ޚަބަރު

‘އަދަދު’ ޑޮކިއުމަންޓަރީގެ ތަހުގީގަށް އީޝާ އަޝްރަފް މިރޭ ފުލުހަށް ހާޒިރުވާން އަންގައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް ‘އަދަދު’ ނޫހުން އާންމުކުރި ޑޮކިއުމަންޓަރީގެ މައްސަލައިގައި، އީޝާ އަޝްރަފް މިރޭ 9:00 އަށް ހުޅުމާލޭ ފޭސް 1 ގެ ފުލުސް އޮފީހަށް ހާޒިރުވާން އަންގައި ޗިޓު ފޮނުވައިފި އެވެ.

ފުލުހުންގެ ޗިޓުގައިވާ ގޮތުން އޭނާ ހާޒިރުކުރަނީ މިދިޔަ މާޗު މަހު ‘އަދަދު’ އޮންލައިންގެ އެކްސް އެކައުންޓުގައި ރައީސަށް ގަޒްފުކޮށް އާންމުކުރި ‘އައިޝާ’ ނަމުން ނަންދީފައިވާ ވީޑިއޯ ރިޕޯޓުގައި އޭނާގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވޭތީ އެވެ.

މި މައްސަލައިގެ ތަހުގީގަށް އީޝާގެ ޕާސްޕޯޓާއި ޓްރެވެލް ޑޮކިއުމަންޓްތައް މިހާރު ވަނީ އަންނަ ޖުލައި މަހުގެ ނިޔަލަށް ހިފަހައްޓާފަ އެވެ. ފުލުހުން ކޯޓުގައި ބުނެފައިވަނީ އީޝާ ރާއްޖެއިން ފުރައިގެން ފިލަން އުޅޭ ކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށެވެ. މީގެ ކުރިން މި ސަރުކާރުގެ ސިޔާސީ މަގާމުތަކެއް ފުރާފައިވާ އީޝާގެ އިތުރުން، ‘އަދަދު’ ނޫހުގެ ސީއީއޯ ހުސެން ފިޔާޒް މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުގެ ޕާސްޕޯޓު ވެސް މި މައްސަލައިގައި ވަނީ ހިފަހައްޓާފަ އެވެ.

މި ޖިނާއީ ތަހުގީގާ ގުޅިގެން ފުލުހުން ވަނީ މީގެ ކުރިން ‘އަދަދު’ ނޫހުގެ އޮފީސް ފާސްކޮށް، އެ ތަނުން ބައެއް އިލެކްޓްރޯނިކް ޑިވައިސްތައް ގެންގޮސްފަ އެވެ. މިހާތަނަށް މި މައްސަލައިގައި ފިޔާޒާއި ހަސަން ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފައިވާއިރު، އެޑިޓަރު ހަސަންގެ މައްޗަށް ޖިނާއީ ފަސް ކުށެއްގެ ތުހުމަތު ފުލުހުން ވަނީ ކޮށްފަ އެވެ. މި ތަހުގީގަކީ ރައީސް މުއިއްޒުގެ އަބުރަށް އުނިކަން ލިބޭ ފަދަ ދޮގު މައުލޫމާތު ފެތުރި ކަމަށް ބުނެ ހިންގާ ތަހުގީގެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close