އަމިއްލަ ނަފުސަށް ގެއްލުންދިނުމަކީ ބޮޑުވެގެންވާ ފާފައެއް: ޚުޠުބާ

އިންސާނާގެ ފުރާނައަކީ މާތް ﷲ ދެއްވާފައިވާ މުގައްދަސް އަމާނާތެއްކަމާއި، ދިރިއުޅުމުގެ ގޮންޖެހުންތަކާ ކުރިމަތިލާއިރު އަމިއްލަ ނަފުސަށް ގެއްލުންދިނުމަކީ ދީނީ ގޮތުން ބޮޑުވެގެންވާ ފާފައެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބަޔާންކޮށްފިއެވެ. “ނަފުސާއި އަބުރަށް ރައްކާތެރިވާށެވެ!” މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި ޚުތުބާގައި، މިހާރަކަށް އައިސް މުޖުތަމަޢުގައި އިތުރުވަމުންދާ ގަނާކުރުމުގެ ނުބައި އާދައިގެ ސަބަބުން، ކުށެއް ނެތް ޒުވާން ފުރާނަތައް ގެއްލެމުންދާތީ އެކަމާ މެދު ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
ޚުތުބާގައި ފާހަގަކުރި ގޮތުގައި، ދިރިއުޅުމުގައި ދިމާވާ މުޞީބާތްތަކަކީ އިންސާނާ އިމްތިޙާނުކުރެއްވުމަށް މެދުވެރިކުރައްވާ ކަންކަމެވެ. އެފަދަ ހާލަތްތަކުގައި ކެތްތެރިވުމުގެ ބަދަލުގައި އަމިއްލައަށް މަރުވުމަކީ ޙަރާމްކުރައްވާފައިވާ ކަމެއްކަން ހަނދާންކޮށްދެމުން، އަމިއްލައަށް މަރުވާ މީހުންގެ މައްޗަށް ރަސޫލާ ($SAW$) ކަށުނަމާދު ނުކުރައްވާކަން ޚުތުބާގައި ފާހަގަކުރިއެވެ. އެއީ އެފަދަ އަމަލުތަކުން މީހުން ދުރުހެލިކުރުވުމަށް ކުރެއްވި ކަމެއް ކަމަށާއި، ނަމަވެސް އެފަދަ މީހުންނަށް އާންމު މުސްލިމުން ކަށުނަމާދު ކުރަންޖެހޭނެ ކަމަށް ޢިލްމުވެރިންގެ ބަހުން ޚުތުބާގައި ދަލީލު ދެއްކެވިއެވެ.
މިއަދުގެ ޚުތުބާގައި އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވަނީ ‘ގަނާކުރުން’ ނުވަތަ ބުލީކުރުމުގެ ސަބަބުން ކުރިމަތިވާ ނަފްސާނީ އަދި އިޖުތިމާޢީ މައްސަލަތަކަށެވެ. މީހުންނަށް ފުރައްސާރަކުރުމާއި އަބުރަށް އަރައިގަތުމަކީ ނަރަކައިގެ ޢަޛާބު ހައްގުވާ ފަދަ ކަމެއްކަން ހަނދާންކޮށްދެމުން، ބަހާއި އަމަލުން ލިބޭ އިންޒާރުތަކުގެ ސަބަބުން މައިންބަފައިންނާއި މުދައްރިސުންނަށް ކަންކަން ހިއްސާކުރަން ނުކެރި ތިބެ، ކިތަންމެ ދަރިވަރުންނެއް ދުނިޔެ ދޫކުރަމުންދާކަމީ ހިތްދަތި ކަމެއްގެ ގޮތުގައި ޚުތުބާގައި ސިފަކުރިއެވެ.
“ބިރުދެއްކުމާއި ބަހާއި ޢަމަލުން ލިބޭ އިންޒާރުތަކުގެ ސަބަބުން، މައިންބަފައިންނާއި މުދައްރިސުންގެ ގާތުގައި ވާހަކަ ބުނަން ނުކެރި ތިބެ، ކުށެއް ނެތް ކިތައް ދަރިވަރުން ދުނިޔެ ދޫކުރޭ ހެއްޔެވެ؟” – ހުކުރު ޚުތުބާ
ޚުތުބާ ނިންމާލަމުން ވަނީ ސައިބާ ކްރައިމްތަކާއި ގަނާކުރުން ހުއްޓުވުމަށް ޤާނޫނީ ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް އިލްތިމާސްކޮށްފައެވެ. އަދި ބެލެނިވެރިންނާއި މުދައްރިސުން ދަރިންގެ ކަންކަން ގާތުން ބަލައި، އެކުދިންނަށް ދިމާވާ ގޮންޖެހުންތަކުގައި އޯގާތެރިކަމާއެކު އެހީތެރިވެދިނުމަށް ނަޞޭޙަތްތެރިވިއެވެ. ކެތްތެރީންނަށް މާތް ﷲ ވަޢުދުވެވޮޑިގެންފައިވަނީ ސުވަރުގެކަން ހަނދާންކޮށްދީ، ހުރިހާ ހާލަތެއްގައިވެސް މާތް ﷲ ގެ ރަޙުމަތުން އުއްމީދު ކަނޑާނުލުމަށް ޚުތުބާގައި ގޮވާލިއެވެ.
