ދުޝަމަނުން ހިތާމަކުރަން ޖެހޭވަރު ކުރާނަން: މޭޖަރ ޖެނެރަލް ހާތަމީ

އީރާނަށް ގޯނާކުރާ ދުޝަމަނުން އެމީހުންގެ އަމަލުތަކާ މެދު ހިތާމަކުރަން ޖެހޭވަރު ކުރާނެ ކަމަށް، އީރާނުގެ އަސްކަރިއްޔާގެ ކޮމާންޑަރ-އިން-ޗީފް މޭޖަރ ޖެނެރަލް އަމީރު ހާތަމީ ވިދާޅުވެއްޖެއެވެ.
ޕާސް ޓުޑޭއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މޭޖަރ ޖެނެރަލް ހާތަމީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް ކަމަށްވާ އެކްސް، އިންސްޓަގްރާމް އަދި ވިރާސްޓީގައި ބުނެފައިވަނީ، އީރާނުގެ ކާމިޔާބީގެ ހަގީގީ މަގަކީ ދެކޮޅުވެރިކަމާއި ސާބިތުކަން ދެއްކުން ކަމަށެވެ. އަދި އުދުވާން ހިންގާ އިސްރާއީލާއި އެމެރިކާގެ ވެރިންނަށް ރައްދު ދިނުމުގައި އީރާނު ފަހަތަށް ނުޖެހޭނެ ކަމަށް އޭނާ ފާހަގަކުރިއެވެ.
ހާތަމީ ވިދާޅުވި ގޮތުގައި، އީރާނުގެ ހުރިހާ ރައްޔިތުންނާއި، ހަތިޔާރު އެޅި ބާރުތަކާއި، ސަރުކާރުގެ ތިން ބާރުގެ މެދުގައި އޮތް “އިލްތިިހާދީ” ވަރުގަދަ ގުޅުމުގެ ސަބަބުން، އުދުވާނީ ބާރުތައް ބަލިކުރެވޭނެއެވެ. އޭނާގެ މެސެޖުގައި ބުނެފައިވަނީ، އިސްލާމީ އިންގިލާބުގެ ލީޑަރުގެ އިރުޝާދުގެ ދަށުން، ނަތަންޔާހޫ އާއި ޓްރަމްޕް ފަދަ އުދުވާނީ ލީޑަރުންގެ ރޭވުންތައް ފެއިލްކޮށްލާނެ ކަމަށެވެ.
މެސެޖް ނިންމާލަމުން ހާތަމީ ވިދާޅުވެފައިވަނީ، “އެއް ކަލާނގެއެއް، އެއް ލީޑަރެއް، އެއް އުންމަތެއް އަދި އެއް މަގަކީ” އީރާނުގެ ނަޞްރަށް އޮތް ހަމައެކަނި މަގު ކަމަށެވެ. އަދި އީރާނަށް ކާމިޔާބީ ލިބޭނީ ސާބިތުކަމާއެކު ދުޝަމަނުންނަށް ނޫނެކޭ ބުނެގެން ކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ.




