ޚަބަރު

އަލަން އިންތިހާބުވި ކައުންސިލަރުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާނެ އުސޫލު އެލްޖީއޭއިން އާންމުކޮށްފި

އަލަށް އިންތިޚާބުވި ކައުންސިލަރުން ހުވާކުރުމާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުން އިޤްރާރުވުމުގެ ދަރުބާރު ކުރިއަށްގެންދަންޖެހޭ ގޮތުގެ ޚާއްޞަ އުސޫލެއް ލޯކަލް ގަވަމަންޓް އޮޓޯރިޓީ (އެލްޖީއޭ) އިން މިއަދު އާންމުކޮށްފިއެވެ.

މިމަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ރަސްމިއްޔާތު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށްދާނީ އެއްވަގުތެއްގައެވެ.

އެލްޖީއޭގެ އުސޫލުގައިވާ ގޮތުން، ރަށުގައި ފަނޑިޔާރަކު ނެތް ހާލަތެއްގައި އޮންލައިންކޮށް ހުވައިލައިދިނުމުގެ އިންތިޒާމު ހަމަޖައްސަންޖެހޭނެއެވެ. އަދި ރަސްމިއްޔާތުގެ ފޮޓޯ އާއި ވީޑިއޯ ބޭންކުގެ ޕޯޓަލްއަށް އަޕްލޯޑްކުރުމުގެ އިތުރުން، މީޑިއާތަކަށް ފޯރުކޮށްދިނުމަކީ ވެސް ކައުންސިލް އިދާރާތަކުގެ ޒިންމާއެކެވެ. މީގެއިތުރުން، ފުރަތަމަ ބައްދަލުވުން ނިމޭތާ ތިން ގަޑިއިރު ތެރޭގައި މެންބަރުންގެ މައުލޫމާތު ‘މަގޭ ކައުންސިލް’ ޕޯޓަލްގައި އަދާހަމަކުރަން ޖެހެއެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ކޮންމެ ދައުރެއް ފެށޭއިރު މިފަދަ ރަސްމިއްޔާތެއް ބޭއްވުމަކީ ގާނޫނީ ގޮތުން ލާޒިމު ކަމެކެވެ. އެލްޖީއޭއިން ބުނީ މި ރަސްމިއްޔާތުގައި ރަށުގެ ވީހާވެސް ގިނަ ރައްޔިތުންނާއި ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުން ބައިވެރިކުރުމަށްޓަކައި މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން ރަށު ތެރޭގައި އިއުލާންކުރަން ޖެހޭނެ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close