އެމެރިކާގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޕާސްޕޯޓުގައި ރައީސެއްގެ ފޮޓޯ ޖަހަނީ

އެމެރިކާގެ ޑިމޮކްރެޓިކް އުސޫލުތަކާއި ޒަމާންވީ ސަގާފަތާ ޚިލާފަށް، އެ ގައުމުގެ ޕާސްޕޯޓުގައި ފުރަތަމަ ފަހަރަށް ވެރިކަމުގައި ހުރި ރައީސެއްގެ ފޮޓޯ ހިމަނަން ނިންމައިފި އެވެ. ސްޓޭޓް ޑިޕާޓްމަންޓުން އަންގާރަ ދުވަހު ހާމަކުރި ގޮތުގައި، ޑޮނަލްޑް ޓްރަމްޕްގެ ފޮޓޯ ހިމެނޭ މި ޕާސްޕޯޓުތައް ނެރެނީ އެމެރިކާގެ މިނިވަންކަމަށް 250 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންނެވެ.
މި “ލިމިޓެޑް އެޑިޝަން” ޕާސްޕޯޓުގެ ފަރުމާގައި ފެންނަނީ 1776 ވަނަ އަހަރުގެ މިނިވަންކަމުގެ ބަޔާނުގެ މަތީގައި ޓްރަމްޕްގެ ފޮޓޯއެއް އިންނަ މަންޒަރެވެ. އަދި އޭގެ ތިރީގައި އޭނާގެ ސޮއި ރަންކުލައިން ޖަހާފައިވެ އެވެ. ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓޮމީ ޕިގޮޓް ވިދާޅުވީ ޖުލައި މަހު ފާހަގަކުރާ ތާރީޚީ މުނާސަބަތާ ގުޅިގެން މި ހާއްސަ ޕާސްޕޯޓުތައް ދޫކުރަން ތައްޔާރުވަމުންދާ ކަމަށެވެ.
ނަމަވެސް، މި ޕާސްޕޯޓު ލިބުމުގައި އާންމުންނަށް ބޮޑެތި ހުރަސްތަކެއް ހުންނާނެ އެވެ. އޮފިޝަލުން ވިދާޅުވި ގޮތުގައި ޓްރަމްޕްގެ ފޮޓޯ ޖެހި ޕާސްޕޯޓު ލިބޭނީ ހަމައެކަނި ވޮޝިންޓަންގައި ހުންނަ އޮފީހަށް އަމިއްލައަށް ހާޒިރުވެގެން ޕާސްޕޯޓު ހަދާ މީހުންނަށް އެކަނި ކަމަށެވެ. ޕާސްޕޯޓަށް އެދޭ މީހުންނަށް ފޮޓޯ ޖެހުމާއި ނުޖެހުމުގެ އިޚްތިޔާރު އޮތްކަމެއް އަދި ސާފެއް ނުވެ އެވެ.
މި ނިންމުމާ ގުޅިގެން އިދިކޮޅު ޑިމޮކްރެޓުން ވަނީ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއަށް ބޯޑު ފާޑުކިޔުންތަކެއް އަމާޒުކޮށްފަ އެވެ. ޑިމޮކްރެޓުން ބުނާ ގޮތުގައި ޓްރަމްޕްގެ އަމިއްލަ ފަޚުރުވެރިކަން އިތުރުކުރުމަށް ޓެކްސް ފައިސާ އިސްރާފު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގެ ޕާސްޕޯޓުތަކަށް ބަލާއިރު، ވެރިކަމުގައި ތިބޭ މީހުންގެ ފޮޓޯ ޖެހުމަކީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެކެވެ. އުތުރު ކޮރެއާގެ ޕާސްޕޯޓުގައި ވެސް ކިމް ޖޮންގް އުންގެ ފޮޓޯގެ ބަދަލުގައި ހުންނަނީ އެ ގައުމުގެ ގުދުރަތީ ރީތި މަންޒަރުތަކެވެ. އެމެރިކާގެ ޕާސްޕޯޓުގައި ވެސް މިހާތަނަށް ބޭނުންކުރަމުން އައީ ސްޓެޗޫ އޮފް ލިބަޓީ ފަދަ ތާރީޚީ ރަމްޒުތަކެވެ.
ޓްރަމްޕް ދެވަނަ ފަހަރަށް ވެރިކަމަށް އައި ފަހުން، ސަރުކާރުގެ މުއައްސަސާތަކުގައި އޭނާގެ ނަމާއި ސޫރަ ބޭނުންކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މިގޮތުން، އެމެރިކާގެ ޑޮލަރު ނޫޓުތަކުގައި ވެސް ވަރަށް އަވަހަށް ޓްރަމްޕްގެ ސޮއި ފެންނަން ފަށާނެ ކަމަށް ޓްރެޒަރީ ޑިޕާޓްމަންޓުން ވަނީ ބުނެފަ އެވެ.




