މަރަށް ވެސް ނުގުޑި ވަރުގަދަ މައިވަންތަ ލޯބި އެންމެ ފޮޓޯއަކުން

އިންޑިއާގެ މަދްޔަޕްރަދޭޝްގެ ނަރުމަދާ ކޯރުގައި ހިނގި ހިތާމަވެރި ބޯޓު ބަންޑުންޖަހާލުމުގެ ހާދިސާގައި، މަރުގެ ތުންފަތްމަތީގައިވެސް މައެއްގެ ލޯބި ސާބިތުކޮށްދިން އަސަރުގަދަ މަންޒަރަކުން މުޅި ދުނިޔޭގެ ލޮލުން ކަރުނަ ހިލުވާލައިފިއެވެ. ފުން ފެންގަނޑުގެ އަޑިން ފެނުނު މި މަންޒަރަކީ، ކުއްލިއަކަށް އައި ބާރުގަދަ ތޫފާނެއްގައި ބޯޓު ފުުރޮޅާލި ނާމާން ވަގުތު، އަމިއްލަ ފުރާނައަށްވުރެ ދަރިފުޅުގެ ސަލާމަތަށް އިސްކަންދީ، އެންމެ ފަހު ނޭވާއާ ހަމައަށްވެސް އެ ދަރިފުޅު މޭގައި ފިއްތާލައިގެން އޮތް މަންމައެއްގެ މަތިވެރި ގުރުބާނީގެ ހެއްކެކެވެ.
މި ހާދިސާ ހިނގާފައިވަނީ ނިމުނު އޭޕްރީލް މަހުގެ 30 ވީ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 ހާއިރު، މަދްޔަޕްރަދޭޝްގެ ބަރްގީ ޑޭމް ސަރަހައްދުގައެވެ. ތިރީސް މީހުންނާއެކު ދަތުރުކުރި އެ ކްރޫޒް ބޯޓު ބަންޑުންޖަހާލީ މޫސުން ގޯސްވެ، އައި ބާރުގަދަ ތޫފާނެއްގެ ސަބަބުން ބޯޓުގެ ކޮންޓްރޯލް ގެއްލިގެންނެވެ.
ހާދިސާގައި މިހާތަނަށް 24 މީހަކު ސަލާމަތްކުރެވިފައިވާއިރު، އޭގެ ތެރެއިން 17 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. ނަމަވެސް، ފަސް ކުޑަކުދިން ހިމެނޭހެން އަދިވެސް ނުވަ މީހަކު ނުފެނިވާކަމަށް ރިޕޯޓްތައް ބުނާއިރު، މީހުން ހޯދުމުގެ މަސައްކަތް ސަލާމަތީ ބާރުތަކުން ދަނީ ހުއްޓުމެއްނެތި ކުރަމުންނެވެ.
މި ހިތާމަވެރި ހާދިސާގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނީ، މަރުވެފައި އޮތް މަންމައަކާއި އޭނާގެ ހަތަރު އަހަރުގެ ފިރިހެން ދަރިފުޅުގެ ހަށިގަނޑު ފެނުނު އާދަޔާޚިލާފު ގޮތަށެވެ. މީހުން ސަލާމަތްކުރަން އުޅުނު ފަރާތްތަކަށް އެ ދެމަފިރިން ފެނުނުއިރު، މަންމަ އޮތީ އޭނާގެ ދަރިފުޅު މޭގައި ބާރަށް ބައްދާލައިގެންނެވެ. މި މަންޒަރަކީ ކޮންމެފަދަ ތޫފާނަކަށްވުރެވެސް މައިވަންތަ ލޯބި ބާރުގަދަވާނެކަން ހާމަކޮށްދިން، ހިތްކުދިކުދި ކޮށްލި ފޮޓޯއެކެވެ.
ހާދިސާއިން ސަލާމަތްވި މީހުން ކިޔައިދޭ ގޮތުގައި، ހުރިހާ ކަމެއްވެސް ހިނގީ ހީވެސް ނުކުރާހާ އަވަހަށެވެ. ބޯޓަށް ފެން ވަދެ އަޑިއަށްދާން ފެށުމާއެކު، މީހުންގެ ހަޅޭކުގެ އަޑާއި ބިރުވެރިކަމުން މުޅި ސަރަހައްދު ގުގުމާލިއެވެ. ސަލާމަތްވި މީހުންގެ ތެރޭގައި ހިމެނޭ ސައްޔިދު ރިޔާޒް ހުސައިން ބުނި ގޮތުގައި އޭނާ ދިރިހުރީ މުޢުޖިޒާތަކުންނެވެ. އޭނާ ދެ ގަޑިއިރު ވަންދެން ފެނުގެ އަޑީގައި ނޭވާލެވޭ ފަދަ ހަނި ތަނެއްގައި ތާށިވެފައި އޮތްއިރު، ކުރިމަތިން މީހުންގެ ހަށިގަނޑުތައް އޮޔާދިޔަ މަންޒަރަކީ ދުވަހަކުވެސް ހިތުން ފިލާނެ މަންޒަރެއް ނޫނެވެ.
މި ހިތާމަވެރި ހާދިސާއިން އިންސާނީ ކުލުނާއި އާއިލީ ގުޅުމުގެ ވަރުގަދަކަން ފެނިގެންދިޔަ ނަމަވެސް، މިއީ މޫސުމީ ނުރައްކާތަކަށް ސަމާލުވުމުގެ މުހިންމުކަން ވަރަށް ބޮޑަށް ހަނދާންކޮށްދިން ފިލާވަޅެކެވެ. މަރުގެ ތުންފަތްމަތީގައިވެސް ދަރިފުޅު ދޫކޮށްނުލި އެ މަންމަގެ ލޯތްބަކީ، އިންސާނިއްޔަތު އޮތްހާ ހިނދަކު ދުނިޔެ ހަނދާންކުރާނެ އަސަރުގަދަ ވާހަކައަކަށް ވަނީ ވެފައެވެ.


