ލަންދޫގައި ޤުރުއާނީ ޖީލެއް ބިނާކުރުމުގެ އުންމީދުގައި ފެށި، އައިޓީކިއުގެ ފުރަތަމަ ޤުރުއާން މުބާރާތް ބާއްވައިފި

ނ. ލަންދޫގައި ކީރިތި ޤުރުއާނުގެ ޢިލްމު ފަތުރައި، ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް އޮތް ލޯބި އިތުރުކޮށް، ތަޖުވީދުގެ ހަމަތަކުން ފިލާވަޅުތައް އުނގަންނައިދިނުމުގެ މަތިވެރި މަޤުޞަދުގައި އެ ރަށުގައި ހިންގާ “އިންސްޓިޓިއުޓް އޮފް ތިވާތުލް ޤުރުއާން” (އައިޓީކިއު) އިން ބޭއްވި ފުރަތަމަ ޤުރުއާން މުބާރާތް ފަޚުރުވެރި ކާމިޔާބީއަކާއެކު ނިންމާލައިފިއެވެ.
މި މުބާރާތުގައި އެ އިންސްޓިޓިއުޓްގެ 190 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވެއެވެ. ޖުމްލަ 7 އުމުރުފުރާ އަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި މުބާރާތުގައި ބަލައިގެން ކިޔެވުމާއި ނުބަލާ ކިޔެވުމުގެ ގޮފި ވަކިން ކުރިއަށް ގެންގޮސްފައިވެއެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދިޔަ މި މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވާފައިވަނީ ރާއްޖޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ތަޖުރިބާކާރު އަދި ޤާބިލު ތިން ބޭފުޅުންނެވެ.
މި މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް އިއްޔެ ލަންދޫ ސްކޫލުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ލަންދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒް މުހައްމަދެވެ. މި ޖަލްސާގައި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ބެލެނިވެރިން ބައިވެރިވެފައިވެއެވެ.
މުޅި މުބާރާތުން އެންމެ މޮޅު ވަނަތައް ހޯދި ދަރިވަރުންނަކީ:
1 ވަނަ: މަނާލް ބިންތު މޫސާ (ސޯސަންގެ، ނ. ލަންދޫ)
2 ވަނަ: މަރިޔަމް ޝައިހާ (ރިލެކްސް، ނ. ލަންދޫ)
3 ވަނަ: އައިދިން އަބްދުﷲ އާރިފް (ބުލޫކިޔާގެ، ނ. ލަންދޫ)
މި މުބާރާތުން ފެނިގެންދިޔަ އެންމެ ތަފާތު އަދި އުންމީދީ އެއް ކަމަކީ، އައިޓީކިއު އިން ހިންގާ ބެލެނިވެރިންގެ ކުލާހުގައި ކިޔަވާ 6 ބެލެނިވެރިއަކު މި މުބާރާތުގައި ބައިވެރިވެ ޤުރުއާން ކިޔެވުމެވެ. އެ ފަރާތްތަކުގެ ހިތްވަރާއި ކެރުންތެރިކަން ފާހަގަކޮށް، އިއްޔެގެ ރަސްމިއްޔާތުގައި އެ ހަ ބެލެނިވެރިންނަށް ވަނީ ރަން މެޑެލް ހަވާލުކޮށްފައެވެ. މުބާރާތުގެ ފަނޑިޔާރުން ފާހަގަކުރެއްވި ގޮތުގައި، މިފަދަ މުބާރާތެއްގައި ބެލެނިވެރިން ބައިވެރިވުމަކީ ރާއްޖޭގައި ވަރަށް މަދުން ނޫނީ ނުފެންނަ، ނަމަވެސް ނަމޫނާ ކަމެކެވެ. އަދި މިއީ ރަށުގައި ޤުރުއާނީ ޖީލެއް ބިނާކުރުމަށްޓަކައި އެޅުނު ވަރަށް ވަރުގަދަ ބިންގަލެއްކަން ފަނޑިޔާރުން ފާހަގަކުރެއްވިއެވެ.
މި މުބާރާތުގެ ވަނަތަކަށް ހޮވުނު ދަރިވަރުންނަށް އަގުބޮޑު އިނާމުތަކާއި ޝީލްޑްތައް ވަނީ ހަވާލުކޮށްފައެވެ. އައިޓީކިއު އަކީ މިހާރު ލަންދޫގެ ދަރިންނަށް ކީރިތި ޤުރުއާން އުނގަނައިދިނުމުގައި ރަށުގެ މައި ތަނބުގެ ގޮތުގައި ފާހަގަކުރެވޭ މުހިންމު އިންސްޓިޓިއުޓެކެވެ. އައިޓީކިއު އިން ބޭއްވި މި ފުރަތަމަ މުބާރާތަކީ ލަންދޫގެ ރައްޔިތުންނަށް ދެއްކި ވަރަށް ފުރިހަމަ މިސާލެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.

