެނަލްގެ ޑިފެންޑަރުން ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

އާސެނަލްގެ ތާރީޚުގައި ދެވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރިއިރު، މި މަހުގެ 30 ވަނަ ދުވަހު ހަންގޭރީގެ ބުޑަޕެސްޓުގައި ކުޅޭ ފައިނަލުގައި އެ ޓީމު ބައްދަލުކުރާނީ ޕީއެސްޖީ ނުވަތަ ބަޔާން މިއުނިކާ އެވެ. މީގެ ކުރިން 2006 ވަނަ އަހަރު ކުޅުނު ފައިނަލުގައި އާސެނަލް ވަނީ ބާސެލޯނާ އަތުން ބަލިވެފައެވެ. އެހެންކަމުން މިފަހަރުގެ ފައިނަލް ވެގެންދާނީ ޔޫރަޕްގެ އެންމެ ޝަރަފުވެރި ތަށި ފުރަތަމަ ފަހަރަށް ހޯދުމަށް އާސެނަލަށް ލިބޭ ރަން ފުރުސަތަކަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close